ފުލުހުންގެ މުއައްސަސާއަކީ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއް ނޫންކަމަށް އިމްރާނަށް އަންގައިފި

ފުލުހުންގެ މުއައްސަސާއަކީ ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއް ނޫންކަމަށް އިމްރާނަށް އަންގައިފި

Author
މުޙައްމަދު ޝަޒައިމް
18 އޮކްޓޯބަރ 2021 10:08
0

މިހާތަނަށް ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިންގަމުން ދިޔަ، ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީން ވަކިކޮށްފިއެވެ.

މިބަދަލު އައިސްފައިވަނީ ފުލުހުންގެ ޤާނޫނަށް ގެނައި ބަދަލުތަކާއި ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯމް މިނިސްޓަރ އިމްރާނަށް ފޮނުވާފައިވާ ސިޓީއަކީ ޞައްޚަ ސިޓީއެއްކަން ޚަބަރު އޮންލައިނަށް ވަނީ ކަށަވަރު ވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ސޮއި ކުރައްވައި ހޯމް މިނިސްޓަރ އިމްރާނަށް މިމަހުގެ 14 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ 5/2008 ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދަވައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ ދަށުން ހިންގަމުންދާގޮތަށް ހަމަޖައްސަވާފައިވާ "މޯލްޑިވްސް ޕޮލިސް ސާވިސް" އަކީ ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ހިދުމަތުގެ ޤާނޫނު) ގެ ދަށުން އުފައްދާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" ކަމުގައި އެ ޤާނޫނުގައި ބަޔާން ކުރާތީއާއި، އެ ޤާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން 2021 މާޗު 27 ވަނަ ދުވަހުގެ ފެށިގެން ނިމިމަކަށް ގެނެވިފައިވާ ކަމަށެވެ.

އަދި، އެ މިނިސްޓްރީގެ މަސައްކަތް ދެން ކުރަން ހަމަޖައްސާފައިވާ ގޮތުގެ ލިޔުމެއް ރައީސް އޮފީހުން ވަނީ މިނިސްޓަރު އިމްރާނަށް ފޮނުވާފައެވެ. ސޯޝަލް މީޑިއާގައި މިހާރު ސިޓީ ދައުރު ވަމުންދާއިރު މިކަމާއި ގުޅިގެން ހޯމް މިނިސްޓްރީން އަދި ވަކި އެއްޗެއް ބުނެފައިނުވެއެވެ.

ފުލުހުންގެ މުއައްސަސާ ހޯމް މިނިސްޓްރީން ވަކި ކޮށްފައިވާއިރު، ދެން ފުލުހުންގެ މުއައްސަސާ ބަލަހައްޓަނީ ކޮން އިދާރައަކުން ކަމެއް ސަރުކާރުން ނުބުނެއެވެ. މިނިސްޓަރ އިމްރާނަށް މިފަހުން މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ މެމްބަރުންގެ ވަރަށް ބޮޑެތި ފާޑުކިޔުންތަކެއްވެސް ވަނީ އަމާޒުވެފައެވެ. އެގޮތުން މިނިސްޓްރީ ހިންގެވުމުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭކަމަށް ބުނެ ބޮޑެތި ފާޑުކިޔުންވަނީ އަމާޒުވެފައެވެ.

ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ބާރުތަކާއި އެ ޚިދުމަތާގުޅޭ އެނޫންވެސް ކަންކަން ބަޔާންކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މިޤާނޫނަށް އަމަލު ކުރަން ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ފުލުހުންގެ ޤާނޫނު ގެ ދަށުން ޤާއިމުކުރެވިފައިވާ "މޯލްޑިވްސް ޕޮލިސް ސަރވިސް"، މި ޤާނޫނުގެ ދަށުން އުފައްދާ "ދިވެހި ފުލުހުންގެ ޚިދުމަތަށް" ބަދަލުވާނެއެވެ. ނަމަވެސް "ދިވެހި ފުލުހުންގެ ޚިދުމަތް" އަށް އިނގިރޭސި ބަހުން ބޭނުންކުރާނެ ނަމަކީ "މޯލްޑިވްސް ޕޮލިސް ސަރވިސް"ކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ޚާއްޞަ ސިފަތަކުގެ ތެރޭގައި ފުލުހުންނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، މަދަނީ އަދި ސަލާމަތީ ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، މުޅި ދިވެހިރާއްޖެއަށް އިންތިޒާމުކުރެވިގެންވާ އެއް ޚިދުމަތެއްގެ ގޮތުގައި ހިމެނުމާއި، އިދާރީ ގޮތުން ހިންގުން ލާމަރުކަޒީކޮށް އިންތިޒާމުކުރެވިފައިވާ، އަދި ވަޒީފާއާބެހޭ ޤާނޫނުން އިސްތިސްނާ ލިބިގެންވާ ޚިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައެޅިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.