އދ. ދަނގެތީގައި އަނިޔާވެރިކޮށް މަރާލި ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝްގެ މުހައްމަދު ސާލިމް ކަންތައް ކުރި ގޮތް އޭނާ ލައްވާ ފުލުހުން ކުޅުވައިފިއެވެ.
ސާލިމަކީ އެ ރަށުގައި އުޅޭ އުމުރުން ދުވަސްވީ މީހެއްކަމަށްވާ އާދަމްބެ ބަލަހައްޓަން ހުންނަ ބިދޭސީއެކެވެ. އެ ރަށު ނެދުންގޭގައި ދިރިއުޅެނީ ސާލިމާއި އާދަންބެ އެކަންޏެވެ. އެ ގެއަކީ މަހުމޫދު މަރައިލައިފައި އޮތް ގޭގެ ބިއްދޮށުގައި ހުންނަ ގެއެކެވެ.
ސާލިމް ލައްވައި ފުލުުހުންވަނީ އޭނާ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެން މަހުމޫދު ފެނުމާއި ހަމަޔަށް އޭނާގެ އަމަލުތައް ހުރިގޮތް ކުޅުވާފައެވެ. އަދި އެރޭ އޭނާގެ އަމަލުތައް ހުރި ގޮތާއި، އޭނާ ދިޔަ ތަންތަނާއި، ދެއްކި ވާހަތައްވެސް ފުލުހުން ވަނީ އޭނާ ލައްވައިކިޔައިދީ ކުޅުވާފައެވެ. މިމަންޒަރުތައް ބެލުމަށް އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ޖަމާވެސް ވިއެވެ.
ފުލުހުން ސާލިމް ގޮވައިގެން ނެދުންގޭ ތެރޭގައި ފަކީރާތަކަކާއި ލައިޓުތަކެއް ހިފައިގެން ވެސް އުޅުނެވެ. ބޮޑަށް ބެލެވޭ ގޮތުގައި އެރޭ އޭނާ އެތަކެތިވެސް ބޭނުންކޮށްފައިވެއެވެ.
ސާލިމް އިއްޔެ ހައްޔަރުކޮށް، އޭނާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން މިއަދު 15 ދުވަސް ދީފައިވާއިރު، ސާލިމް ގޮވައިގެން ފުލުހުން މިއަދު ވަނީ ޝައްކު ކުރެވޭ ބައެއް ތަންތަނަށް ގޮސްފައެވެ.
މަހުމޫދުގެ މަރާއި ސާލިމްއާ ގުޅުން ހުރި ވަރާ ގުޅޭ ގޮތުން ފުލުހުން އަދި މީޑިއާގައި ވާހަކައެއް ނުދައްކަ އެވެ. އެހެންވެ، ތަހުގީގުގައި އޭނާ މި ކަމަށް އެއްބަސްވި ނަމަ އެއްބަސްވި ވަރެއް އަދި ނޭނގެއެވެ. އެކަމަކު މަހުމޫދު ގެއްލުނު ރެ އާއި ސާލިމްގެ އަމަލުތައް ހުރި ގޮތުން ޝައްކު ކުރެވޭ ކަންކަން ބައެއް މީހުން ވަނީ ފުލުުހުންނަށް ކިޔައިދީފައެވެ. އޭގެ ތެރޭގައި ނެދުންގޭގެ ތެރެއިން އާދަޔާ ހިލާފު އަޑުތަކެއް އިވުމާއި އެ ގޭގެ ފާރުމަތިން ބޯ ދިއްުކުރި މީހަކަށް ފެނުނު ކަމަށް ބުނާ ބައެއް މަންޒަރުތައް ހިމެނެއެވެ.
މަހުމޫދު މަރައިލި މައްސަލައިގެ ތުހުމަތަށް ސާލިމް ހައްޔަރު ކުރުމުން ދަނގެތީގެ ބައެއް މީހުން ތިބީ ހައިރާން ވެފައެވެ. ސަބަބަކީ އެއީ ވަރަށް މަޑުމަޑުން ހުންނަ މިފަދަ ކަމަކަށް އަރައިފާނެ ކަމުގެ އެއްވެސް ކަހަލަ ނިޝާނެއް މީގެ ކުރިން ފެނިފައިވާ ބިދޭސީއަކަށް ނުވުމެވެ.
One Response
މަޑުންއިންނަގުރާ ބާރައްދަތްއަޅާނެ މިއޮތީއެގޮތްދިމާވެފައި ބަންގާޅުކޮންމެމީހެއްވެސް އެހާމަކަރުވާނެ