ފަހަކަށް އައިސް ރާއްޖޭގައި ހިނގަމުންދާ އެކި ހާދިސާތަކުގަިއ ރައްޔިތުންނަށް ފުރާނައާއި މުދަލަށް ލިބޭ ގެއްލުން އިތުރުވަމުންދާއިރު މިކަންކަމަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭ ސަބަބާއިމެދު ރައްޔިތުންގެ މަޖިލީހުގެ ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ސުވާލު ކުރައްވައިފިއެވެ.
ކަނޑު މަތީގެ ހާދިސާތަކާއި، އަލިފާނުގެ ހާދިސާތަކާއި އެނޫންވެސް އެކި ހާދިސާތަކުގައި ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތަކަށް ނޭޅޭ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅު ކުރަމުންނެވެ. އިއްޔެވެސް ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި އަންހެނަކު ނިޔާވެ ކުޑަކުއްޖަކުވަނީ ގެއްލިފައެވެ.
ސައުދު ވިދާޅުވީ ދައުލަތުގެ އިދާރާތަކުގައި ތިއްބެވި ވެރިންނަށް ރައްޔިތުންގެ ޓެކްސް ފައިސާއާއި، ޖޫރިމާނާ ފައިސާ ނަގައިގެން މިކަންކަން ރަނގަޅު ކުރެވެންޖެހޭ ކަމަށެވެ. ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅެއް ނޭޅެންޖެހޭ އެއްވެސް ހާލަތެއް ނުފެންނަ ކަމަށް ސައުދު ވިދާޅުވިއެވެ.
ކޮންމެ ދިމާލަކުންވެސް ފެންނަނީ ރައްޔިތުންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅު ނޭޅި ބޮޑެތި ކާރިސާތަކުގައި އިޔާދަ ނުކުރެވޭ ގެއްލުން ވަމުންދާތަން. ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުން އަތުން ޓެކްސް އާއި ޖޫރިމަނާ އަދި އިންޓްރެސްޓް ފައިސާ ހޯދަން ކުރާ މަސައްކަތް ރައްޔިތުންގެ ރައްޔިތުންގެ ރައްކާތެރިކަމަށް ނުކުރެވެނީ ކީއްވެ؟
– ސައުދު ސުވާލު ކުރެއްވިއެވެ.
ސައުދު މިހެން ވިދާޅުވެފައިވާއިރު، ކަނޑުމަތީގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށް، ކަނޑުދަތުރުކުރާއިރު ލައިފް ޖެކެޓް އަޅަން ލާޒިމްވާ ގޮތަށް ގަވައިދު ބަދަލުކޮށް އެ އިސްލާހުތައް ގެޒެޓް ކުރުމަށް ލަފާ ދީ މީގެ ދެ އަހަރު ކުރިން ޓްރާންސްޕޯޓް އޮތޯރިޓީ އަށް ފޮނުވި ނަމަވެސް އެކަން އަދިވެސް ނުވާކަން ވަނީ ހާމަވެފައެވެ.
2019 ވަނަ އަހަރު ހދ. ނޮޅިވަރަންފަރުން ފުރައިގެން އެ އަތޮޅު ހަނިމާދޫއަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި، އޭގައި ތިބި ފަސް މީހަކު މަރުވި ހާދިސާ އާ ގުޅިގެން "ސާޗް އެންޑް ރެސްކިއު ނެޝަނަލް ކޮމިޓީ" އިން ވަނީ ކަނޑުދަތުރުކުރާއިރު މޫސުމީ އެލާޓްތަކާ ގުޅޭ ގޮތުން އަމަލުކުރަން ޖެހޭ ގޮތްތަކެއް ކަނޑައަޅައި، ކަނޑު ސަރަހައްދުގައި ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތާ ބެހޭ ގަވައިދު އިސްލާހުކުރަން ލަފާ ދީފައެވެ. އެ ކަންކަމުގެ ތެރޭގައި، ވަކި ސައިޒެއްގެ އަދި ވަކި ބާވަތްތަކެއްގެ އުޅަނދުތަކުގައި ދަތުރުކުރާއިރު ލައިފް ޖެކެޓް އަޅައިގެން ތިބުން މަޖުބޫރުކުރުމާއި ބައެއް ހާލަތްތަކުގައި ބައެއް އުޅަނދުތައް ދަތުރުކުރުން މަނާވުން ވެސް ހިމެނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، އެމްއެންޑީއެފް އަދި ފުލުހުން ވެސް ހިމެނޭ އެ ކޮމިޓީން ގަވައިދުގައި ހިމަނަންވީ ކަންކަން ޑްރާފްޓް ކުރުމަށް ފަހު ގެޒެޓު ކުރުމަށް އެ ދުވަސްވަރު ޓްރާންސްޕޯޓް މިނިސްޓްރީއަށް ފޮނުވިކަން އެކަން އެނގޭ މީހަކު "މިހާރު" އަށް ކިޔައިދިނެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއިރު ވެސް ގަވައިދު ގެޒެޓު ކޮށްފައި ނުވެއެވެ.
ކޮމެންޓު ފޮނުވާ