ކަނޑުވި ހާދިސާގައި ނިޔާވި ނާހިދާގެ އާއިލާއަށް މައުމޫނާއި، ރައީސް ޞާލިހުގެ ތަޢުޒިޔާ

ކަނޑުވި ހާދިސާގައި ނިޔާވި ނާހިދާގެ އާއިލާއަށް މައުމޫނާއި، ރައީސް ޞާލިހުގެ ތަޢުޒިޔާ

އިއްޔެ ކަނޑުމަތީގައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާއާއި، ރައީސް މައުމޫން ތައުޒިޔާ ވިދާޅުވެއްޖެއެވެ.

12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮތްވައެވެ. އަދި ރާޅު އެރުމާއި ގުޅިގެން 3 މީހަކު މޫދަށް ވެއްޓުނުކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނަކާއި އޭނާގެ 2 ކުދިންކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

މޫދަށް ވެއްޓުނު 3 މީހުންގެ ތެރެއިން އަންހެން މީހާ ނިޔާވެފައިވާއިރު، އޭނާގެ 4 އަހަރުގެ ކުއްޖަކު ވަނީ ގެއްލިފައެވެ. ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުން މިހާރުވެސް ދަނީ ކުރަމުންނެވެ.

މިހާދިސާގައި ނިޔާވި ނާހިދާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެޚަބަރު އަޑުއެހީ ނުހަނު ފުން ހިތާމާގައިކަމަށެވެ. އަދި މަރުހޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި އެމަނިކުފާނު ވަނީ ދުޢާކުރައްވަފާއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓުގައި ވަނީ ކަނޑުމަތީގެ ހާދިސާގައި ނިޔާވި ނާހިދާގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާކޮށްފައެވެ. އަދި ކުޑަކުއްޖާ ހެޔޮ ޞިއްޚަތުގައި ހުއްޓާ ފެނުމުގެ ނަސީބު މިންވަރު ކުރެއްވުމަށް އެދި ވަނީ ދުޢާކުރައްވާފައެވެ.

މިހާދިސާގައި ގެއްލުނު ކުއްޖާ ހޯދުމުގައި ކޯސްޓްގާޑުން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފްއިން ވަނީ ވިދާޅުވެފައެވެ. އެމްއެންޑީއެފްއިން ވިދާޅުވީ މިއަދު މާލެއިން ލ.އަތޮޅަށް ދަތުރުކުރި ލޯންޗަކުން 4 އަހަރުގެ ފިރިހެން ކުއްޖަކު ކަނޑަށް ވެއްޓި ގެއްލުމާއި ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި އާއިލާ ފަރާތުން ދަނީ ކުރަމުންކަމަށެވެ. މިހާދިސާ ހިނގާފައިވަނީ ޅ.އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން އެއް ނޯޓިކަލް މޭލުންކަމަށް ލަފާކުރެވޭކަމަށާއި އެކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއްކަމަށް ކޯސްޓްގާޑުން މައުލޫމާތުދެއެވެ.

މިހާދިސާގެ މަޢުލުމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ 17:10ގައެވެ. އަދި ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ މިހާރު އެސަރަހައްދުގައި ދަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެކުއްޖާއާބެހޭ އެއްވެސް ޚަބަރެއް ވޭތޯ އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއްކަމަށެވެ. އަދި އެކުއްޖާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވުމަށާއި، އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސް ކުރެއްވުމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *