ދިވެހިރާއްޖެއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިގުން ގިނަ ގައުމެކެވެ. ސަބަބުތައްވެސް ގިނައެވެ.
މިގޮތުން ރާއްޖޭގައި ހިގަމުންދާ ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ އަދަދު ގިނަ ވުމާއި، އަދި ކަނޑުމަތީގެ ހާދިސާތައް އަވަސް އަވަހަށް ހިގުމުގެ އެންމެ މައިގަޑު އެއް ސަބަބަކީ، ދިވެހިން ކަނޑަށް ބަރޯވާން ޖެހިފަ ތިބި މިންވަރު ބޮޑުވުމާއި، މޫދާއި ކަނޑުގެ ވަސީލަތުން މެނުވީ ބައެއް ހާލަތްތަކުގައި ދިވެހިންނަށް ބައެއް ކަންކަން ހަމަޖައްސާ ދެކޮޅު ޖެއްސެންވެސް ނެތުމެވެ.
ދިވެހިރާއްޖެގޭ އިހުތިސާސްގެ 90 އިންސައްތައަކީ މޫދާއި ކަނޑު ކަމަށްވެފައި، އެތެރެވަރީގެ ދަތުރު ފަތުރުތައް ކުރުމުގައި، ކަނޑުމަގުން ނޫން އެހެން ވަސީލަތުކުން ދަރުރު ނުކުރެވޭނެ ރަށްތައް ހުރުމާއި، ޖޯގްރަފީގެ ގޮތުން ދިވެހިރާއްޖެ އުފެދި އަދި އެތުރިފައި އޮތް ގޮތުން، ދިވެހިންގެ ދިރިއުޅުން ބައްޓަން ކުރަންޖެހިފައި އޮތީ ކަނޑުމަގުން ދަތުރުފަތުރު ކޮށްގެންނެވެ.
އަދި މީގެ އިތުރުންވެސް، މަސްވެރިކަމާއި، އަދި މިނޫނަސް ދިވެހި ރައްޔިތުންގެ އާމްދަނިއާއި ގުޅި ލާމެހިފައިވާ އެތައް މަސައްކަތެއްވެސް ގުޅި ލާމެހިގެންދަނީ ކަނޑުތަކުގެ ދިރުމާއި އަދި ވަސީލަތްތަތަކުން ލިބެން ހުރި އެތައް ރިޒުގެއްގެ މައްޗަށް ކަމަށްވާއިރު، މޫދާއި ކަނޑުގެ ވަސީލަތުންމެނުވީ އަދިވެސް ގިނަ ދިވެހިންނަށް ބަނޑު ފުރާނަ މުއްތި ކުރެވެން ނެތްކަމީ މިއަދުވެސް ގަބޫލުކުރަ ޖެހިފައިވާ ވަރަށް ބޮޑު ހަގީގަތެކެވެ.
ހިގަމުންދާ ހިތާމަވެރި ހާދިސާތަކާއި މޫސުމީ ބަދަލުތައް!
ރާއްޖެއަކީ އަބަދުވެސް ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ތަކުރާރު ކޮށް ހިގަމުންދާ ގައުމުކެވެ. މިގޮތުން ފަހުގެ ތާރީޚެއްގައި ކަނޑުމަތީގެ އެންމެ ހިތާމަވެރި ހާދިސާއެއް ރާއްޖޭގައި ހިގާފައިވަނީ 2004 ވަނަ އަހަރުގެ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ.
އެދުވަހަކީ ތިނަދޫގެ މަޝްހޫރު އެނަމާ ބޯޓު ބަންޑުން ޖަހާލާ، ފަހުގެ ތާރީޚެއްގައި މަނޑުމަތީގެ އެއް ހާދިަސާއެއްގެ އެންމެ ގިނައަދަދެއްގެ ދިވެހިން ދުނިޔެ ދޫކުރި ހާދިސާއެވެ. 122 މީހުންނާއެކު ގއ. ވިލިގިލިން ފުރައިގެން ގދ. ތިނަދުއަށް ދަތުރު ކުރަމުން ދަނިކޮށް، މި ބޯޑު ބަނޑުންޖަހާލި ހާދިސާގައި ޖުމްލަ 24 މީހުން މަރުވެ 2 މީހަކަށް ވީނުވީއެއް ނޭގި ގެއްލިފައި ވެއެވެ.
މިގޮތުން މިހާދިސާގެ ހަނދާންތައް މިއަދުވެސް މި ހިތާމަވެރި އަދި ނުރައްކާތެރި ޙާދިސާގެ ޝިކާރައަކަށް ވެގެން ގޮސްފައިވާ އެތައްބަޔަކު އާކުރަމުންދާއިރު، މިނޫނަސް، ކަނޑުމަތީގެ އެތައް ހާދިސާއެއްގައި އެތައް ދިވެހިންނެއް ދުނި ދޫކޮށް، އަދި ފަހަކަށް އައިސް އެކަށައަޅާފައިވާ އުސޫލުތަކާއި އަމަލް ކުރަންޖެހޭ ގިނަ ގަވާއިދުތަކާ އެކީވެސް މިފަދަ ހާދިސާތައް ތަކުރާރު ވަމުންދާކަން ފާހަގަ ކޮށްކަން ޖެހެއެވެ.
މިގޮތުން އެންމެ ފަހުން ރާއްޖޭގައި ހިގައިދިޔަ މިފަދަ އެންމެ ހިތާމަވެރި ހާދިސާ ހިގާފައިމިވަނީ، މިހަފްތާގެ 16ވަނަ ދުވަހުއެވެ، މާލެއިން ވ. ފުލިދޫއަށް ބާރަށް ދުވާ ކޯންޗެއްގައި ދަތުރު ކުރަމުންދިޔަ 12 މީހުންގެ ތެރެއިން 4 މީހަކު ކަޑަށްވެއްޓި، ކުޑަކުއްޖަކު ގެއްލި އަދި އެކުއްޖާމެ މަންނަ މިވަނީ ދުނިޔެ ދޫކޮށްފައެވެ.
މި ހިތާމަވެރި ހާދިސާ ހިގާފައި މިވަނީ، ރައްޖޭގެ ހުރިހާ ސަރަހައްދު ތަކެއްގައިވެސް މުސުމް ގޯސްވެ، މެޓް އޮފީހުްނ ޔެލޯ އެލާރޓް ނެރަފައި ވަނިކޮށް، ގަދަ ކަނޑުގައި މި ލޯންޗް ދަތުރު ކުރަމުން ދަނިކޮށް، ލޯންޗުގެ ބަނޑު ފިލައަށް ބިންދާލި ބޮޑު ރާޅެއްގައި ލޯންޗުގެ އެތެރޭގައި ތިބި ބައެއް މީހުން ބޭރަށް ވިއްސައިގެން ގޮސްގެން ކަމުގައި މައުލޫމާތު ލިބިފައި ވެއެވެ.
އަދި މިހާދިސާގައި ކަނޑުވި ދެމީހުންގެ ތެރޭގައި ކުޑަ ފިރިހެން ކުއްޖަކު ހިމެނޭއިރު، އިއްޔެ ހަވީރުއްސުރެ، މި ތުއްތު ކުއްޖާ ހޯދުމަށް އެމްއެންޑީއެފްއިން ކުރަމުންދާ މަސައްކަތް އަދި މިހާތަނަށް ކާމިޔާބު ވެގެން ގޮސްފައި ނުވާއިރު، މި ކުއްޖާ ހޯދުމަށް، މިހާދިސާ ހިގި ސަރަހައްދުން ދަތުރު ކުރަމުންދާ އުޅަދުތަކާއި އަދި ކައިރި ހިސާބުތަކުގެ ރަށްތަކުގެ އެހީތެރިކަމަށްވެސް އެމްއެންޑީއެފްއިންވަނީ އެދިފައެވެ.
މިގޮތުން މި ހިތާމަވެރި ހާދިސާގައި، ގެއްލިގެން އަދިވެސް ހޯދަމުންދާ ތުއްތު ކުއްޖާގެ މަންމަވެސް ދުނިޔެ ދޫކޮށްފައިވާއިރު، ކަނޑުމަތީގެ މިފަދަ ނުރައްކާތެރި ހާދިސާތަކުން ސަލާމަތް ވުމަށްޓަކާ، ސަރުކާރުން ހަދާފައިވާ ގަވާއިދުތައްވެސް ވަރަށް ބޮޑުތަކުން ހަރުދަނާކޮށް، އުސޫލުތައް ވަރުގަދަކޮށް، އަދި ބައެއް ހާލަތްތަކުގައި ލައިފް ޖެކެޓް އަޅައިގެން ނޫނީ ދަތުރު ނުކުރެވޭ ގޮތަށްވެސް ސަރުކާރުގެ ކަމާ ގުޅުންހުރި މުވައްސަސާތަކުން އުސޫލުތައް އެކުލަވާލާފައިވާކަންވެސް ފާހަގަ ކޮށްލަންޖެހެއެވެ.
އާވިސްނުމަކުން ވިސްނާ، އުސޫލުތައް ވަގުރަދަ ކުރުން!
ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާއެކު، މުޅި ދުނިޔެވެސް ކުރިމަތިލަމުން މިދަނީ، މުޅިން ތަފާތު، އާދަޔާ ޚިލާފު މޫސުމީ ބަދަލުތަކުގެ ޒަމާނަކާކަން މިއީ ދުނިޔޭގެ މޫސުމީ ސައިންސްވެރިންވެސް ފާހަކަ ކުރަމުންދާ ކަމެކެވެ. މިގޮތުން ފާހަގަ ކޮށްލެވެން އޮތް އެންމެ މުހިންމު ކަމަކީ، ދުނިޔޭގެ ހޫނުމިން މަތިވަމުން ދާއިރު، މޫސުމީ ބަދަލުތައް އޭގެ އިންތިހާއަށް (އެކްސްޓްރީމް ވެދަރ) ދިއުމަކީ ދުނިޔޭގެ ހުރިހާ ގައުމަކަށްވެސް ކުރިމަތިވަމުންދާ މޫސުމީ އެންމެ ބޮޑު އެއް މައްސަލައެވެ.
މާނައަކީ، ހޫނޫ މޫސުމުގައި ހޫނުމިން އާދަޔާ ޚިލާފަށް މަތިވުމާއި، ފިނި މޫސުމުގައި އާދަޔާ ޚިލާފަށް ފިނި ގަދަވެގެން ދިއުން ފަދަ ބޮޑެތި މައްސަލަތަކާއި ދުނިޔޭގެ އެކި ގައުމުތައް އެކި މިންވަރަށް ވަނީ ކުރިމަތިލާން ޖެހިފައެވެ.
މިގޮތުން ރާއްޖެ ފަދަ، މޫސުމީ ގޮތުން ފިނިހޫނު މިން އެއް މިންގަޑެއްގައި ހިފެހެއްޓިފައި އޮންނަށް ގައުމުތަކަށް ކުރިމަތިވެގެންދާ އެންމެ ބޮޑޫ އެއް ގޮންޖެހުމެއްގެ ގޮތުގައި ފާހަގަ ވެގެން މިދަނީ ގަދަ ވިއްސާރަ އިންތިހާއަށް ގަދަވެ، ވައިބާރުވާ މޫސުމުގައި އިންތިހާއަށް ވައި ބާރުވެ، ވިއްސާރައާއި ވާރެވެހި ވައިގަދަވާ މޫސުމް އިންތިހާއަށް ދިގުލައިގެން ދިއުމެވެ. ނަތީޖާއެއްގެ ގޮތުން ކަނޑު އާދަޔާ ޚިލާފަށް ގަދަވެފައި އޮންނަ ދުވަސްތައ ދިގުލައިގެން ގޮސް، ދަތުރުވެރީންނަށް އަމާން ކަމާއިއެކު ދަތުރު ކުރެވެން އޮންނަ ދުވަސްތައް އަހަހަރުތެރޭގައި މަދުވެ، ކަނޑު ދަތުރު ކުރުން ނުރައްކާތެރި ކަމަށްވެގެން ގޮސްފައި އޮންނަ މުއަދަތު މިހާރު މިވަނީ ދިގުލައިގެން ގޮސްފައިކަން ފާހަގަ ކޮށްލަން ޖެހެއެވެ.
އެހެންމަވެސް، މިހާރު މެޓް އޮފީހުން، ވިއްސާ މޫސުމްތައް ފާހަގަށް، ދުރާލާ ތަފާތު ތިން ގިންތިއަކުން އެލާރޓްތައް ނެރެމުން ދާނަމަވެސް، މޫސުން ކިތަންމެ ގޯސްވެގެން ދިޔަ ނަމަވެސް، ކަނޑު ދަތުރު ކުރުން މަނާ ހާލަތެއް އަދި މިހާތަނަށް ތައާރަފް ކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
އެހެންނަމަވެސް، މުސުމީ ސަލާމަތާ ގުޅުންހުރި ފަރާތްތަކުން ފާހަގަ ކުރާ އެއްކަމަކީ، އެއްގަމު ދަތުރު ފަތުރު ތަކުގައި މަގުމަތީ އުޅަދުތައް ދުއްވުން މަނާ ކުރާ ހާލަތްތައް އަންނަ ފަދައިން، ގުދުރަތީ ކާރިސާއެއް ކުރިމަތި ވެދާނޭ ފަދަ ހާލަތްތައް މެދުވެރިވުން އެކަށީގެންވާ ހާލަތްތުތަކުގައި، ރާއްޖޭގެ ގަދަ ކަނޑުތަކުގައާއި، ގަދަ ކަނޑު އޮޅިތަކާއި އަދި މިނޫނަސް އާދަޔާއި ރާޅު ބޮޑެތި ސަރަަހައްދުތައް ފާހަގަކޮށް، އަންނަ މޫސުމީ ބަދަލުތަކާއި އެއް މިންގަޑަކަށް ބަލާ، މި ސަރަހައްދުތަކުގައި ދަތުރުކުރުން މަނާ އެލާރޓް މިހާރު ނެރެން ޖެހިފައިވާ ކަމުގައެވެ.
އަދި މީގެ އިތުރުން، ވެސް ލައިފް ޖެކެޓް ނުލާ ދަތުރުކުރުން މަނާ ހާލަތްތައް ތައާރަފް ކޮށް، ދަތުރު ކުރާ އުަޅދު ފަހަރުތަކުގައި، ކަޑުވެއްޖެ ހާލަރެއްގައި ބޭނުންކުރާނެ، ޓެކްނޮލޮޖީއާއި ގުޅުހުރި ބައެއް ވަސީލަތްތައް ކަމަށްވާ ދުރަށް ދިއްލޭ ގޮތަށް ހުންނަ، ލައިފް ޖެކެޓްތަކާއެކީ ބޭނުންކުރެވޭ، ދުރަށް ފެންނަ ފަލަޔަރތައް ބޭނުންކުރުން ފަދަ ވަސީލަތްތައް މަޖުބޫރުކޮށް، ކަނޑުގައި ދުއްވާ އުޅަދުފަހަރު މި ކަންކަމަށް އުހުލުވެރި ކުރުވުމުގެ މަސައްކަތް، ގައުމީ މަސައްކަތެއްގެ ގޮތުގައި މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދުމަކީވެސް ސަރުކާރުގެ ކަމާ ގުޅުން ހުރި މުއައްސަސާތަކުން ޚާއްސަ ސަމާލުކަމެއް ދީގެން ކުރިޔަށް ގެންދަން ޖެހިފައިވާ މުހިންމު ކަމެއްގެ ގޮތުގައިވެސް ގިނަބަޔަލު ފާހަގަ ކުރެއެވެ.
ސަބަބަކީ، ކަނޑު ދަތުރުފަތުރު ކުރުމާއި ގުޅުންހުރި ކަންކަމަކީ، އެކަންކަމާއި ދުރަށް ދެވެން ނެތް، އަދި މޫސުން އެންމެ ގޯސް ހާލަތްތަކުގައިވެސް ދަތުރުފަތުރު ކުރުމަށް ދިވެހިންނަށް ބައެއް ހާލަތަކުގައި ބަރޯސާވުން ކޮންމެހެނެވެސް ޖެހިފައިވާ ވަސީލަތަކަށް ވާތީއެވެ.
އަދި އެފަދަ ހާލަތުގައިވެސް، ރައްކާތެރިމަށް ފުރިހަމަޔަށް ބޯލެބުން ލާޒިމް ކުރެވިގެންދާނީ ތަންފީޒީ މުވައްސަސާތަކުން އެކަންކަމަށް ބާރުއަޅާ އަދި އާންމު ރައްޔިތުން އެކަންކަމަށް އަހުލުވެރި ކުރުވަން މަސައްކަތް ކުރި ނިސްބަތަކުން ކަމަށްވެސް ވާތީއެވެ.