ރައީސް ޔާމީނާއި، އިދިކޮޅު ކޯލިޝަންގެ ތަޢުޒިޔާ ނާހިދާގެ ޢާއިލާއަށް

ރައީސް ޔާމީނާއި، އިދިކޮޅު ކޯލިޝަންގެ ތަޢުޒިޔާ ނާހިދާގެ ޢާއިލާއަށް

Author
މުޙައްމަދު ޝަޒައިމް
16 އޮކްޓޯބަރ 2021 09:42
0

ލޯންޗަކުން ކަނޑަށް ވެއްޓި ނިޔާވި މަރްޔަމް ނާހިދާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކަނޑުދަތުރު ފަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިދިިކޮޅު ކޯލިޝަނުން އިލްތިމާސް ކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގަިއ ބުނެފައިވަނީ މާލެއިން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކަށް ކަނޑު މަތިން ދިމާވި ހިތާމަވެރި ހާދިސާގައި މ. ގްރީންޕީކް އަލްމަރްހޫމާ މަރްޔަމް ނާހިދާ ކަނޑަށް ވެއްޓި ނިޔާވި ހަބަރު އެހީ ކުއްލި ސިހުމާއި ހިތާމައާއިއެކުގައިކަމަށެވެ.

މައްޔިތާގެ ފުރާނައަށް ރަހުމަތް ލައްވާ ފާފަ ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި މި ހާދިސާގައި ކަނޑަށް ވެއްޓި ގެއްލިފައިވާ ނާހިދާގެ ތުއްތު ދަރިފުޅު ސަލާމަތުން ފެނުމުގެ ނަސީބު މިންވަރު ކުރައްވާށި. އާމީން.

– އިދިކޮޅު ބަޔާނުގައިވެއެވެ.

މި ހާދިސާގައި ނިޔާވި މަރްޔަމް ނާހިދާގެ ޢާއިލާއަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކޯލިޝަންގެ ލީޑާރޝިޕާއި، ކައުންސިލް މެންބަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި އަދި މިކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރާކަމަށް އެކޯލިޝަނުން ބުނެފައިވެއެވެ. އަދި މި ތުއްތު ދަރިފުޅު ހޯދުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓުމެއްނެތި ބާރު ސްޕީޑުގައި ކުރިއަށް ގެންދެވުމަށް ކަމާއިބެހޭ ފަރާތްތަކުގައި އެކޯލިޝަނުން ވަނީ އެދިފައެވެ.

މިދުވަސްވަރަކީ މުޅި ރާއްޖެއަށް މޫސުން ގޯސްވެ ވައިގަދަވެ ކަނޑުތައް އާދަޔާއި ޚިލާފަށް ގަދަ ދުވަސްކޮޅަކަށްވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި އެންމެންގެ ސަލާމަތަށްޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށާއި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށްވެސް އެކޯލިޝަންގެ ފަރާތުން އެންމެހާ ފަރާތްތަކަށް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.