ދަނޑުވެރިކަން ކުރަން އިތުރު ފަސް ރަށް ދޫކުރަނީ

ދަނޑުވެރިކަން ކުރަން އިތުރު ފަސް ރަށް ދޫކުރަނީ

Author
މުޙައްމަދު ޝަޒައިމް
15 އޮކްޓޯބަރ 2021 10:59
0

ރާއްޖޭގެ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރަން އިތުރު ފަސް ރަށެއް މިއަހަރު ދޫކުރަން ނިންމާފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ތ. ކަނޑޫގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ބިން ލިބޭ ފަރާތްތަކަށް ފަސޭހައި އިންވެސްޓްމެންޓް ފައިސާ ލިބޭނެ އިންތިޒާމުތައް ހަމަޖައްސައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ތ.ކަނޑޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ.ހުސައިން ރަޝީދު ޙަސަން ވިދާޅުވީ ރާއްޖޭގެ އިޤްތިސާދުގައި މުހިންމު ޙިއްސާއަކަށް ދަނޑުވެރިކަން ހެދުމަށްޓަކައި މިދާއިރާ ފުޅާކުރަން ޖެހޭކަމަށެވެ. އެހެންނަމަަވެސް އެކަމަށް ބޭނުންވާ ބިން ރާއްޖޭގައި ނެތްކަމާއި އެއީ މުސްތަޤުބަލުގައި ގިނަ ރަށްރަށުން އަންނާނެ ސީރިއަސް ޝަކުވާއަކަށް ވާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އެކަމަށް އޮތް ޙައްލަކީ ޒަމާނީ ވަޞީލަތްތައްކުގެ ބޭނުންކޮށްގެން ބިން ބޭނުންކުރާ މިންވަރު މަދުކޮށް ނަފާ ލިބޭނެ ގޮތްތައް ހޯދުންކަމަށެވެ. އެގޮތުން މިހާރު ދުނިޔޭގައި ކުރިއަރަމުން އަންނަ ދަނޑުވެރިކަމުގެ ވައްތަރެއްކަމުގައިވާ ވާޓިކަލް ފާމިންގ ނުވަތަ މަތިމައްޗަށް ގަސް އިންދާ ނިޒާމު ތަޢާރަފްކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބޮޑު އަގުގައި ނަފާލިބޭ ފަދަ މަތިމައްޗަށް ގަސް އިންދާ ނިޒާމު ނުވަތަ ވާޓިކަލް ފާމިންގއަށް ދާންއެބަޖެހޭ. ހަމައެއާއެކު ދަނދުވެރިކަން ކުރުމުގައި ފެން ބެލެވެނީ އަގު ބޮޑު އެއްޗެއްގެ ގޮތުގައިކަމަށްވާއިރު ފެން އިސްރާފުކުރުންވެސް ހުއްޓުވަން އެބަޖެހޭ.

– މިނިސްޓަރ ވިދާޅުވިއެވެ.

ޒަމާނީ ހުނަރުވެރި ދަނޑުވެރިން އުފެއްދުމުގެ މުހިއްމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން މިހާރު ރާއްޖޭގައި ހިންގާ ގިނަ ދަނޑުތަކުގައި ނިސްބަތުން ބިދޭސީން އިތުރުކަމަށާއި މީގެ ސަބަބުން ދަނޑުވެރިކަމުން ލިބޭ ނަފާ ރާއްޖޭގައި ނުހިފެހެއްޓޭކަން މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ދަނޑުވެރިކަމަކީ ތަޢުލީމީ މަންހަޖުގެތެރެއިން ކުދިންނަށް އުނގަންނައިދެވި ޒުވާނުން މިދާއިރާއަށް ޝައުގުވެރިވާ ދާއިރާއަކަށް ހެދުމަށް ހުރި ފުރުސަތުތައް ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ތ.ކަނޑޫދޫގައި ގިނަ ޙަރަކާތްތަކެއް އެގްރިކަލްޗަރ މިނިސްޓްރީންވަނީ ކަނޑޫދޫ ކައުންސިލާ ގުޅިގެން ހިންގާފައެވެ. އެގޮތުން ރާއްޖޭގެ ދަނޑުވެރިކަން ކުރއެރުވުމުގައި ހުރި ދަތިތަކާއި އެކަމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ފޯރަމެއް ބާއްވާފައިވެއެވެ. އަދި ތ.އަތޮޅުގެ އެކި ރަށްރަށުން ބައިވެރިވާ މައުރަޒެއް ބާއްވާފައިވެއެވެ. މީގެ އިތުރުން ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ޒަމާނީ ފާޓިގެޝަން ސިސްޓަމާއި އިރުގެ ހަކަތަ ބޭނުންކޮށްގެން ފެންދޭ ނިޒާމު ވަނީ އިފްތިތާޙްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.