އަންނަ އަހަރު ގަތަރުގައި އޮންނަ ފީފާވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމާ ގާތަށް އާޖެންޓީނާ ޖެހިލައިފިއެވެ.
ވޯލްޑް ކަޕުގެ ޖާގައެއް ކަށަވަރުކުރުމުގެ ފުރުސަތު އާޖެންޓީނާއިން ބޮޑުކުރީ 1-0 ގެ ނަތީޖާއަކުން ޕެރޫ ބަލިކޮށްގެންނެވެ. މި މޮޅާއެކު އާޖެންޓީނާއިން ވަނީ ބަލިނުވެ 25 މެޗު ހަމަކޮށްފައެވެ. އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި އާޖެންޓީނާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފެނިގެންގޮސްފައިވަނީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ.
މި މޮޅާއެކު ކޮލިފައިންގެ ދެވަނައިގައި އާޖެންޓީނާ އޮތީ 11 މެޗުން 25 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތީ 12 މެޗުން 17 ޕޮއިންޓް ހޯދާފައިވާ އިކުއެޑޯއެވެ. އަދި ހަތަރުވަނައިގައި އޮތް ކޮލަމްބިއާ އާއި ފަސްވަނައިގައި އޮތް އުރުގުއޭއަށް ވަނީ 12 މެޗުން 16 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ވޯލްޑް ކަޕުގެ ޖާގައެއް ހޯދަން އާޖެންޓީނާއަށް ކޮލިފައިންގައި ބާކީ އޮތް ހަތް މެޗުން ބޭނުންވަނީ ފަސް ޕޮއިންޓެވެ.
ރޭގައި ކޮލިފައިންގައި ޗިލީ ވަނީ އަމިއްލަ ދަނޑުގައި ކުޅެ ވެނެޒުއޭލާގެ މައްޗަށް 3-0 ލަނޑުން ކުރިހޯދާފައެވެ. ވޯލްޑްކަޕަށް ކޮލިފޭކަޝަން ދެކުނު އެމެރިކާގެ ޒޯނުގައި އަމަލުކުރަމުން އަންނަނީ މީގެ 19އަހަރު ކުރިން ތާއާރަފް ކުރި ފޯމެޓަކަށެވެ. ގުރޫޕުގެ ފުރަތަމަ ހަތަރު ޓީމަށް އޮޓޮމެޓިކުން ވޯލްޑްކަޕަށް ކޮލިފައިވާއިރު ފަސްވަނައަށް ދާ ޓީމު ޖެހޭނީ އިންޓަކޮންޓިނެންޓަލް ޕްލޭއޯފް ކުޅެގެން ވޯލްޑްކަޕަށް ކޮލިފައިވާށެވެ.