އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި އެންމެ ފަހުގެ ޗެމްޕިއަން ރާއްޖެ ބަލިކޮށް އިންޑިޔާއިން މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ޔަގީންކޮށްފިއެވެ.
އިންޑިޔާއިން މިމުބާރާތުގެ ފައިނަލްގެ ޖާގައެއް ޔަގީންކޮށްފައިވަނީ ރާއްޖެ 3 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ. 2018ވަނަ އަހަރު ރާއްޖެއިން މުބާރަތުގެ ޗެންޕިއަންކަން ހޯދާފައިވަނީ އިންޑިޔާ 2 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ. އެހެންކަމުން މިމުބާރާތަށް ރާއްޖެއިން ކުރިމަތިލާފައިވަނީ އެންމެ ފަހުގެ ޗެންޕިއަނުންގެ ގޮތުގައި ތަށި ދިފާޢުކުރާށެވެ.
މިމެޗަށް ނިކުތްއިރު ރާއްޖެއަށް މެޗް އެއްވަރުކޮށްލައިގެންވެސް ފައިނަލްގެ ޖާގައެއް ޔަގީން ކުރެވެން އޮތޮވެ. އަމިއްލަ ފަސްގަނޑުގައި ރާއްޖެއަށް އިންޑިޔާ ބަލިނުކުރެވުމާއި ގުޅިގެން މިމުބާރާތުގެ ޗެންޕިއަންކަން ކޮންމެ ދެ އަހަރަކުން އެއް އަހަރު ހޯދަމުން އައިސްފައިވާ ރެކޯޑް ދެމެހެއްޓުމަށް އިންޑިޔާއަށްވަނީ ފުރުސަތު ލިބިފައެވެ.
މެޗް ފެށުމާއިއެކު އިންޑިޔާއިން ކުރިއަށް ޖެހިގެން ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް މެޗްގައި އެންމެ ފުރަތަމަ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ އިންޑިޔާއަށެވެ. އަލީ އަޝްފާގްއަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. މިއައްފަހު އިންޑިޔާގެ ސުނިލް ޗެތުރީ އާއި ބްރެންޑަން ފެނާންޑޭސްއަށް ލިބުނު ފުރުސަތުގެ ބޭނުން މިދެ ކުޅުންތެރިންއަކަށް ނުހިފުނެވެ.
މެޗްގައި ގޯލްއާއި ދިމާލަށް އެންމެ ފުރަތަމަ ހަމަލާއެއް ފޮނުވާލާފައިވަނީ އިބްރާހިމް މަހުދީއެވެ. ނަމަވެއސް މަހުދީ ފޮނުވަލި ބޯޅަވަނީ އިންޑިޔާގެ ކީޕަރު ދިފާޢުކޮށްފައެވެ. މިހަމަލާއަށްފަހުވެސް ރާއްޖެއިން ލަނޑެއް ޖެހުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް މެޗްގައި އެންމެ ފުރަތަމަ ލީޑް ނެގީ އިންޑިޔާއިންނެވެ. މެޗްގެ 26ވަނަ މިނެޓްގައި މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ ސުނިލް ޗެތުރީއެވެ. ޗެތުރީ މިލަނޑު ޖެހިތާ ކުޑައިރުކޮޅެއް ނުވަނީން ރާއްޖޭގެ އަލީ އަޝްފާގްއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަވަނީ އިންޑިޔާގެ ޑިފެންޓަރުންގެ ގައިގައި ޖެހިފައި ބުލޮކް ވެފައެވެ.
މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރާއްޖެއިންވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ހަމްޒާއަށް އޭރިޔާގެ ތެރެއިން ކުރި ފައުލްއަކާއި ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަލީ އަޝްފާގްއެވެ. މިއީ ދަގަނޑޭގެ ކެރިއަރުގައި އިންޑިއާ ކޮޅަށް ޖެހި ފުރަތަމަ ގޯލެވެ. މި ފަހަރުގެ މުބާރާތުގައި ޖެހި ތިން ވަނަ ގޯލެވެ.
. މެޗްގައި އިންޑިޔާއިން އެޓީމްއަށް ލިބިފައިވާ ލީޑް ފުޅާކުރީ މެޗްގެ 62ވަނަ މިނެޓްގައި ޗެތުރީ ކާމިޔާބުކުރި ލަނޑުންނެވެ. ރާއްޖެއަށް ލިބޭ ފުރުސަތުގެ ބޭނުން ނުހިފިގެންދަނިކޮށް އިންޑިޔާއިންވަނީ ތިންވަނަ ލަނޑެއް ޖަހާ މެޗްގައި ހަމަޖެހިލާފައެވެ. މިލަނޑުވެސް އެޓީމްއަށް ކާމިޔާބުކޮށްދިނީވެސް ޗެތުރީއެވެ.
ރާއްޖެއިން ބަދަލްތަކެއް ގެނައިނަމަވެސް، އިތުރު ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. އެގޮތުން މެޗްގެ 78ވަނަ މިނެޓްގައި އުމެއިރު ފޮނުވާލި ބާރު ހަމަލާވަނީ އިންޑިޔާގެ ކީޕަރު ދިފާޢުކޮށްފައެވެ. އުމެއިރު ކުޅެން އަރާފައިވަނީ މެޗްގެ ދެވަނަ ހާފްގައި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައިއެވެ. އަދި އޭގެ ކުޑައިރުކޮށްޅެއް ފަހުން އިންޑިޔާގެ ހެޑް ކޯޗް އިގޯ ސްޓިމަކަށް ދެވަނަ ރިންޑޫ ކާޑްއާއެކު ރަތް ކާޑު ދައްކާ ރެފްރީވަނީ އޭނާ ދަނޑުން ފޮނުވާލާފައެވެ. މެޗުގެ އިތުރު ވަގުތުގައި އިންޑިއާގެ ސުބަޝިޝް ބޯސް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފައެވެ. 3 ލަނޑު 1 ލަނޑުން ކުރީގައި އޮވެގެން އިންޑިޔާ މެޗް ކާމިޔާބުކުރިއިރު، މިއީ ރާއްޖެއިން ހުސް ދިވެހި ކޯޗުންނާއި އެކު ނިކުމެ ތަށި ދިފާޢުކުރުމަށް ކުރި މަސައްކަތްކަށް ލިބުނު ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެރޭ 21:00 ގައެވެ.