އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހީމް ޒިޔަތުގެ މައްޗަށް ދައުވާކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީއަށް ފޮނުވައިފިއެވެ.
އޭސީސީން ބުނީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)ގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް ބިދޭސީން ރެކްރޫޓް ކުރުމަށްޓަކައި، 53 ބިދޭސީން ގެނައުމަށް ޖޮބް އޯޑަރ 24 ޖުލައި 2017ގައި ހަދައި، އެމް.ޓީ.ސީ.ސީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް ފޮނުވައި، އެ މަސައްކަތް ޙަވާލުކުރުމަށްފަހު، އެ މަސައްކަތް ޙަވާލުކުރިގޮތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޝަކުވާ ހުށަހަޅަން ފެށުމާ ގުޅިގެން އެ އޯޑަރު ކެންސަލް ކުރުމަށްފަހު އަލުން އެ ޖޮބް އޯޑަރގައިވާ 53 ބިދޭސީން ނެގުމުގެ ޕްރޮސެސް ކުރިއަށް ގެންދާ ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލާގައި އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯގެ މަޤާމުގައި އޭރު ހުރި، އިބްރާހިމް ޒިޔާތު، (ހ.އާހަމަ / ކ.މާލެ)ގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިއަދުކަމަށެވެ.
އޭސީސީން ބުނީ މި މައްސަލައިގައި ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި، އެމް.ޓީ.ސީ.ސީ އިން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ ބިދޭސީން ރެކްރޫޓްކުރުމަށް 20 ޖުލައި 2017 ގައި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާއެކު އެކުންފުނިން އެއްބަސްވުން ހަދާފައިވާކަމަށާއި، ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް އެދޭއިރު އެމް.ޓީ.ސީ.ސީއިން ޢަމަލުކުރަންޖެހޭ އުޞޫލު އެ އެއްބަސްވުމުގައި ތަފްޞީލްކޮށް ބަޔާންކޮށްފައިވެސްވާކަމަށެވެ.
ނަމަވެސް، އެ ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީއިން ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް، ބިދޭސީން ރެކްރޫޓްކުރުމަށް ޚާއްޞަ ޖޮބް އޯޑަރއެއް ތައްޔާރުކޮށް، އެއްބަސްވުން ހަދާފައިވާ ކުންފުނިތަކުގެ ތެރެއިން ހަމައެކަނި އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް އެމް.ޓީ.ސީ.ސީއިން ފޮނުވާފައިވާކަމަށް އޭސީސީން ބުންޏެވެ. އަދި އެ ޖޮބް އޯޑަރ އަށް ހުއްދަ ދީފައިވަނީ އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ ގެ މަޤާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތުކަމަށްވެސް އޭސީސީން ބުންޏެވެ.
އެ ޖޮބް އޯޑަރ އަކީ، 15 އެޖެންސީއަކާއެކު އެއްބަސްވުން ޤާއިމްކުރުމަށްފަހު، އެމް.ޓީ.ސީ.ސީއިން ތައްޔާރު ކޮށްފައިވާ ފުރަތަމަ އޯޑަރާ ގުޅިގެން ރެކްރޫޓްމަންޓް އެޖެންސީތަކުން ޝަކުވާ ހުށަހެޅުމާގުޅިގެން، އެ އޯޑަރ ކެންސަލް ކޮށް، ތައްޔާރުކޮށްފައިވާ ދެވަނަ އޯޑަރއެވެ. އަދި އެއީ ރެކްރޫޓްމަންޓް އެޖެންސީތަކާއެކު އެމް.ޓީ.ސީ.ސީ އިން ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން ބިދޭސީ މުވައްޒަފުން ގެނައުމަށް ހަދާފައިވާ ޚާއްޞަ އޯޑަރއެއްކަން ފާހަގަކުރެވެއެވެ. ހަމައެއާއެކު، އެ 02 އެޖެންސީ ފިޔަވައި އެހެން ރެކްރޫޓްމަންޓް އެޖެންސީތަކަށް އެ ޖޮބް އޯޑަރ ފޮނުވާފައިނުވާކަމަށްވެސް އޭސީސީން ބުންޏެވެ.
ފުރަތަމަ ޖޮބް އޯޑަރަށް ބަލާއިރު، އެއްބަސްވުން ހަދާފައިވާ ހުރިހާ ރެކްރޫޓްމަންޓް އެޖެންސީތަކަށް އެމް.ޓީ.ސީ.ސީއިން ފުރަތަމަ އޯޑަރ އީމެއިލްކޮށްފައިވީނަމަވެސް، ރެކްރޫޓްމަންޓް އެޖެންސީތަކުން ފޮނުވާފައިވާ ބިދޭސީންގެ މަޢުލޫމާތުތަކަށް ބިނާކޮށް އެމް.ޓީ.ސީ.ސީއިން ބިދޭސީންގެ ލިސްޓު ތައްޔާރުކޮށްފައިވަނީ، ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް ނާޖާއިޒު ފައިދާ ލިބޭގޮތަށްކަންވެސް އޭސީސީން ދައުވާކުރަން ފޮނުވި މައްސަލަގައި ބަޔާންކޮށްފައިވެއެވެ.
އެގޮތުން ދެވަނަ އޯޑަރަށް ބަލާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ގެނައުމުގެ އުޞޫލަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެން އެމް.ޓީ.ސީ.ސީއާއެކު އެއްބަސްވުން ހަދާފައިވާ ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކަށް ގިނަ ޢަދަދެއްގެ ބަނގްލަދޭޝް ރައްޔިތުން ނުގެނެވޭނެކަމަށާއި، ނަމަވެސް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަށް މޯލްޑިވްސް އިމިގްރޭޝަނުން ޚާއްސަ ހުއްދައެއް ދީފައިވާކަމަށް އެ އޯޑަރއާގުޅޭ ހުއްދައިގެ ލިޔުމުގައި، އެމް.ޓީ.ސީ.ސީއިން ބަޔާންކޮށްފައިވެއެވެ. ނަމަވެސް، މި ކޮމިޝަނުން ބެލިބެލުމުން، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ރެކްރޫޓްކުރާ އެޖެންސީތަކުގެ ތެރެއިން އެއްވެސް އެޖެންސީއަކަށް ބިދޭސީން ގެނައުމުގައި ޚާއްސަ ލުއިފަސޭހައެއް ދީފައި ނުވާކަން އެނގޭކަމަށްވެސް އޭސީސީން ބުންޏެވެ.
އޭގެއިތުރުން، އިސްވެ ދެންނެވުނު އެމް.ޓީ.ސީ.ސީގެ ނަންބަރު 01/2017 ސްޕެޝަލް ޖޮބް އޯޑަރ ގުޅޭ މަސައްކަތް މަޑުޖައްސާލުމަށް 30 އޮގަސްޓު 2017 ގައި މި ކޮމިޝަނުން އެމް.ޓީ.ސީ.ސީ އަށް އަންގާފައިވީނަމަވެސް، އޭގެފަހުން ވެސް ނަންބަރު 01/2017 ސްޕެޝަލް ޖޮބް އޯޑަރގެ ދަށުން އެމް.ޓީ.ސީ.ސީއިން އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 33 ބިދޭސީން ރާއްޖެއަށް ގެނެސްފައިވާކަން ތަޙުޤީޤުން އެނގެއެވެ.
– އޭސީސީން ބުންޏެވެ.
އެހެންކަމުން، ހަމައެކަނި އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް އެމް.ޓީ.ސީ.ސީއަށް ބިދޭސީން ގެނައުމަށް ނިންމާފައިވާ އެމް.ޓީ.ސީ.ސީގެ ނަންބަރު 01/2017 ސްޕެޝަލް ޖޮބް އޯޑަރއަކީ އެކުންފުނީގެ ސީ.އީ.އޯ ގެ މަޤާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެ ކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމާއި، އެކަމުގެ ސަބަބުން އެ ދެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތާއި ލިޔެކިޔުންތަކުން އެނގޭކަމަށް އޭސީސީން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ