އުރީދޫ ސާފް ޗެންޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ބަންގްލަދޭޝް ހިތްދަތި ގޮތަކަށް ކަޓުވާލައި، މުބާރާތުގެ ފައިނަލަށް ނޭޕާލް ޖާގަ ހޯދައިފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗު ފެށިއިރުވެސް، ފައިނަލަށް ދިއުމުގެ ފުރުސަތު އޮތީ ނޭޕާލްއަށެވެ. މެޗު އެއްވަރުކޮށްގެންވެސް ނޭޕާލްއަށް ފައިނަލުގެ ޖާގަ ކަށަވަރުވާއިރު، މިމެޗު ނޭޕާލުން ނިންމާލީ 1-1 އިން އެއްވަރުކޮށްގެންނެވެ. ފުރަތަމަ ހާފުގެ 8ވަނަ މިނިޓްގައި ބަންގްލަދޭޝްގެ ސުމޮން ރެޒާ ޖެހި ހިތްދައިމު ގޯލުން ބަންގަލްދޭޝް ވަނީ ލީޑު ނަގާފައެވެ.
މި ލަޑާއިއެކު ނޭޕާލުން ވަނީ މެޗުގެ ކޮންޓްރޯލް ނަގައ ގިނަ ހަމަލާތަކެއް ބަންގްލަދޭޗް ގޯލަށް އަމާޒުކޮށްފައެވެ. ފުރަތަމަ ހާފުގައިވެސް ނޭޕާލްއަށް ލަޑުޖަހާނެ ފުރުސަތުތަކެއް ލިބިފައިވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފުގައި ނޭޕާލުން ފެށީ މުޅި ޓީމު ކުރިއަށް ޖައްސައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށެވެ. ނުރައްކާތެރި ގިނަ ހަމަލާތަކެއް މިހާފުގައި ފެނިގެން ދިޔައިރު، ބަންގްލަދޭޝްއަށް ނޭޕާލްގެ ކުޅުންތެރިން ހުއްޓުވަންވީ އުދަގޫކަމަކަށެވެ.
މެޗުގެ އޮއިވަރު ބަދަލުކޮށްލީ 86 ވަނަ މިނިޓުގައި އޭރިޔާގެ ބޭރަށް ނިކުމެ ބަންގްލަދޭޝް ކީއްޕަރު ބޯޅައިގައި އަތްލުމުގެ ސަބަބުން އޭނާއަށް ރަތްކާޑު ދައްކައި ދަނޑު ފޮނުވާލުމުންނެވެ. އެއްކުޅުންތެރިޔަކު މަދުކޮށް ކުޅުނު ނޭޕާލަށް އޭގެ މިނިޓެއްފަހުން ލިބުނު ޕެނެލްޓީއެއްގައި އަންޖަން ބިސްޓާ ކާމިޔާބު ކުރި ލަނޑާއެކު މުބާރާތުގެ ފައިނަލަށް ދިއުމުގެ ޖާގަ ނޭޕާލުންވަނީ ތަނަވަސްކޮށްފައެވެ.
މިލަޑާއެކު ނޭޕާލްގެ ކޯޗާއި، ބެންޗުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ. މުބާރާތުގެ ގަވާއިދު ހަމަޖެހިފައިވާގޮތުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ދަތުރުކުރާއިރު، ނޭޕާލް ފަނައިލަށް ދިޔައީ ކުޅުނު 4 މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ އެއްމެޗުން ބަލިވެ 7 ޕޮއިންޓާއިއެކުގައެވެ. މެޗުން ބަލިވި ބަންގްލަދޭޝްއަށް މުބާރާތުގައި މޮޅުވެފައިވަނީ ސްރީލަންކާ ކައިރިން އެކަންޏެވެ.
މިއީ ސާފް ޗެންޕިއަންޝިޕްގެ ފައިނަލަށް ނޭޕާލް ދިޔަ ފުރަތަމަ ފަހަރެވެ. މުބާރާތުގެ ފައިނަލްގެ އަނެއްޖާގަ ކަށަވަރުވާނީ މިރޭ ރާއްޖެއާއި، އިންޑިއާ ވާދަކުރާ މެޗަށް ފަހުއެވެ.