ކުރީގެ ރައީސް އަބްދުﷲ ޔާމީން ޤައުމީ ޓީމަށް ހިތްވަރު ދެއްވުމަކީ ޤައުމީ ޓީމަށް ލިބޭނެ އިތުރު ޖޭޝެއް ކަމުގައި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
މަހުލޫފް މިހެން ވިދާޅުވީ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ހިތްވަރު ދެއްވައި އާންމުވި ވީޑިއޯއާއި ގުޅިގެންނެވެ. މިނިސްޓަރ މަހުލޫފް ވިދާޅުވީ ރައީސް ޔާމީންގެ ހިތްވަރު ޤައުމީ ޓީމަށް ލިބުމަކީ ޓިމަށް ލިބޭނެ އިތުރު ޖޯޝެއް ކަމުގައެވެ. އަދި ކުޅިވަރަކީ ސިޔާސީ ކަންކަން އެއްފަރާތްކޮށް، އެންމެން އެއްގަލަކަށް އަރުވާ އެއްޗެއްކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.
ކުޅިވަރަކީ ސިޔާސީ ފިކުރު ނައްތާލާ ކަމެއް. ރައީސް ޔާމީންވެސް ހިތްވަރު ދެއްވުމަކީ ޓީމަށް ލިބޭނެ އިތުރު ޖޯޝެއް. ޝުކުރިއްޔާ.
– މަހުލޫފް ވިދާޅުވިއެވެ.
ޓީމުގެ ކުޅުންތެރިން ދަތުރުކުރި ވަގުތާއި ދިމާކޮށް ރައީސް ޔާމީން ވަނީ ގެކޮޅުގައި ހުންނަވައިގެން ކުޅުންތެރިންނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާ ހިތްވަރު ދެއްވާފައެވެ. އޭރު އެމަނިކުފާނު ހުންނެވީ ގައުމީ ޖާޒީއެއްގައެވެ.
ބަހުގައި ތިބި ދިވެހި ކުޅުންތެރިންވެސް ވަނީ ރަައީސް ޔާމީނަށް އަތުގެ އިޝާރާތުން ސަލާމް ކުރައްވާފައެވެ. އެ ކުޅުންތެރިންގެ މޫނު މަތިން އުފާވެރިކަން ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ. ރައީސް ޔާމީންގެ ގެކޮޅުގައި ބޮޑު ގައުމީ ދިދައެއްވެސް މިރޭ ވަނީ ނަގާފައެވެ. ތޭރަ ވަނަ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ފުޓްބޯޅަ ޓީމަށް ރައީސް ޔާމީން މީގެ ކުރީންވެސް ކާމިޔާބަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު ވަނީ މުބާރާތް ކުރިއަށްދާ 16 ދުވަހު ހުރިހާ ރައްޔިތުން ގައުމީ ރޫހުގައި ތިބެ ގައުމީ ޓީމަށް ހިތްވަރު ދެއްވުމަށް އެދިވަޑައިގެންފައެވެ.