ސ. ހިތަދޫ ވަރުދީގެ، އަހްސަން ބަޝީރު މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާ މަރަން ހައިކޯޓުން ހުކުމް ކޮށްފިއެވެ.
މަޖީދީމަގާއި އަލިކިލެގެފާނު މަގާ ގުޅުނު ހިސާބުގައި ސ. ހިތަދޫ ވަރުދީގޭ، އަހުސަނަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުށް ސާބިތުނުވާ ކަމަށް 2014 ވަނަ އަހަރު ހުކުމް ކޮށްފައި ވަނިކޮށް ހައި ކޯޓުން މިދިޔަ ހަފުތާގައި ވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފަ އެވެ. އަދި އަދަބާ ބެހޭގޮތުން ދެ ފަރާތުން ވަނީ ވާހަކަ ދައްކައި ނިންމައިފައެވެ.
އަހްސަން މަރައިލުމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެ، ޝިމާޒް ޖަލަށްލާން ހުކުމްކޮށްފައި ވަނީ 15 އަހަރަށް ލުމަށެވެ. ޝިމާޒަކީ ހަމަލާދިން ތަނަށް ޝަހުމް ގޮވައިގެން ސައިކަލު ގޮސް އަދި ހަމަލާއަށްފަހު ޝަހުމް ގޮވައިގެން ސައިކަލުގައި ދިޔަ މީހާއެވެ.
ޝަހުމްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުވިއިރު، ޝިމާޒްގެ މައްޗަށް ސާބިތުވީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިިވުމުގެ ދައުވާއެވެ. ޝަހުމް މިހާރު ވެސް ގެންދަނީ މަރުގެ އެހެން މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރު މުހައްމަދު ނިޔާޒް ހުކުމް އިއްވަމުން ވިދާޅުވީ ގަސްތުގައި މީހަކު މަރައިފިނަމަ އިސްލާމީ ޝަރީއަތުގައި އޮންނަނީ އެމީހެއްގެ ކިބައިން ގިސޯސް ހިފުން ނުވަތަ މަރަށް މަރު ހިފުން ކަމަށެވެ. މި މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ކުރީގެ ގާނުލްއުގޫބާތުގެ ދަށުން ނަމަވެސް، ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބެއްގެ ގޮތުގައި ކުރީގެ ގާނޫނާއި މިހާރުގެ ގާނޫނާ ތަފާތެއް ނެތް ކަމަށެވެ. އެހެންކަމުން ޔަގީނާ ގާތްކުރާ މިންވަރަށް ޝަހުމްގެ މައްޗަށް ކުށް ސާބިތުވެފައި ވާތީ ރާއްޖޭގައި މަރުގެ އަދަބު ކަނޑައަޅާފައިވާ އިޖުރާއަތުގެ ދަށުން އޭނާ މެރުމަށް ވަނީ ހުކުމްކޮށްފައެވެ.
މި މައްސަލަ ސާބިތުކުރުމުގައި އަހްސަން މަރު މަތީގައި ބުނި ބަސް މުހިއްމު ދައުރެއް އަދާކުރި އެވެ. ފަނޑިޔާރު ނިޔާޒު ވިދާޅުވީ ހޮސްޕިޓަލްގައި މަރު މަތީގައި އޮވެގެން ޝަހްމު ހަމަލާ ދިން ކަމަށް އަހްސަން ބުނި ކަމަށް ބުނެ ބައެއް މީހުން ހެކިބަސް ދީފައިވާ ކަމަށެވެ. އެފަދަ ހެކިބަސް ޝަރުއީ ދާއިރާގައި ބޭނުންކުރަނީ އިވުނު އަޑުގެ ހެކިބަސް ނުވަތަ ހިއަސޭ އެވިޑެންސްގެ ގޮތުގަ އެވެ. އެކަން ފާހަގަކުރައްވާ ފަނޑިޔާރު ނިޔާޒު ވިދާޅުވީ އެފަދަ ހެކި ބަހަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ބަލައިގަނެ އަދި ރާއްޖޭގެ ހެއްކާ ބެހޭ ގާނޫނުގެ ދަށުން ވެސް ބަލައިގަނެވޭ ހެއްކެއް ކަމަށެވެ.
މިއީ މަރުމަތީގައި މީހަކު ބުނި ބަހަކަށް ނުވަތަ ޑައިން ޑިކްލަރޭޝަނަށް ބިނާކޮށް ރާއްޖޭގައި މަރުގެ ދައުވާއެއް އުފުލައި ކުށް ސާބިތުކުރި ފުރަތަމަ ފަހަރެވެ.
ކޮމެންޓު ފޮނުވާ