ވެރިކަމުގެ ހުރިހާ ބާރެއް އޮވެ، ޖަލުތަކުގައި ޝަރީއަތެއްނެތި ތިބި މީހުންގެ މައްސަލައާއި، ޖަލުތަކުގައި ދިމާވާ އެނޫން މައްސަލަތައްވެސް ހައްލު ނުވުމަކީ އެމްޑީޕީގެވެސް ފެއިލިއާ އެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުނު ޝަރީއަތް ނިމެންދެން ޖަލުގައި ވާނުވާ ނޭގޭ ގޮތަށް ބަންދު ކޮށްފައިވާ މީހުންނަށް ލިބެންޖެހޭ ހައްގުތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށް ނުދެމުންދާތީ ހުށަހެޅުނު މައްސަލައިގެ ބަހުސްގައި މީކާއިލް ވިދާޅުވީ އަނިޔާވެރިކަމާއި، އަނިޔާވެރި ވުމާއި ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލީ އެމްޑީޕީން ކަމަށެވެ. އެމްޑީޕީން މިއަދު ވެރިކަމުގެ ހުރިހާ ބާރެއް އޮވެ މިފަދަ ކަންކަމަށް ހައްލު ނުގެނެވޭކަމީ އެމްޑީޕީގެވެސް ފައިލިއާއެއްކަމަށް މީކާއިލް ވިދާޅުވިއެވެ.
އެމްޑީޕީއަކީ މިކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރާ ޕާޓީ. އަނިޔާވެރިކަން ނައްތާލުމަށް، ރިމާންޑުގައި މީހުން މިގޮތަށް ބެހެއްޓުން ނައްތާލުމަށް ޒަމާނުއްސުރެއް ވަކާލާތު ކުރަމުން އައި ޕާޓީ. އެހެން ނަމަވެސް އަޅުގަނޑުމެން ވެރިކަމެއް. އަޅުގަނޑުމެން ޕާޓީ އިސްވެ އޮތް ވެރިކަމެއް. އަޅުގަނޑުމެންގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެއް. ދެ އަހަރާއި ބައިވެ ތިން އަހަރަށް ވެގެން މިދަނީ. މިހާތަނަށް މިކަމަށް ރަނގަޅު ސިސްޓަމެއް ޤާއިމް ވެފައި ނެތުމަކީ އަޅުގަނޑުމެންގެވެސް ފެއިލިއާއެއް.
– މީކާއިލް ވިދާޅުވިއެވެ.
ވާނުވާއަށް ހައްލެއް ނުލިބި އޮތްއިރު ދެންއޮތް އެންމެ ބޮޑު އަނެއް ކަންބޮޑުވުމަކީ ވާނުވާގައިތިބި ފަރާތްތައް ހިމެނޭގޮތަށް ބަންދުކުރެވިފައިވާ އެތައް ސަތޭކަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ބޭސްފަރުވާގެ ޚިދުމަތް އެކަށީގެންވާ މިންވަރަށް ފޯރު ކޮށްދެވެމުން ނުދާކަމަށް ސިރާޖުގެ މައްސަލައިގައި ބުނެފައިވެއެވެ. ޝަރީއަތް ނިމެންދެން ވާނުވާގައި ބަންދުކުރެވިފައިވާ އިސްމާޢީލް ޝަބީން މިމަހުގެ 6 ވަނަ ދުވަހު ނިޔާވެފައިވާއިރު، ޝަބީންގެ ބޭސްފަރުވާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ސަލާންޖަހާފައިވާކަން ފެންނަންހުރި ލިޔެކިޔުންތަކުން އެނގޭކަމަށް ސިރާޖު ވިދާޅުވެފައިވެއެވެ. އަދި މިކަމަށް އެކަނި ބަލައިލުމުންވެސް އަދިވެސް ޖަލުތަކުގައި ބޭސްފަރުވާގެ އިންތިޒާމުތައް އެންމެ ރަނގަޅަށް ހަމަޖެހިފައިނުވާކަމާއި، އެމީހުންގެ ހައްގުތައް ހޯދައި ނުދެވޭކަން ވަނީ ފާހަގަކޮށްފައެވެ.
މިމައްސަލައިގައި ވާހަކަ ދެއްކެވި މެމްބަރުންވަނީ މިއީ ވަރަށް ސީރިއަސް އަދި ކަންބޮޑުވުން އޮތް މައްސަލައެއްގެ ގޮތުގައި ފާހަގަ ކޮށްފައެވެ. ބައެއް މެމްބަރުންވަނީ ޖަލުގައި ވާނުވާ ގައި ބަންދުކޮށްފައިވާ މީހުން މިހާރުން މިހާރަށް ދޫކޮށްލައި އެމީހުންގެ ޝަރީއަތް ވީހާވެސް އަވަހަށް ފެށުމަށްވެސް ގޮވާލާފައެވެ.
ޝަރީއަތް ނުފެށި ޖަލުގައި ގިނަ ދުވަސްތަކެއް ވަންދެން މީހުން ބަންދުގައި ތިބުމަކީ ވަރަށް ގިނަ ފަރާތްތަކެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. ވާނުވާގައި ބަންދުގައި ތިބޭ މީހުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތަކުގެ ތެރެއިން ބޭސްފަރުވާގެ ހައްގުތައް އެންމެ އެކަށީގެންވާ ގޮތަށް ނުލިބޭ މައްސަލައިގައި މެމްބަރުން ވަނީ މިއަދު ޖަލްސާގައި ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ