ރާއްޖެ-ލަންކާ މެޗު ބެއްލެވުމަށް ނަމާލް ރާއްޖެ ވަޑައިގެންފި

ރާއްޖެ-ލަންކާ މެޗު ބެއްލެވުމަށް ނަމާލް ރާއްޖެ ވަޑައިގެންފި

Author
މުޙައްމަދު ޖިމީ
10 އޮކްޓޯބަރ 2021 11:20
0

ރާއްޖެއާއި ލަންކާ މިއަދު ބައްދަލުކުރާ މެޗު ބެއްލެވުމަށް ލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ނަމާލް ރާޖަޕަކްސަ ރާއްޖެ ވަޑައިގެންފިއެވެ.

ލަންކާގެ މިހާރުގެ ބޮޑުވަޒީރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން ނާމަލް ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަން އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ރާއްޖޭގެ ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފްއެވެ. ރާއްޖެ ވަޑައިގެން ނަމާލް ކުރެއްވި ޓްވީޓެއްގައި ވަނީރާއްޖެއާއި ލަންކާގެ ގުލުމަކީ ގާތް ވަރުގަދަ ގުޅުމެއްކަމަށްވެސް ވިދާޅުވެފައެވެ.

އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ސްލީލަންކާއިން މިހާތަނަށް ތިން މެޗް ކުޅެފައިވާއިރު، އެޓީމަށް އަދިވެސް މެޗަކުން މޮޅެއް ހޯދިފައެއް ނުވެއެވެ. ފުރަތަމަ މެޗްގައި ބަންގްލަދޭޝް އަތުން ބަލިވިއިރު، ދެވަނަ މެޗްގައިވަނީ ނޭޕާލް އަތުން ބަލިވެފައެވެ. އަދި އެންމެ ފަހުން މިސަރަހައްދުގެ ވަރުގަދަ ބާރު އިންޑިޔާއާއި ވާދަކޮށް ވަނީ މެޗް އެއްވަރުކޮށްފައެވެ.

މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ލީގް އުސޫލުން ކުޅޭއިރު، ލާންކާއަށް އެޓީމްގެ ފަހު މެޗްގައި ރާއްޖޭގެ މައްޗަށް ކުރި ހޯދައިގެންވެސް ފައިނަލަށް ދިއުމުގެ ދޮރު ވަނީ ބަންދުވެފައެވެ. ލީގް އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް ފައިނަލަށް ދާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މި ވަގުތު ތާވަލުގެ އެއް ވަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާއެކު ނޭޕާލެވެ. ދެ ވަނައިގައި އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު ބަންގްލަދޭޝްއެވެ. ތިން ވަނައިގައި ރާއްޖެ އޮތީ ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އިންޑިއާ އޮތީ ދެ މެޗުން ދެ ޕޮއިންޓާއެކުއެވެ. އަދި އެންމެ ފުލުގައި އޮތީ ތިން މެޗުން އެއް ޕޮއިންޓާ އެކު ލަންކާއެވެ.

ލަންކާ ޓީމަށް ސާފް ޗެމްޕިއަންޝިޕްގެ ތަށި ކާމިޔާބު ކުރެވުނީ އެންމެ ފަހަރަކުއެވެ. އެއީ 1995 ވަނަ އަހަރުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.