ދިވެހިރާއްޖޭގައި އެއްގަމުގެ ލައިސަންސްގެ ޚިދުމަތް ދިނުމުގެކަންކަން ރޭވިފައިވާގޮތުން ރައްޔިތުންގެ ޝަކުވާތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ޚާއްޞަކޮށް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ޚިދުމަތް ލިބުން ލަސްވެފައިވާތީވެ، ރައްޔިތުންގެ ނުރުހުމާއި ހިތްހަމަނުޖެހުން ވަނީ ވަރަށް ބޮޑުވެފައެވެ. އެހެންކަމުން މިކަން ރަނގަޅުކޮށް ރައްޔިތުން އެދޭފަދަ ޚިދުމަތެއް ސަރުކާރުން ފޯރުކޮށް ދޭން މަސައްކަތް ކުރަންޖެހެއެވެ.
ދިވެހިރާއްޖޭގައި ދޫކުރަނީ ދެ ވައްތަރެއްގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްއެވެ. އެއީ ވަގުތީ ލައިސަންސާއި ދާއިމީ ލައިސަންސްއެވެ. ވަގުތީ ލައިސަންސްއަކީ 1 އަހަރު ދުވަހަށް ދޫކުރާ ލައިސަންސްއެކެވެ. އަދި ދާއިމީ ލައިސަންސްއަކީ 10 އަހަރުގެ މުއްދަތަށް ދިވެހި ރައްޔިތުންނަށް ދޫކުރާ އަދި ބިދޭސީންނަށް 1 އަހަރުން އައުކުރާ ގޮތަށް ދޫކުރާ ލައިސަންސެއްކަމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 5/2009 ގެ ދަށުން އެކުލަވާލާފައިވާ "އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާއި ބެހޭ ގަވާއިދު" 2021/R-102 އިން ދޭހަވެއެވެ.
އަދި އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވުނު 4 ވަނަ އިސްލާހާއެކު ވައްޓެރި ޤައުމުތަކުގެ މީހުނަށް އިމްތިޙާނަކާ ނުލައި ލައިސަންސް ދޭގޮތަށް ހަމަޖެހިގެން ގޮސް މުޅި ރާއްޖޭގައި މިއޮތީ ލައިސަންސް ހަމައެއް ލަމަހެއްނެތި ދޫކުރަން ފަށާފައެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އިމްތިޙާނަކާ ނުލައި ނުވަތަ އެވެއަރނެސް އަކާނުލައި ނުވަތަ މަގުތަކަށް ފަރިތަކުރުމަކާ ނުލައި އެހެން ޤައުމުތަކުގެ ލައިސަންސަށް ބިނާކޮށް އެ ޤައުމެއްގެ ލައިސަންސްއެއް ދޫނުކުރެއެވެ. މިރާއްޖޭގައި ބިދޭސީން ގޮތެއް ފެތޮއް ބެލުމެއް ނެތި މަގުތަކުގައި ދުއްވަމުން ދާއިރު އަދި މިފަދަ ބައެއް މީހުންގެ ފަރާތުން ނުރައްކާތެރި އެތަކެއް އެކްސިޑެންޓެއް ހިގާފަވާއިރު ސަރުކާރުން އެއްވެސް ހިފެހެއްޓުމެއް ނެތި އަވައްޓެރީންނަށް މިގޮތަށް ލައިސަންސް ބަހަމުން ދިއުމަކީ ވަރަށް ނާތަހުޒީބީ ޢަމަލެކެވެ.
ލައިސަންސް ގަވާއިދަށް 15 ޖުލައި 2021 އިން ފެށިގެން ޢަމަލު ކުރަން ފެށުމާއެކު މި ގަވާއިދުގައި ލައިސަން އެންމެ ލަސްވެގެން ދޫކުރެވޭނެ ވަގުތުތައް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހެނީ ގަވާއިދުގައި ބަޔާންކޮށްފައިވާގޮތަށް ޚިދުމަތް ފޯރުކޮށްދެމުން ނުގެންދެވޭކަމެވެ.
ތިއަރީ އިމްތިޙާނާއި ޢަމަލީ އިމްތިޙާނު ހެދުން
ތިއަރީ އިމްތިޙާނަށް ފީދައްކާ ތާ ލަސްވެގެން 72 ( 3 ދުވަސް) ގަޑި އިރުތެރޭ ތިއަރީ އިމްތިޙާނު ބާއްވާނެ ތާރީޚާއި ގަޑި އަންގަން ވާނެކަމަށެވެ. ނަމަވެސް ތިއަރީ އިމްތިޙާނަށް އެދި އޮންލައިންކޮށް ހުށަހަޅާތާ 2 ހަފުތާ ވެގެން ދާއިރުވެސް ފައިސާ ދެއްކުމަށް ބޭނުންވާ ލިންކު ޚިދުމަތަށް އެދުނު ފަރާތަށް ލިބެމުން ނުދެއެވެ. އެހެންކަމުން ގަވާއިދުގައި ބަޔާންކޮށްފައިވާ 72 ގަޑިއިރު ގުނަން ފަށާކަށް ނުޖެހެއެވެ. އަދި ފައިސާ ދައްކާތާ 72 ގަޑި އިރުތެރޭގައި ތިއަރީ އިމްތިޙާނުގައި ބަޔާން ކުރާގޮތަށް ވަގުތު ދިންނަމަވެސް ރައްޔިތުމީހާ އެ ޚިދުމަތަށް އެދޭތާ ގާތްގަޑަކަށް 15 ދުވަހާއި 25 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ނޫނީ ޚިދުމަށް ލިބެމުން ނުދެއެވެ. މި މުއްދަތަކީ އިންޑީޔާ ފަދަ ލައިސަންސް ދިނުމުގައި ދޯދިޔާ ގައުމެއްގައިވެސް ލައިސަންސް ހެދުމަށްފަހު ޕޯސްޓުން ގެއާހަމައަށް ޑެލިވަރީ ކުރާހާ މުއްދަތެވެ.
ތިއަރީ އިމްތިޙާނުން ފާސްވުމުން ޢަމަލީ އިމްތިޙާނަށް ދެވެނީ ޢަމަލީ އިމްތިޙާނަށް ފީދައްކާތާ 72 ގަޑީ އިރު ނުވަތަ 3 ދުވަސްފަހުން ކަމުގައި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް މިދެންނެވި 3 ދުވަހުގެ ތެރޭގައި މިހާތަނަށް މި ޚިދުމަތް ދެވެމުން ގޮސްފައި ނުވެއެވެ. އަދި މިކަންވެގެން ގޮސްފައިވަނީ ގަވާއިދުގައި އެގޮތަށް ބަޔާންކޮށްފައިވާތީ ދެވޭ ތާރީޚެއްގެ ގޮތުގައެވެ. އެގޮތުން 72 ގަޑީ އިރުގެ ތެރޭގައި ދެވެނީ ޢަމަލީ އިމްތިޙާނު އޮންނާނެ ތާރީޚުއެވެ. އެ ތާރީޚަކީ ބައެއްފަރާތްތަކަށް 1 މަހާއި 3 މަހާ ދެމެދުގެ މުއްދަތަކަށް ޢަމަލީ އިމްތިޙާނު ހެދުމަށް ކުރަންޖެހޭ އިންތިޒާރަކަށް ވެގެން ގޮސްފައިވެއެވެ. އެހެންކަމުން އަމަލީ އިމްތިޙާނު ލިބުމަށް ބައެއްފަހަރު 1 މަހާއި 3 މަސްދުވަހުގެ މުއްދަތު ނަގާފައިވާކަމަށް ވެއެވެ.
ލައިސަންސް މުއްދަތު ހަމަވެގެން ލައިސަންސް ހެއްދުން
ލައިސަންސްގެ މުއްދަތު ހަމަވެގެން ލައިސަންސް އަލުން ހެދުމަށްޓަކައި ކުރީގައިދެންނެވި ގޮތަށް ފައިސާ ދެއްކުމަށް ޚިދުމަތަށް އެދުނު ފަރާތުން ގާތްގަނޑަކަށް 1 ހަފުތާއާއި 2 ހަފުތާއާއި ދެމެދުގެ މުއްދަތަކަށް އިންތިޒާރުކުރަންޖެހެއެވެ. އަދި ފައިސާ ދައްކާތާ 3 ދުވަހުގެ ތެރޭގައި ލައިސަންސް އައުކޮށްދޭންޖެހޭކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވީނަމަވެސް ފައިސާ ދައްކާތާ 1 ހަފުތާއާއި 2 ހަފްތާއާއި ދެމެދުގެ މުއްދަތެއްގައި ވެސް ލައިސަންސް ޚިދުމަތަށް އެދުނު ފަރާތަށް ލިބިގެން ގޮސްފައި ނުވެއެވެ.
މި ދެންނެވެވި ޚިދުމަތުގެ އިތުރުން ކެޓަގަރީ އިތުރުކުރުމަށް ހުށަހަޅާ ލައިސަންސްތައްވެސް 3 ދުވަހުގެ ތެރޭގައި ޢަމަލީ އިމްތިޙާނަށް ފޮނުވަންޖެހޭކަމަށް ގަވާއިދުގައި އޮތްނަމަވެސް އެކަންވެސް އެގޮތަކަށް ކުރެވެމުން ނުދެއެވެ. އަދި ވަގުތީ ލައިސަންސް ދާއިމީ ލައިސަންސަށް ބަދަލުކުރުމަށް ގަވާއިދުގައި 7 ދުވަސް ކަމަށް ބަޔާންކޮށްފައި އޮތަނަމަވެސް މިކަންވެސް މި މުއްދަތުގެ ތެރޭގައި ކުރެވިފައެއް ނުވެއެވެ.
ލައިސަންސްގެ މަސައްކަތް ހައްލުކުރުމަށް ކުރެވިދާނެކަންކަން
އައުކުރުމަށް ހުށަހަޅާ ލައިސަންސްތަކަކީ އެ ހުށަހެޅުމާއެކު އެ ލައިސަންސްއަށް ފައިސާ ދެއްކޭނެގޮތަށް ކަންކަން ހަމަޖެހިފައި އޮންނަންޖެހޭ ޚިދުމަތެކެވެ. އަދި މިކަން ކުރުމަށް ކަމެއް އީޖާދުކުރާކަށް ނުޖެހެއެވެ. އެހެންކަމުން މިކަމަކީ މިހާރުން މިހާރަށް ހަމަޖެހެން ޖެހޭކަމެކެވެ.
އަދި މި ލައިސަންސް އަކީ އައި.ޑީ ކާޑު ޔުނިޓުގައި ރައްކާކުރެވިފައިވާ ޑޭޓާތަކާއި ލިންކު ކުރެވިފައިވާގޮތަށް ފަރުމާކުރެވިފައިވާ ސިސްޓަމަކުން ޖެނެރޭޓު ކުރާ ޑޭޓާތަކަކަށް މިނިސްޓްރީއިން ބަޔާންކޮށްފައިވާއިރު އިތުރަށް ލައިސަންސް ހޯލްޑަރގެ ޕްރޮފައިލް ޑޭޓާ މެނުއަލްކޮށް ގެންނަން ޖެހޭ ބަދަލެއް އަދި ލައިސަންސްގެ ކެޓަގަރީއަށް އަންނާނެ ބަދަލެއް ނޯންނާނެކަމަށް މިނިސްޓްރީގައި ކުރިން މަސައްކަތްކޮށްފައިވާ އައި.ޓީ މުވައްޒަފަކު ކިޔާދީފައިވެއެވެ.
އަދި ލައިސަންސްއަށް އެދުނު ފަރާތަކީ އެއްގަމު ދަތުރުފަތުރާއި ގުޅޭ ޤާނޫނު އަދި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ކުށެއް ކުރުމުގެ ސަބަބުން ނުވަތަ ލައިސަންސް ހިފަހައްޓާފައިވާ ފަރާތެއްނަމަ ވަގުތުން އެކަން ސިސްޓަމުން އައިޑެންޓިފައި ކުރެވޭނެގޮތަށް މިހާރުގެ ސިސްޓަމުގައިވެސްވަނީ މޯލްޑިވްސް ޕޮލިސްސަރވިސްގެ ޑޭޓާބޭސްއާއި ލިންކު ކުރެވިފައި ކަމަށް މި މުވައްޒަފު ކިޔާދީފައިވެއެވެ. އެހެންކަމުން އައުކުރުމަށް ހުށަހަޅާ ލައިސަންސް ހުށަހެޅުމުން، ވަގުތުން ފައިސާ ދެއްކޭނެ ގޮތަށް ސިސްޓަމުން ވައެލޭޝަން ޗެކްކުރެވި ޕޭމަންޓް ލިންކު ޚިދުމަތަށް އެދުނު ފަރާތަށް ލިބި އަދި ޕޭމަންޓް ދެއްކުމުން ވަގުތުން އެ ފަރާތުގެ ލައިސަންސް ކާޑު ޕްރިންޓަށް ފޮނުވެންޖެހެއެވެ. މިކަމަކީ މިހާރުން މިހާރަށްވެސް ހަމަޖެއްސެން ހުރި ކަންކަމެވެ. އަދި އައުކުރުމަށް ހުށަހަޅާ ލައިސަންސް 1 ދުވަހުގެ ތެރޭގައި ލިބޭނެގޮތަށް ކަންކަން ހަމަޖެހެން ޖެހެއެވެ. އެހެންކަމުން ރައްޔިތުންނަށް މި ޚިދުމަތް ވަގުތުން ވަގުތަށް ހަމަޖައްސައިދޭން ޖެހެއެވެ.
އަލަށް ލައިސަންސް ނެގުމަށް ހުށަހަޅާ ފަރާތްތަކުން ކިއުގައި ގިނަދުވަސްތަކެއްވަންދެން ތިއަރީ ހެދުމަށް ތިބެން ޖެހުމާކީ އެއްގޮތަކަށްވެސް ޓެކްނޮލޮޖީ މިހާ ކުރިއަރައިގެން ގޮސްފައިވާ ޒަމާނެއްގައި އެކަން އޮންނަން ޖެހޭނެގޮތެއް ނޫނެވެ. މިދެންނެވި ތިއަރީ ޓެސްޓަކީ ބަދަލެއް ނުގެނެސް ގިނަދުވަސްތަކެއް ވެފައިވާ ސުވާލު ކަރުދާހަކަށް ބިނާކޮށް ދެވެމުން އަންނަ އިމްތިޙާނެކެވެ. އަދި މި ސުވާލުތަކަކީ މިހާރުގެ ހާލަތާ އެއްގޮތަށް ބަދަލުކުރަން ޖެހިފައިވާ އެއްޗެއްކަމުގައި ދަންނަވަންޖެހެއެވެ.
އަދި މި ފަދަ ތިއަރީ ޓެސްޓަކުން އުޅަނދު ދުއްވާ ފަރާތްތަކަށާއި މަގު ބޭނުންކުރާ ފަރާތްތަކަށްވެސް ރައްކާތެރިކަން ކަށަވަރުވެފައި ނުވެއެވެ. އުޅަނދު ދުއްވާ ފަރާތްތަކަށް މަގުމަތީގެ ޑިސިޕްލިން އެނގެންޖެހެއެވެ. އުޅަނދު މަގުމަތީގައި ބޭނުންކުރާނެ އެންމެ ރަނގަޅުގޮތްތަކާއި އަނެކާއަށް ދޭންޖެހޭ އިހުތިރާމާއި "ކާޓެސީ" މި އިމްތިޙާނުގެ ތެރެއިން ކަވަރު ކުރެވިގެން ނުދެއެވެ. އަދި ރާއްޖޭގައި ބޭނުންކުރާ ލައިސަންސްއަކީ ކުރިއަށްއޮތްތާގައި “އިންޓަރނޭޝަނަލް ޑްރައިވިންގ ޕާރމިޓް" ނުވަތަ ރާއްޖޭގެ ލައިސަންސްސަށް ބިނާކޮށްގެން ކޮމަންވެތުގެ ގައުމުތަކުގެ ތެރެއިން "ވިއެނާ ކޮންވެންޝަން އޮން ރޯޑު ޓްރެފިކް 1968″ ގަބޫލު ކޮށްފައިވާ ގައުމުތަކުގައި ބޭނުންކުރެވިގެން ދާނެ ލައިސަންސްއަކަށް ވުމުން މިކަން އިތުރަށް ހަރުދަނާކުރަން ޖެހެއެވެ.
އެގޮތުން އަލަށް ލައިސަންސް ނަގާ ފަރާތްތަކުން ދުނިޔޭގެ އެހެން ގައުމުތަކުގައި އޮންނަ ގޮތަށް ކަނޑައަޅާ ވަކި މުއްދަތަކަށް މަޢުލޫމާތު ދިނުމުގެ އެވެއަރނެސް ސެޝަންއެއް ނުވަތަ ކޯހެއް ފުރިހަމަކޮށް އެކޯހުން ފާސްވުމުން ދުއްވުމުގެ އިމްތިޙާނަށް ދެވޭގޮތަށް ކަންކަން ތަރުތީބު ކުރަންޖެހެއެވެ.
މިގޮތުން ސިންގަޕޫރުގައި މި ފަދަ ޕްރޮގްރާމް އޮންނަނީ ހުއްދަ ދީފައިވާ ޑްރައިވިންގ ސްކޫލްތަކަށް ދޫކޮށްފައެވެ. އަދި ތައިލޭންޑްގައި އޮންނަނީ 5 ގަޑި އިރާއި 10 ގަޑިއިރާއި ދެމެދުގެ ޕްރެޒެންޓޭޝަންތަކުގައި ބައިވެރިވެ އެ ޕްރެޒެންޓޭޝަންތަކަށް ދެވޭ ޓެސްޓްއިން ފާސްވުމެވެ. އަދި ހަމައެހެންމެ ނެދަލޭންޑު، ޑެންމާކު، ރަޝިޔާ އަދި ސައުދީއަރބިޔާ ފަދަ ގައުމުތަކުގައި މި ފަދަ ގޮތަކަށް ޓެސްޓްގައި ބައިވެރިވެ ފާސްފާންޖެހެއެވެ. މިދެންނެވި އިމްތިޙާނު ދޭ ތަންތަނަކީ އެކަމަށް ކަނޑައަޅާފައިވާ މުއައްސަސާއަކުން (ރާއްޖޭގައި ނަމަ ޓިވެޓުން) ކަނޑައަޅާފައިވާ ސްޓޭންޑަރޑް ފުރިހަމަކުރަން ޖެހޭ ގޮތަށް އޮންނަ ޕްރޮގުރާމަކަށް ވުމުން ދެ ކަމެއް ހާސިލުވެގެން ދާނެއެވެ.
ފުރަތަމަ ކަމަކީ މިހާރު ތިއަރީ އިމްތިޙާނަށް ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުގެ ކަމާބެހޭ މުއައްސަސާގައި ރައްޔިތުން ޚިދުމަތް ހޯދަން ކިއު ހަދައިގެން ތިބެން ޖެހޭޖެހުމަށް ނިމުމެއް އައުމާއެކު، ތިއަރީ އިމްތިޙާނު އުވިގެންގޮސް ތިއަރީ އިމްތިޙާނަށް ޚާއްޞަކުރެވިފައިވާ މުވައްޒަފުން އެހެންކަންކަމަށް ބޭނުން ކުރެވިގެން ދިއުމެވެ. ނުވަތަ ޕްރެކްޓިކަލް ދުވާލުގެ ދެ ސެޝަނަކަށް ބަހާލެވިގެން ޕްރެކްޓިކަލް ޓެސްޓްތައް އަވަހަށް އެންރޯލް ވުމަށް ފުރސަތު ލިބޭނެއެވެ.
ދެވަނަ ކަމަކަކަށް މަގުތަކުގައި ހިގަމުންދާ ނުރައްކާތެރި އެކްސިޑެންޓްތައް މަދުވެ ދުއްވާފަރާތްތަކުގެ ގައިގައި މަގުމަތީގެ އަދަބުތަކާއި އަނެކާއަށް އިހުތިރާމުކުރުން "ކާޓަސީ" އަށަގަނެ ގަވާއިދުތައް އެގޭމިންވަރު އިތުރުވެ މަގުތަކަކީ ކުރިއަށްވުރެ ރައްކާތެރި ތަނެއްކަމަށް ވެގެންގޮސް ރާއްޖޭގެ ލައިސަންސްއަށް ބައިނަލް އަޤްވާމީގޮތުން ކުރާ އިތުބާރު ބޮޑުވެގެން ދާނެއެވެ.
މި ގޮތަށް ކަންކަން ފަހިކުރުމަށް "އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭގަވާއިދު" 2021/R-102 އަށް އިސްލާހު ގެންނަން ޖެހެއެވެ. އެގޮތުން ތިއަރީ އިމްތިޙާނުގެ ބަދަލުގައި މިނިސްޓްރީން ކަނޑައަޅާ ތަމްރީނުދޭ މަރުކަޒަކުން ހަދާ ކޯހުގެ ސެޓްފިކެޓް އޮތުމަށް ލާޒިމްކުރެވިދާނެއެވެ. މިހާރު ގަވާއިދުގައި ބަޔާންކޮށްފައިވާ ތިއަރީ އިމްތިޙާނު ހަދާތާ ގިނަވެގެން 6 މަސްދުވަހުގެ ތެރޭގައި ޢަމަލީ އިމްތިޙާނު ހަދަންއޮތް އޮތުން އުނިކުރުމާއި ތިއަރީ އިމްތިޙާނު ހެދި އިދާރާއަށް އަމަލީ އިމްތިޙާނު ހަދަންޖެހޭގޮތަށް އޮތް މާއްދާ އުވާލުމާއި ހިފެހެއްޓިފައިވާ ލައިސަންސްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފެންނާނެހެން ބެހެއްޓުމަށް ލާޒިމްކުރުމާއެކު ހިފެހެއްޓިފައިވާ ލައިސަންސްއެއް އައުކުރުމަށް ހުށަހެޅުމުން ލައިސަންސް އެޕްލިކޭޝަން ބަލައި ނުގަތުމުން ދިމާވާ ކަންކަމަކީ ޚިދުމަތަށް ހުށަހަޅާ ފަރާތުން ޒިންމާވާޖެހޭ ކަމެއްކަމަށް ގަވާއިދުގައި ބަޔާންކުރުން ހިމެނެއެވެ.
ދުނިޔޭގެ ގިނަ ގައުމުތަކުގައި އޮންނަނީ "ލާނާސް ޑްރައިވިންގ" އިންސްޓްރަންޓަރެއްގެ ބެލުމުގެ ދަށުން ވަކި ގަޑީތަކެއް ފުރިހަމަކުރުމަށް ކަމަށްވީނަމަވެސް މިކަމަކީ ރާއްޖެއަށް އެހާ ބޭނުންތެރި އަދި އިފެކްޓިވް ކަމެއްކަމަށް ނުބެލެވެއެވެ.
ދުނިޔޭގެ އެހެންގައުމުތަކުގައި ލައިސަންސް ދޭ އުސޫލުން ކަންކަންކަން ފަހިކޮށް ރައްޔިތުން ބޭނުންވާ އަވަސްމިނުގައި ޚިދުމަތް ދެވޭނީ އެކަމަށް ޑެޑިކޭޓެޑް އަދި އިނޮވޭޓިވް ގޮތަކަށް ކަންކަން ކުރެވިގެންނެވެ. އަދި މިކަންކަން ކުރުމަށް އިތުރު ޚަރަދެއް އަދި އިތުރު މުވައްޒަފުންނެއްވެސް ބޭނުމެއް ނުވެއެވެ. މިކަމަކީ ވަގުތުން ވަގުތަށް މިނިސްޓްރީއިން މެނޭޖުކުރަން ބޭނުންނަމަ ކުރެވެން ހުރި ކަންކަމެވެ. ރައްޔިތުން ބޭނުންވަނީ އަވަސް ސްޕީޑެވެ.
ރައްޔިތުން ބޭނުންވަނީ މޯބައިލް ފޯނުން ލައިސަންސަށް ފަސޭހައިން އެދެވޭނެގޮތަށް ކަންކަން ފަހި ކުރުމަށެވެ. ޒަމާނުއްސުރެ އޮންނަ އެޕްލިކޭޝަން ފުރިހަމަކޮށް ސޮއިކޮށް ސްކޭންކޮށް އެ އެޕްލިކޭޝަން ހުށަހެޅުމަށް މިހާރު ހަދާފައިވާ އުދަގޫ ޕޯޓަލް ދޫކޮށް މިކަންކަން އަވަހަށް އުދަގޫތަކެއް ތަހައްމަލުނުކޮށް ސެކިއުރިޓީ އޮތުމާއެކު ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރު މުއްދަތެއްގެ ތެރޭގައި ޚިދުމަތް ލިބޭނެގޮތް ވެގެން ދިއުމެވެ.
އަދި އެ ލައިސަންސްއަކީ ޚިދުމަތަށް އެދޭ ފަރާތުން ޑޯ ސްޓެޕް ޑެލިވަރީ ބޭނުންވާ ޚިދުމަތެއްނަމަ އެކަންވެސް ކުރެވޭނެގޮތަށް ޑެލިވަރީ ޗާޖެއް ނަގައިގެން ނަމަވެސް ރާއްޖެކަހަލަ ޖަޒީރާ ގައުމެއްގައި ޕޯސްޓުން ޑެލިވަރީ ޚިދުމަތް ދެވޭގޮތަށް ވަގުތުން ވަގުތަށް ފަށަން ޖެހިފައިވާ ޚިދުމަތެއްކަމަށް ދަންނަވަންޖެހެއެވެ.
ޚިދުމަތް ދިނުމަށް ބޭނުންވަނީ ކެރުމާއި ހިއްވަރާއި ތަޢުލީމީ ގާބިލު ބޭފުޅުން ދޭ ޚިޔާލުތަކަށް އިޙްތިރާމުކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ ހިއްވަރާއި ފެންވަރާއި ބަދަލަށް ތައްޔާރުވެ ކެރިގެން އިމްޕްލިމެޓް ކުރުވޭނެ މާލިމީއެކެވެ.
One Response
ދިވެހިން ދުނިޔެއަށް އައީ ބޭރުމީހުނަށްޓަކައި ދިވެހިން ދުނިޔޭގަ އުޅެންވެސް ޖެހޭނީ ބޭރުމީހުނަށް ޓަކައި ރަންބިސް އަޅާ ކުކުޅު ބިހެއް ނާޅާނެ ގަދަކަމަކުން ނެއް ބިސްނާޅާ ފިއޔާ ރާއްޖެ ބަނޑަށްމަރު