އަފްއާނިސްތާނުގެ މަތިން ހަގުރާމަމަތީ ޑްރޯން އުދުއްސުން އެމެރިކާއިން ހުއްޓާ ނުލައިފިނަމަ، ބަދަލު ހިފުމުގެ ހަރަކާތްތަކެއް ހިންގަން ޖެހިދާނެކަމުގެ އިންޒާރު ތާލިބާން ޖަމާއަތުން އެމެރިކާއަށް ދީފިއެވެ.
މިގޮތުން ތާލިބާނު ޖަމާއަތުން އެމެރިކާއަށް އިންޒާރު ދީފައިވަނީ، ބައިނަލް އަގުވާމީ ގާނޫނުތަކާއި ޚިލާފަށް އެގައުމުން އަފްއާނިސްތާނުގެ ވައިގެ ސަރަހައްދުގެ ހުރުމަތް ކަޑަމުންދާތީ ކަމުގައި، ތާލިބާން ޖަމާއަތާ ހަވާލާދީ އަފްއާނިސްތާނުގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.
އެހެންނަމަވެސް، ބަދަލު ހިފުމުގެ ގޮތުން ހިގާނީ ކޮން ކަންތައްތަކެއް ކަމެއް ތާލިބާންއިން ހާމަކޮށްފައެއް ނުވެއެވެ.
"އަފްއާނިސްތާނުގެ ވައިގެ ސަރަހައްދު މިވަނީ އެމެރިކާގެ ޑްރޯންތަކުން ހިސާރު ކޮށްފަ. މިކަން ރަގަޅުކޮށް، އަދި ވައިގެ ސަރަހައްދު ހުރުމަތް ނުކެޑޭނެކަން ޔަގީން ކޮށްދޭން އެބަޖެހޭ،" ތާލިބާން ޖަމާއަތުގެ ތަރުޖަމާން ޒަބީހުﷲ މުޖާހިދު ވިދާޅުވެފައި ވެއެވެ.
އަފްއާނިސްތާން މަތިން އޮންނަ ވައިގެ ސަރަހައްދަކީ، ތާލިބާން ޖަމާއަތުގެ މިލްކުވެރި ވައިގެ ސަރަހައްދެއްތޯ ސުވާލު ކުރުމުން އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ ތަރުޖަމާން ޖޯން ކިރްބީ ވިދާޅުވެފައިވަނީ، "ކައުންޓަރ ޓެރަރިޒަމް އޮޕްރޭޝަންތައް، ހުރިހާ ސަރަހައްދެއްގެ މަތިން ހިންގުމުގެ ހުރިހާ ހައްގެއްވެސް އަހަރެމެންނަށް ލިބިގެންވޭ،" މިފަދައިންނެވެ.
"ވަށައިގެންވާ ސަރަހައްދުތަކުގައި ވައިގެ ހަމަލާތައް ދިނުމާއިބެހޭ ޚާއްސަ އުސޫލުތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަކާ ނުލާ، ތާލިބާން ޖަމާއަތާ ގުޅިގެން ވައިގެ ސަރަހައްދު ސާފުކޮށް ބޭއްވުމުގެ ބޭނުމެއް ނެތް. އަދި މުސްތަގުބަލުގައި، ސަރަހައްދުތައް ހުރަސްކޮށް ހިންގޭ ކައުންޓަރ ޓެރަރިޒަމް ހަމަލާތައް، އަފަދައިން ވައިގެ ސަރަހައްދު ހުސްކޮށް ބޭއްވުމާއި ގުޅުމެއް އޮންނަން ޖެހޭ ކަމުގައިވެސް އަހަރެމެން ގަބޫލެއް ނުކުރަން،" އޭނާ އިތުރަށް ވިދާޅުވެފައި ވެއެވެ.
ފާއިތުވެދިޔަ އޮގަސްޓުމަހުގެ 15ވަނަ ދުވަހު އަފްއާނިސްތާނުގެ ވެރިރަށް ކާބުލް އެޖަމާއަތުގެ ބާރުގެ ދަށަށް ގެނައުމަށްފަހު، ތާލިބާން ޖަމާއަތުންދަނީ، މުޅި އަފްއާނިސްތާނުގައި އެމީހުންގެ ބާރު ދެމެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. އަދި ތާލިބާން ޖަމާއަތުންވަނީ އެމީހުންގެ ސަރުކާރު ބަލއިގަތުމަށް ބައިނަލް އަގިވާމީ ފަރާތްތަކަށް ގޮވާލާފައެވެ.
އެހެންނަމަވެސް، މިހާތަނަށް ދުނިޔޭގެ އެއްވެސް ގައުމަކުން އަފްއާނިސްތާނުގައި އޮތް ތާލިބާންގެ ސަރުކާރު ބަލައިގެންފައި ނުވާއިރު، އެމެރިކާއިން ފާއިތުވެދިޔަމަހު ބުނެފައިވަނީ އެމެރިކާއާއި އެމެރިކާގެ އެކުވެރި ގައުމުތަކުން ތާލިބާންގެ ސަރުކާރު ބަލައިގަތުމަށް އަވަސްވެ ނުގަންނާނޭ ކަމުގައެވެ.
ކޮމެންޓު ފޮނުވާ