މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 39.3 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.
އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް-19ގެ ސަބަބުން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، އަދި ވިޔަފާރިތައް ހުއްޓި އާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސްއެކެވެ. މި ސްކީމްގެ ދަށުން އެކިއެކި ދާއިރާތަކުން އާމްދަނީއަށް އަސަރުކުރި ފަރާތްތަކަށް އެލަވެންސް ދޫކޮށްފައިވާއިރު، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 1854 މީހަކަށް 39.3 މިލިއަން ރުފިޔާވަނީ ދޫކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކައެވެ.
މިގޮތުން ކަޅުބިލަމަސް އަދި ކަންނެލީގެ މަސްވެރިކަން ކުރާ 98 ފަރާތަކަށް 1.2 މިލިއަން ރުފިޔާ ދޫކޯށްފައިވާއިރު، ފަރުމަހުގެ މަސްވެރިކަން ކުރާ 1394 ފަރާތަކަށް 30 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ހުއިފިލަނޑާ އަދި އިހީގެ މަސްވެރިކަންކުރާ 362 ފަރާތަކަށް 8 ލައްކަ ރުފިޔާ ދޫކޮށްފައިވާ ކަމަށްވެސް ފިޝަރީޒް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި ބޮޑު ކަންނެލީގެ މަސް ގަންނަ 5 ކުންފުންޏަކަށް 55.4 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ސަރުކާރުން އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މުޅި ޖުމްލަ 93,906 މީހަކަށް 421 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.
އެލަވަންސް ދިނުމަށް ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގައި ވާގޮތުން، ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000 ރުފިޔާގެ އެލަވެންސެއް ލިބޭނެ އެވެ. މުސާރަ އުނިކޮށްފައިވާ މީހަކަށް 5000 ރުފިޔާއިން ދަށުން ޢާމްދަނީއެއް ލިބޭނަމަ އެމީހަކަށް އިނާޔަތުގެ ގޮތުގައި 5000 ރުފިޔާއިން އެ ޢަދަދު އުނިކުރުމުން ބާކީ އޮންނަ ޢަދަދާ އެއްވަރުގެ ޢަދަދެއް ލިބޭނެއެވެ.
އިންކަމް ސަޕޯޓް އެލަވަންސް ދޭން ފަށާފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓު ފޮނުވާ