އިރާނުގެ ފުރަތަމަ ރައީސް އުމުރުފުޅުން 88 އަހަރުގައި އަވަހާރަ ވެއްޖެ

އިރާނުގެ ފުރަތަމަ ރައީސް އުމުރުފުޅުން 88 އަހަރުގައި އަވަހާރަ ވެއްޖެ

Author
ހުސެއިން
09 އޮކްޓޯބަރ 2021 03:58
0

1979 ވަނަ އަހަރު އިރާނަށް ގެނެވުނު އިސްލާމީ އިންގިލާބަށްފަހު އެގައުމުގައި ރައީސްކަން ކުރި، އިރާނުގެ ފުރަތަމަ ރައީސް އަބުލް ހައްސާނު ބަނީސަދުރު، އުމުފުޅުން 88 އަހަރުގައި، ފްރާންސްގެ ޕެރިހުގެ ހޮސްޕިޓަލެއްގައި އަވަހާރަ ވެއްޖެކަމަށް، އިރާނުގެ ގައުމީ ނޫސް އޭޖެންސީ އިރްނާއިން ބުނެފިއެވެ.

"ވަރަށް ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އަބުލް ހައްސާނު ބަނީސަދުރު ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގައި، ޕެރިހުގެ އިރުދެކުނުގައި ހުންނަ ޕިޓީސަލްޕެޓްރިއާ ހޮސްޕިޓަލުގައި، އަވަހާރަ ވެފައި،" އިރާނުގެ ކުރީގެ ރައީސްގެ ގާތް އަރިސް ބައެއް ފަރާތްތަކާ ހަވާލާދީ، އިރްނާއިން ރިޕޯޓު ކޮށްފައި ވެއެވެ.

ބަނީ ސަދުރުގެ ރަސްމީ ވެބްސައިޓުގައި އޭނާގެ ދަރިންނާއި އަދި އަނބިކަބަލުން ވިދާޅުވެފައިވަނީ އޭނާ އަވަހާރަވެފައިވަނީ، އެތައް ދުވަހަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު ހޮސްޕިޓަލުގައި ފަރުވާ ދެވެމުންދަނިކޮށް ކަމަށެވެ.

އޭނާގެ ރަސްމީ ވެބްސައިޓުގައި، އޭނާ އަވަހާރަވި ޚަބަރު އާންމު ކުރައްވަމުން އާއިލާގެ ފާރާތުން ބުނެފައިވަނީ، "ބަނީ ސަދުރަކީ، ދީނުގެ ނަމުގައި ޚުދުމުޚަތާރު އަނިޔާވެރިކަން އިސްކުރި ބައެއްގެ ކުރިމަތީގައި ގައުމުގެ މިނިވަންކަން ދިފާއުކުރި" ބޭފުޅެއްގެ ކަމުގައެވެ.

ބަނީ ސަދުރު އިރާންގެ ވެރިކަމަށް އިސްވެ ވަޑައިގަތީ، 1980 ވަނަ އަހަރުގެ ޖެނުއަރީމަހު، އޭގެ ކުރީއަަހަރު އެގައުމަށް ގެނެވުނު އިސްލާމިކް އިންގިލާބަސްފަހު އެވެ. އެހެންނަމަވެސް، އިރާނުގެ ގާނޫނުހަދާ މަޖިލިހުން އޭނާ މަގާމުން ދުރުކުރީ އޭނާ އިރާނުގެ އޭރުގެ ރޫހާނީ ލީޑަރު އާޔަތުﷲ ރޫހުﷲ ޚޯމެނެއި އާއި ދެކޮޅު ހެއްދެވުމާއި ގުޅިގެންނެވެ. އެއަށްފަހު، އޭނާ ގައުމުން ބޭރަށް އަރުއްވާލެއްވިގެން، ދިރިއުޅުއްވަމުން ގެންދަވާފައިވަނީ ފްރާންސްގައެވެ.

1933 ވަނަ އަހަރުގެ މާރޗްމަހުގެ 22 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ބަނީ ސަދުރު އުފަންވެ ވަޑައިގަތީ އިރާނުގެ ހުޅަގުގެ ސަރަހައްދެއް ކަމުގައިވާ ހަމަދަންގެ ވިލެޖެއްގައެވެ. އަދި އޭނާއަކީ ލިބަރަލް އިސްލާމްއަށް ދާއީދު ކުރައްވާ ބޭފުޅެކެވެ.

އަދި އޭނާއަކީ، އިރާނުގެ ނޭޝަނަލިސްޓް ލީޑަރެއް ކަމުގައިވާ މުހައްމަދު މޮސާދިގްގެ ހަރަކާތެއް ކަމުގައިވާ ނޭޝަނަލް ފްރޮންޓް އޮފް އިރާންގެ އެކި ރޭންކްތަކުގައި އުމުރުން 17 އަހަރުން ފެށިގެން ހަރަކާތްތެރި ވެފައިވާ ބޭފުޅެކެވެ.

ތިއޮލޮޖީއާއި، އިކޮނޮމިކްސް އަދި ސޯޝިއޮލިޖީއިން ތައުލީމު ހާސިލް ކުރެއްވުމަށްފަހު، އޭނާ ވެވަޑައިގަތީ އިރާނަށް ގެނެވުނު އިސްލާމީ އިންގިލާބުގެ ކުރިން އެގައުމުގައި ހުންނެވި ޝާހުގެ ސަރުކާރާ އެންމެ ދެކޮޅު އެއް ބޭފުޅެއް ކަމުގައެވެ.

ނަތީޖާއެއްގެ ގޮތުން، ފުލުހުން އޭނާ ހޯދަން އިއުލާންކުުރުމާއެކު، 1963 ވަނަ އަހަރު އޭނާ އިރާން ދޫކުރައްވާ ދިރިއުޅުން ބަދަލު ކުރެއްވީ ފްރާންސަށެވެ. އަދި 1970 ވަނައަހަރު، އޭނާވަނީ، އޭރު އިރާގަށް އަމިއްލައަށް އަރުއްވާލެއްވިގެން ހުންނެވި ޚޯމެނެއިއަށް ތާއީދު ކުރައްވާ ފަރާތްތަތަކުން އެކުވެ، އޭރުގެ އިރާނުގެ އިދިކޮޅު ހުރިހާ ފަރާތްތަކެއް އެއްގަލަކަށް އެރުމަށް ވަކާލާތު ކުރައްވާފައެވެ.

އަދި 1978ވަނަ އަހަރު ޚޯމެނެއި ފްރާންސަށް ވަޑައިގެންނެވުމާއެކު، އޭނާ ވެވަޑައިގަތީ ޚޯމެނެއިގެ އެންމެ އަރިސް އެއް ބޭފުޅެއްގެ އިތުރުން އޭނާގެ ޚާސް މުޝީރަކަށެވެ.

އަދި 1978ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހު އޭނާ އެބުރި އިރާނަށް ވަޑައިގެންނެވީ ޚޯމެނެއި އާއި އެއް ފްލައިޓެއްގައެވެ.

ބަނީސަދުރުވަނީ އިރާނުގެ މިނިސްޓަރ އޮފް އިކޮނޮމިކް އަދި ފޮރިންގ އެފެއާޒްގެ މަގާމްވެސް އަދާ ކުރައްވާފައެވެ.

"ޚޯމެނެއިގެ ރޫޙާނީ ދަރިކަލުން"ގެ ގޮތުގައި އޭނާއަަށް އޭރު މުޚާތަބު ކުރެވެމުން އައި ބަނީސަދުރު އިސްލާމިކް ރިޕަބްލިކް އޮފް އިރާންގެ ރައީސްކަމަށް އިންތިޚާބު ވެވަޑައިގަތީ 1980ވަނަ އަހަރުގެ ޖެނުއަރީމަހުގެ 26ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.