ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ބެލްޖިއަމް އަތުން ފަހަތުން އަރައި 3-2 އިން މޮޅުވެ، އެންމެ ފަހުގެ ވޯލްޑް ކަޕް ޗެމްޕިއަން ފްރާންސް އިން ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ބެލްޖިއަމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 37 ވަނަ މިނެޓުގައި ޔަނިކް ކަރާސްކޯ ބެލްޖިއަމަށް ލީޑު ނަގައިދިންއިރު، އޭގެ ތިން މިނެޓު ފަހުން އެ ޓީމަށް ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ރޮމެލޫ ލުކާކޫއެވެ. މި ދެ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސްކޮށްދިނީ ކެވިން ޑި ބްރޭނާއެވެ.
އެކަމަކު ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ފްރާންސުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި ކަރީމް ބެންޒެމާ ފްރާންސަށް ފަރަގު ކުޑަކޮށްދިންއިރު، އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިން ލަނޑު އޭގެ ހަތް މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭއެވެ. މިއީ އޭރިއާ ތެރެއިން ފްރާންސްގެ އެންޓޮއިން ގްރީޒްމަނަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.
މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ހުއްޓައި ލުކާކޫ ބެލްޖިއަމަށް ގޯލެއް ޖަހައިދިން ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އެކަމަކު، މެޗުގެ 90 ވަނަ މިނިޓްގައި ފްރާންސްގެ ފުލްބެކް ތިއޯ ހެނާންޑޭޒް ޖެހި ތަފާތު ގޯލާ އެކު ފްރާންސް ފައިނަލުން ޖާގަ ޔަގީންކުރީ އެވެ. ހެނާންޑޭޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ތިބައު ކޯޓުއާ އަށް އެ ސަލާމަތްކުރަން މާ ބޮޑު ކަމެއް ނުކުރެވިއެވެ.
މި މޮޅާއެކު މި ފަހަރުގެ ނޭޝަންސް ލީގުގެ ފައިނަލުގައި ފްރާންސް ބައްދަލުކުރަން ޖެހޭނީ ސްޕެއިނާއެވެ. މުބާރާތުގެ ފައިނަލަށް ސްޕެއިން ދަތުރުކުރީ ސެމީގައި 2-1 ގެ ނަތީޖާއަކުން އިޓަލީ ބަލިކުރުމަށްފަހުއެވެ.