ދުނިޔެއަށް ކުރިމަތިވީ ކޯވިޑް19ގެ އާލަމީ ވަބާގެ ސަބަބުން އަހަރެއްހާ ދުވަސްވަންދެން އިންޑިއާގެ ބޯޑަރުތައް ބަންދު ކޮށްފައި އޮތުމަށްފަހު، އޮކްޓޯބަރުމަހުގެ 15 ވަނަ ދުވަހު ފަތުރުވެރިންނަށް ހުޅުވާލުމަށް ހަަމަޖެހިފައިވާކަމަށް އިންޑިއާ ސަރުކާރުން ބުރާސްފަތި ދުވަހު ބުނެފިއެވެ.
"ވަރަށް ގިނަ ކަންކަމަށް ބެލުމަށްފަހު، ހޯމް މިނިސްޓްރީން ވަނީ އޮކްޓޯބަރުމަހުގެ 15ވަނަ ދުވަހުން ފެށިގެން ގައުމުން ބޭރުގެ ފަތުރުވެރިން ޗާޓަރު ފްލައިޓްތަކުގައި އިންޑިއާއަށް އެތެރެވާން ވިސާ ދޫކުރުމަށް ނިންމާފަ. ޗާޓަރު ފްލައިޓުތަކުގައި އިންޑިއާއަށް އަންނަ ފަތުރުވެރިން ފިޔަވާ އެހެން ފަތުރުވެރިންނަށް، ޓޫއަރިސްޓް ވިސާގައި އިންޑިއާ އެތެރެވުމުގެ ފުރުސަތު ލިބިގެންދާނީ ނޮވެމްބަރުމަހުގެ 15ވަނަ ދުވަހުން ފެށިގެން،" އިންޑިއާއިން އާންމު ކޮށްފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
މި ބަޔާނުގައި ބުނެފައިވާ ގޮތުން، އިންޑިއާއަށް ޒިޔާރަތް ކުރާ ހުރިހާ ފަތުރުވެރިންވެސް، އެގައުމުގެ ހެލްތު މިނިސްޓްރީން ކަނޑައަޅާފައިވާ ހުރިހާ އުސޫލުތަކަށްވެސް ފުރިހަމަޔަށް ތަބާވާން ޖެހޭނެއެވެ.
އިންޑިއާ ސަރުކާރުން ބުނެފައިވާ ގޮތުގައި އެގައުމުގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ، އިންޑިއާގެ ސަރަހައްދީ ސަރުކާރުތަކުގެ މަންދޫބުންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ އިސްފަރާތްތަކުގެ މަޝްވަރާވެސް ބޯޑަރު ހުޅުވާލުމަށް ލިބިގެން ދިއުމާ ގުޅިގެންނެވެ.
މީގެ އިތުރުން އިންޑިއާއިން ވަނީ، އެގައުމަށް އާންމު ކޮމާޝަލް ފްލައިޓްތައް ދަތުރުކުރުން މަނާކޮށްފައިވާ މުއްދަތު މި އޮކްޓޯބަރުމަހުގެ 31ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށްވެސް ނިންމާފައެވެ.
ކޯވިޑް19ގެ ހާލަތު އިންޑިއާގައި ގޯސްވެ، އެގައުމަށް އެއްވެސް ފަރާތަކުން ދަތުރުކުރުން ފާއިތުވެދިޔަ އަހަރު މަނާ ކޮށްފައިވި ނަމަވެސް، ކޯވިޑްގެ ހާލަތަށް ހެޔޮބަދަލުތައް އަންނަން ފެށުމާއެކު، އިންޑިއާއިންވަނީ، ފަތުރުވެރިން ފިޔަވާ އެހެން ފަރާތްތަކަށް ވިސާ ދޫކުރަން ފަށާފައެވެ.
ފަހަކަށް އައިސް އިންޑިއާގައި ދުވާލަކަށް ކޯވިޑް19 އަށް ޕޮޒިޓިވް ވަމުން އައިސްފައިވަނީ، 20،000 އާއި 25،000 އާ ދެމެދުގެ އަދަދެއްގެ މީހުންނެވެ. އަދި އެވެރެޖްކޮށް ޕޮޒިޓިވް ވަމުންދާ މީހުންގެ އަދަދުވަނީ މީގެ ހަފްތާއެއް ކުރިން ހުރި 5.68 އިންސައްތައިން 1.68 އިންސައްތައަށް ދަށްވެގެން ގޮސްފައެވެ.
One Response
ރަނގަޅަ