ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

Author
ހުސެއިން
07 އޮކްޓޯބަރ 2021 06:48
0

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ. ޖަޕާނުގެ ހުޅަގު އުތުރުގައި އޮން ޝިބާ ޕްރީފެކްޗަރއަށް އައިސްފައިވާ މިބިންހެލުން އައިސްފައިވަނީ ބާރު މިނުން 6.1 މެގްނިޓިއުޑްގައި ޖަޕާނުގެ ގަޑިން ރޭގަޑު 10:41 ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބިންހެލުމުގެ އަސަރުވަނީ ވެރިރަށް ޓޯކިޔޯގެ ސަރަހައްދުތަކަށްވެސް ކޮށްފައެވެ.

އެހެންނަމަވެސް މި ބިންހެލުމުގެ ސަބަބުން ސުނާމީ އެލާޓެއް ޖަޕާނުގެ އެއްވެސް ހިސާބެއްގައި އަދި ނެރެފައި ނުވާކަމަށް ލޯކަލް މީޑިއާތަކުންވަނީ ރިޕޯޓު ކޮށްފައެވެ.

ޖަޕާނުގެ މީޓިއޮރޮލިކަލް އޭޖެންސީން މައުލޫމާތު ދީފައިވާ ގޮތުގައި މިބިންހެލުން އައިސްފައިވަނީ، ބިމުގެ ސަތަހައިން ފެށިގެން 80 ކިލޯމީޓަރު ފުނުގައެވެ. މި ބިންހެލުން ޖަޕާނަށް އައިސްފައިވަނީ، ޖަޕާނުން ބިންހެލުންތައް މިންކުރުމަށް ކަނޑައަޅާފައި ހުންނަ މިންގަޑުން 5ގެ ބާރުމިނުގައެވެ. ބިންހެލުންތައް މިންކުރުމަށް ޖަޕާނުގައި ކަޑައަޅަފައި އޮންނަ އެންމެ ބާރުގަދަ މިންގަޑަކީ ބާރުމިނުން 7 އެވެ.

ޖަޕާނުގެ ރެއިލްވޭ ކުންފުނިތަކުން މައުލޫމާތު ދީފައިވާ ގޮތުގައި ބިންހެލުމުގެ ސަބަބުން ޢާންމު ރޭލު ދަތުރުތައްވެސް ވަނީ މެދު ކަޑާލާފައެވެ. އަދި ޖަޕާނުގެ ބާރަށް ދުވާ ބުލެޓް ޓްރެއިންގެ ޚިދުމަތްވަނީ ބިންހެލުމާ ގުޅިގެން ވަގުތީ ގޮތުން ވަނީ މެދު ކަނޑާލާފައެވެ.

އެހެންނަމަވެސް، ޖަޕާނުގެ ޓޯކިޔޯ ކައިރީގައި އޮންނަ އިބަރަކި ޕްރީފެކްޗަރގައި ހުންނަ ޖަޕާން އެޓޮމިކް ޕަވަރ ކޯއިން އޮޕަރޭޓް ކުރާ ޓޯކި ނަންބަރ 2 ނިއުކުލިއަރ ޕަވަރ ޕްލާންޓް ހިގުމަށް ބިންހެލުމުގެ ސަބަބުން އަސަރުކޮށްފައި ނުވާކަމަށް ޖަޕާން ސަރުކާރުން ވަނީ ބުނެފައެވެ.

އަދި މީގެ އިތުރުން ބިންހެލުން އައި ސަރަހައްދު ކަމުގައިވާ ޝިބާ ޕްރީފެކްޗަރގެ އިރުން އޮންނަ، ޖަޕާންގެ މައި އެއް އެއަރޕޯޓު ކަމުގައިވާ ނަރީޓާ އެއަރޕޯޓަށްވެސް ގެއްލުންތަކެއް ލިބިގެން ގޮސްފައިވާކަމުގެ އެއްވެސް ރިޕޯޓެއް އަދި މިހާތަނަށް ލިބިފައި ނުވާކަމަށްވެސް ޖަޕާންގެ ލޯކަލް މީޑިއާތަކުންވަނީ ރިޕޯޓު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.