ރިޕޯޓަރުގެ ފާސް ނެގި މައްސަލާގައި ބައްސާމް މަޢާފަށް އެދިއްޖެ

ރިޕޯޓަރުގެ ފާސް ނެގި މައްސަލާގައި ބައްސާމް މަޢާފަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2021 10:51
0

ސާފް ޗެމްޕިއަންޝިޕްގެ ކަވަރޭޖްގައި ގަލޮޅު ދަނޑު ސަރަހައްދުގައި އުޅުނު ބަންގްލަދޭޝްގެ ރިޕޯޓަރެއްގެ މަސައްކަތަށް ހުރަސް އަޅައި އެފްއޭއެމްގެ އޮފިޝަލަކު އުޅުނު ގޮތުން އެ ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް މާފަށް އެދިވަޑައިގެންފިއެވެ.

ރާއްޖެ އާއި ބަންގްލަދޭޝް މިރޭ ކުޅޭ މެޗުގެ ޓިކެޓް ވިއްކާ ގޮތް ކަވަރު ކުރަމުން ދިޔަ ބަންގްލަދޭޝްގެ "ޝޮމައި ޓީވީ" ގެ ނޫސްވެރިޔާގެ ކަރުގައި އޮތް މީޑިއާ ފާސް ނަގަން، އެފްއޭއެމްގެ މުވައްޒަފް އަހްމަދު ޒާމިލް (ޒެކް) މަސައްކަތްކުރާ މަންޒަރު ވީޑިއޯ އިން ފެނެއެވެ. މިވީޑިއޯ ބަންގްލަދޭޝްގެ ޓީވީތަކުންވެސް ވަނީ ދައްކާފައެވެ. ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި މިވީޑިއޯޢާއި ގުޅިގެން އެފްއޭއެމްގެ ރައީސް ވަނީ މަޢާފަށް އެދިފައެވެ.

ބައްސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ އެސޯސިއޭޝަންގެ އޮފިޝަލްގެ ފަރާތުން ފެނިގެން ދިޔައީ އެއް ގޮތަކަށް ވެސް ފެނިގެން ނުވާނެ އަދި ގަބޫލު ނުކުރާ ކަމެއް ކަމަށެވެ. މި މައްސަލަ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ބަންގްލަދޭޝް ޝޮމޮއީ ޓީވީން ބްރޮޑްކާސްޓް ކުރި ވީޑިއޯ ރިޕޯޓުގެ ބައެއް އާންމުންގެ މީހަކު ޓްވިޓާގައި ހިއްސާ ކޮށްފައިވެ އެވެ. އެ ޕޯސްޓް ރީ ޓްވިޓް ކުރުމަށް ފަހު ބައްސާމް ލިޔުއްވާފައި ވަނީ އެފްއޭއެމްގެ މުވައްޒަފްގެ އަމަލު ބަލައިނުގަނެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ބައްސާމް ވަނީ އެފްއޭއެމްގެ ފަރާތުން އެކަމަށް މާފަށް އެދިވަޑައިގެންފައެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ 21:00 ގައެވެ. މިއީ މި މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗެވެ. އަދި ބަންގްލަދޭޝް ބައްދަލު ކުރާ ތިންވަނަ މެޗެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.