ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރައްވަމުން އދ.ގެ ޢާންމު މަޖިލީހުގެ ރައީސްކަން ފުރުއްވަމުން ރާއްޖެއަށް ލިބޭނެ ގެއްލުން ބޮޑުކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި މިހަރުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ، އދ.ގެ ޢާންމު މަޖިލީހުގެ ހައިސިއްޔަތުން ޢަބްދުﷲ ޝާހިދު މިއަދު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް އޮފީހުގައި އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވަން އިންނެވިއިރު، އަރިހުގައި ރައީސުލްޖުމްހޫރިއްޔާ ހުންނެވި ފޮޓޯއަކާއެކު ކުރެއްވި ޓްވީޓެއްގައެވެ. އާދަމް ޝަރީފް ވިދާޅުވީ، ފޮރިން މިނިސްޓަރުގެ ފަހަތްޕުޅުގައި ރައީސުލްޖުމްހޫރިއްޔާ ހުންނެވުމަކީ ސީރިއަސް "ހައިރާކީ" މައްސަލައެއްކަމަށެވެ. އޭނާ ވިދާޅުވީ ދެ މަޤާމު ޢަބްދުﷲ ޝާހިދު ފުރުއްވަމުން ގެންދިއުމުން ރައްޖެއަށް ލިބޭ ގެއްލުން ބޮޑުކަމަށެވެ. އާދަމް ޝަރީފް ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މަޤާމަށް ޤާބިލް ޒުވާން ބޭފުޅަކު އައްޔަންކުރުމަށްވެސް ގޮވާލައްވާފައެވެ.
ފޮރިން މިނިސްޓަރުގެ ފަހަތްޕުޅުގައި ރައީސްުލްޖުމްހޫރިއްޔާ ހުންނެވުމަކީ ސީރިއަސް ހައިރާކީ އިޝޫއެއް. ރައީސުލްޖުމްހޫރިއްޔާގެ އޮތޯރިޓީ އަންޑަރމައިންވާނެ. ޔޫއެންޖީއޭގައި ރާއްޖޭގެ ޕޮޒިޝަން ނަގަހައްޓަން ދަތިވާނެ؟ ދެ މަޤާމު ފުރުއްވަމުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑު. ފޮރިން މިނިސްޓަރގެ މަޤާމަށް ޤާބިލް ޒުވާން ބޭފުޅަކު އައްޔަންކުރުމަށް ގޮވާކަން.
– އާދަމް ޝަރީފް
#foreignminister ge fahaiypulhugai #RJ hunnevumakee serious hierarchy issue eh! RJ ge authority undermine vaane. #UNGA gai Raajjeyge position nagahattan dhathivaane? Dhe maqaamu furuvvumun Raajjeah libey gellun bodu. FM ge magaamah qaabil zuvaan beyfulhaku ayyan kurumah govaalan. pic.twitter.com/VPaxXeBwwP
— Adam Shareef Umar (@Adamshareefz) October 6, 2021
އާދަމް ޝާރީފް މިހެން ވިދާޅުވެފައިވާއިރު، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވަނީ ޢާންމު މަޖިލީހުގެ ރައީސްކަން ކުރައްވަމުން ގެންދެވިނަމަވެސް ފޮރިން މިނިސްޓަރުކަމުގައި ދެމި ހުންނެވުމަށް ނިންމަވާފައެވެ. އެއީ މީގެ ކުރިންވެސް ޢާންމު މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވި ބޭފުޅުން ޢަމަލުކުރައްވާފައިވާ ގޮތެއްވެސްމެއެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ނުވަތަ ރައީސް ކަމަކީ އެއް އަހަރު ދުވަހުގެ މަޤާމެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމުއްދަތުގައި އެމެރިކާގެ ނިއުޔޯކުގައި ދިރިއުޅުއްވުމަށްޓަކާ ޝާހިދު މިހާރުވަނީ ނިއުޔޯކުގައި ދިރިއުޅުއްވުމުގެ ހުރިހާ އިންތިޒާމްތަކެއްވެސް 1 އަހަރު ދުވަހުގެ މުއްދަތަށް ހަމަޖައްސަވާފައެވެ.
ރިންގ މިނިސްޓަރު އަބުދުﷲ ޝާހިދު، އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތަށް އިންތިޚާބުވެ، ފާއިތުވި ސެޕްޓެމްބަރުމަހު 14ވަނަ ދުވަހު ރަސްމީކޮށް އެ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު، ފޮރިން މިނިސްޓްރީ ހިންގެވުމުގައި އެންމެ އިސްކޮށް، ރަސްމީގޮތުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިންގ އެފެއާޒް އަހުމަދު ޚަލީލް (އަންދު)އެވެ.
އދ.ގެ އާންމު މަޖިލިހުގެ ރިޔާސަތު ކާމިޔާބު ވެވަޑައިގަތުމަށްފަހު ޝާހިދު ވިދާޅުވެފައިވަނީ، އެމަގާމަކީ ދާއިމީ ވަޒީފާއަކަށް ނުވާތީ ފޮރިންގ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން ގަސްތު ނުކުރައްވާ ކަމުގައެވެ. ސަބަބެއް ކަމުގައި ވިދާޅުވެފައިވަނީ އެއީ ރަމްޒީ މަގާމަށް ވާތީއެވެ.