ސްޕްރީމް ކޯޓުން ރައީސް ޔާމީންގެ މައުސޫމްކަން ސާބިތުވާނެ: ޣައްސާން

ސްޕްރީމް ކޯޓުން ރައީސް ޔާމީންގެ މައުސޫމްކަން ސާބިތުވާނެ: ޣައްސާން

Author
މުޙައްމަދު ޝަޒައިމް
05 އޮކްޓޯބަރ 2021 05:09
0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައުސޫމްކަން ސްޕްރީމް ކޯޓުން ހާމަވާނެކަމުގެ އުންމީދު ބޮޑުކަމަށް ޕީޕީއެމްގެ ނާއިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ސްޕްރީމް ކޯޓުގައި ރައީސް ޔާމީން އިސްތިއުނާފް ކުރެއްވި އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމާއި ހަމައަށް މިހާރުވަނީ ގޮސްފައެވެ. ސުޕްރީމްކޯޓް ރިސެސްއަށް ދިޔުމުގެ ކުރިން މައްސަލަ ނިންމާ ހުކުމްކުރާނެކަންވެސް މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މިއަދު އިއުލާންކޮށްފައެވެ. ރައީސް ޔާމީން 5 އަހަރަށް ޖަލަށްލާ 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ދޫކުރި ގއ. ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން 1 މިލިއަން ޑޮލަރު ހޯއްދަވާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް އެ ފައިސާގެ އަސްލު އޮޅުވާލި ކުށް ސާބިތުވުމުންނެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތުގެ އަޑު އެހުންތަކުގައި ގިނަކަންތައްތަކެއް ވަނީ ހާމަވެގެން ގޮސްފައެވެ. ޚުދު ރައީސް ޔާމީންވެސް ވަނީ ސްޕްރީމް ކޯޓުގައި އެތައް ފަހަރެއްގެ މަތީން މިމައްސަލާގައި ވަކާލާތު ކުރައްވާފައެވެ. މިމައްސަލައިގެ ނިމުމާއި ހަމައަށް އާދެވިފައިވާއިރު ޣައްސާން ވިދާޅުވީ ރައީސް ޔާމީންގެ މައުސޫމްކަން ހާމަވާނެކަމަށެވެ. އަދި 2023 ގައި ރައީސް ޔާމީން އަލުން ވެރިކަމަށް ގެނެވޭނެ ކަމުގެ އުންމީދު ބޮޑުކަމަށެވެ.

އިޝާﷲ ސްޕްރީމް ކޯޓުން ރައީސް ޔާމީންގެ މައުސޫމްކަން ސާބިތުވާނެ. ރައްޔިތުންގެ ލޯތްބާއި، ތާއީދުން، މާތް ﷲ އިރާދަ ކުރެއްވިއްޔާ 2023 ގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ޕީޕީއެމްގެ ގަދަ މަސައްކަތުން އިންތިޚާބު ކުރާނަން.

– ޣައްސާން ވިދާޅުވިއެވެ.

އަޑުއެހެންތައް ނިންމާލުމަށް މިއަދު ބޭއްވި ފަހު އަޑުއެހުމުގައި ރައީސް ޔާމީން ވަނީ މިމައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ވަރަށް ބޮޑަށް އަލި އަޅުވާލައި ގިނަ ކަންތައްތަކަށް އިލްތިމާސް ކުރައްވާފައެވެ.

ރައީސް ޔަމީން ވިދާޅުވީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލި ދައުވާ ފެށުމާ ހިސާބުން "މަކުނުވާ އަޅައި ފުރިފައިވާ ކަމަށާއި މަކުނުވާތައް ސާފުކޮށްގެން ނޫން ގޮތަށް އަސްލު މައްސަލައާ ހަމައަށް ނުދެވޭނެ ކަމަށް" ށެވެ. ޔާމީން ވިދާޅުވި ގޮތުގައި, އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގު އެންމެންގެ މައްޗަށް ހިންގަމުންދާއިރު, ދައުވާ ކޮށްފައިވަނީ އެމަނިކުފާނަށެވެ. ބައެއް މީހުންނަށް އެސްއޯއެފްގެ ފައިސާ ލިބިފައިވީ ނަމަވެސް އެއީ ގޯސްކޮށް ލިބުނު ފައިސާއެއް ނޫން ކަމަށް ވެސް ކޯޓުން ބޭރުގައި ނިންމާފައިވާ ކަމަށެވެ.

އެހެންވެ, އެމަނިކުފާނު ގަބޫލު ކުރައްވާ ގޮތުގައި ދައުލަތުން އަމަލު ކުރަމުން ދަނީ އެމަނިކުފާނާމެދު ތަފާތުކޮށް ކަމަށް ވިދާޅުވި އެވެ. އެހެންވެ, އެ ޝުއޫރުތައް ސުޕްރީމް ކޯޓަށް އިއްވަން ބޭނުންވާ ކަމަށް ޔާމީން ވިދާޅުވިއެވެ. ދަށު ކޯޓުން އެންމެ ފުރަތަމަ ވެސް ބޭއިންސާފުން އަމަލު ކުރަމުން ދިޔައިރު, ގިނަ ހައްގުތަކަކުން މަހުރޫމްވި ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. އެހެންވެ, މި މައްސަލާގައި ސުޕްރީމް ކޯޓުން ވީއެންމެ އަވަހަކަށް ގޮތެއް ނިންމަވައިދެއްވުމަށް ޔާމީން އެދިވަޑައިގަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.