ނަންބަރު ޕްލޭޓްތަކުގެ މައްސަލާގައި ޓްރާންސްޕޯޓުގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ނަންބަރު ޕްލޭޓްތަކުގެ މައްސަލާގައި ޓްރާންސްޕޯޓުގެ އިސްވެރިންތަކެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ގުޅުންހުރި

މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރުމުގައި ވަކި ފަރާތަކަށް ނާޖައިޒު ފައިދާ ހޯދައިދީފައިވާތީ، ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ވެރިންތަކެއްގެ މައްޗަށް ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް އޭސީސީން ހުށަހަޅައިފިއެވެ.

އޭސީސީން ބުނީ، ދިވެހިރާއްޖޭގައި މެޝިން ރީޑަބަލް ނަންބަރު ބޯޑު ބޭނުންކުރުމަށްޓަކައި، އެ ނަންބަރު ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން 31 ޑިސެންބަރު 2019 ގައި ކޮށްފައިވާ އިޢުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބައެއް ބިޑުތައް ބާޠިލްކުރުމަށްފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބުނެ ހުށަހެޅުނު މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެ މައްސަލާގައި ދަޢުވާކޮށްދިނުމަށް މިއަދު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.

މި މައްސަލާގައި، ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީގެ މެންބަރުން ކަމުގައިވާ ޝިމާޛު ޢަލީ (ބްލޫބެލް/ ސ.ހުޅުދޫ) އާއި، ޙަމަދު ޢަބްދުލްޣަނީ (ގ.ސައިމާ/ މާލެ) އާއި، ޢަލީ އިކްރާމް (ވައިލެޓްވިލާ/ ވ.ކެޔޮދޫ) އާއި، މުޙައްމަދު ނިޒާރު އާދަމް (ގުލްބަކާގެ/ ނ.މަނަދޫ) އާއި، މަރްޔަމް ސަމާޙަތު (ފަތިސްހަނދުވަރުގެ/ ހއ.ހޯރަފުށި) އަދި މަރްޔަމް ތަސްލީމާ (ނަންބަރު ރސ 9538 / ކ.މާލެ) ގެ މައްޗަށެވެ.

ދައުވާކުރަން ފޮނުއްވި ޝިމާޒްއާއި ހަމަދުއަކީ ޓްރާސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންނަށެވެ.

އެފަރާތްތަކުގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީން ބުނީ، މި މައްސަލައިގެ ތަޙުޤީޤުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގައި ދުއްވާ އެއްގަމު އުޅަނދުތަކުގައި ބޭނުންކުރުމަށް މެޝިން ރީޑަބަލް ނަންބަރު ބޯޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކޮށްފައިވާ އިޢުލާނަށް ބިޑް ހުށަހަޅާފައިވަނީ 03 ކުންފުންޏަކުންކަމަށެވެ. އަދި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމާފައިވަނީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާ އާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނަ އަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށްކަމަށް އޭސީސީން ބުންޏެވެ.

ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް ބިޑު އެވޯޑު ކުރުމަށް ބިޑު ކޮމިޓީން ނިންމާފައިވަނީ، އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް، އެ ކުންފުނިން އެސް.އެމް.އީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެކުންފުނީގެ ބިޑު ބާޠިލުކުރުމަށްފަހުގައެވެ. އޭގެއިތުރުން، ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށްވުރެ އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށާއި، މައުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައި ބަޔާންކުރާ، ސާމްޕަލް ނަންބަރު ބޯޑުތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާ އެއްގޮތަށް ސާމްޕަލް ނަންބަރު ބޯޑު ހުށަހެޅީ ހަމައެކަނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ކަމަށްވާތީ ކަމަށް ބުނެއެވެ. އެހެންނަމަވެސް، އެސް.އެމް.އީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންޖެހޭ ކަމަށާއި، ބިޑާއެކު ހުށަހަޅަންޖެހޭ ސާމްޕަލް ނަންބަރު ބޯޑުތަކުގެ ވަރުގަދަ މިނާއި ކޮލިޓީއަށް ބެލޭނެކަމަކަށް ވެސް މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިނުވެއެވެ.

– އޭސީސީން ބުންޏެވެ.

އޭސީސީން ބުނީ،  ތަހުޤީޤުން ބެލިބެލުމުން، ބިޑު ހުށަހެޅި ތިން ކުންފުނިން ވެސް ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކުގައި މައުލޫމާތު ކަރުދާހުގެ އެނެކްސް 1 ގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވެފައިވާކަމަށާއި،  ހަމައެހެންމެ، އިއުލާނާ ގުޅޭ އެންމެހާ ލިޔުންތައް ބިޑުތަކާއެކު ބިޑު ކޮމިޓީއަށް ހުށަހެޅިފައިވާކަމާއި، ބިޑު އެވޯޑު ކުރުމުގައި، އެ ލިޔުންތަކާ މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން ތަޙްޤީޤުން އެނގޭކަމަށެވެ. ވުމާއެކު، އިޢުލާނާއެކު އާންމުކޮށްފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި، އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަޤުސަދުގައިކަން ތަޙްޤީޤަށް ސާބިތުވާކަމަށް އޭސީސީން ބުންޏެވެ.

އަދި މި މައްސަލައަކީ 05 މާރިޗު 2020ގައި އޭސީސީގެ މައްސަލައާގުޅޭ މަޢުލޫމާތު މިނިސްޓްރީ އޮފް ފިނޭންސް އާ ޙިއްޞާކޮށް މި މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާ މައްސަލައެއްކަމަށްވެސް އޭސީސީން ބުންޏެވެ. އަދި މިނިސްޓްރީ އޮފް ފިނޭންސް އިން ވަނީ މި މައްސަލަ ބަލައި، މި ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނޭޝަނަލް ޓެންޑަރ ބޯޑުންކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް އަންގާފައިކަމަށާއި،  ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑްއާއެކު ޤާއިމްކޮށްފައިވާ އެ އެއްބަސްވުން 15 އެޕްރީލް 2021 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބާޠިލްކޮށްފައިކަމަށްވެސް އޭސީސީން ބުންޏެވެ.

ކޮރަޕްޝަންގެ މި މައްސަލަމި ފެންމަތިވީ ހދ. ކުޅުދުއްފުއްޓާއި ހަނިމާދުއަށް އާ ބަސްތަކެއް ގެންނަން ހަވާލުކުރި ކުންފުނިން ބާ ބަސްތަކެއް ގެނައިކަން ފަޅާއެރުމުން، އެ ބަސްތަކުގައި އަލުން ކުލަ ލައި އެތެރެ ރީތިކޮށްގެން ގެންދިއުމުން ވެސް މިނިސްޓްރީން ހަވާލުވުމުގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ. މި ތުހުމަތު ބަސް ގެނައި ކުންފުނިން ދޮގުކުރިޔަސް މިނިސްޓްރީ ތެރޭގައި "ސިޔާސީ ގޯސްތަކެއް" ހިނގާ ކަމުގެ ތުހުމަތު އެ ކުންފުނިން ވެސް އޮތީ ކޮށްފައެވެ.

ވަސާޖިއޯއަށް ނަމްބަރު ޕްލޭޓް ހެދުން ހަވާލުކުރުމުގައި ޓްރާންސްޕޯޓް މިނިސްޓްރީން އަމަލުކޮށްފައިވާ ގޮތުން ފެންނަން އޮތީ އެއް ކުންފުންޏަކަށް މާލީ ބޮޑު މަންފާއެއް ލިބޭ ގޮތަށް ހުޅުވާލައި ބޮޑު އަގު ހުށަހެޅި ކުންފުންޏަކާ މަސައްކަތް ހަވާލުކޮށްފައި އޮތް ތަނެވެ. ސްޓީލް ޕްލޭޓެޑް ނަމްބަރު ބޯޑު ހަދައިދޭން، ވަސާޖިއޯ އިން ހުށަހެޅި އަގުތަކަށް ބަލާއިރު، މުޅި ރާއްޖޭގެ ހުރިހާ ވެހިކަލްތަކެއްގެ ނަމްބަރު ބޯޑު ބަދަލުކުރަން އެ ކުންފުނީގެ އަގަކީ ގާތްގަނޑަކަށް 68 މިލިއަން ރުފިޔާ އެވެ. މި އަދަދު އިތުރުވަނީ އަލަށް ރަޖިސްޓްރީކުރާ ވެހިކަލްތަކާއި ދެ ވަނަ ފަހަރަށް ބޯޑު ހައްދަން ވެއްޖެ ނަމަ ވެސް އެ ކުންފުންޏަށް އެކަނި އެކަން ކުރެވޭނެ ގޮތަށް އޮތުމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ