ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ޤާޟީއެއްގެ ލީކުވެފައިވާ އޯޑިއޯތައް ހެކީގެ ގޮތުގައި ޝަރީޢަތަށް ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށައެޅުމަށްފަހު އެ އޯޑިއޯތައް އަނބުރާ ގެންގޮސްފިއެވެ.
ޢާންމުވެފައިވާ އޯޑިއޯގައި ރަހުމަތްތެރިޔަކާއިއެކު ގާޒީ ހުސެއިން ފާއިޒް ދެއްކެވި ވާހަކަފުޅު ޤާޟީ ވަނީ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ އަށް ބިރުދެއްކުމުންކަމަށެވެ. ބިރު ދެއްކުމުން އޮތީ ދެގޮތެއް ކަމަށާއި އެއްގޮތަކީ ބިރާއި ދެކޮޅު ހެދުންކަމަށާއި އަނެއް ގޮތަކީ ބިރާއި އެއްކޮޅަށް ހުކުމް ކުރުން ކަމަށް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.
ކުރިމަތިވި ހާލަތުގައި ޔާމީންގެ މަސްލަހަތު ހިމާޔަތް ކުރެވޭނީ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް ކޮށްގެން ކަމަށް ހުސެއިން ފާއިޒް ވިދާޅުވިއެވެ. އެއީ ހުކުމް ނުކޮށްފިނަމަ ޔާމީނަށް އެއަށްވުރެ ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށްވެސް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.
އެ އޯޑިއޯއަކީ ޞައްޙަ އޯޑިއޯއެއ ނޫންކަމަށް އެ ޤާޞީންނާއި ހަވާލާދެއްވާ ޖޭއެސްސީން ވަނީ ބުނެފައެވެ.
އެ އޯޑިއޯތައް ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފީ ޝަރީޢަތަށް ހުށައަޅާފައިވެއެވެ. ނަމަވެސް މިއަދު ރައީސް ޔާމީންގެ ވަކީލް ޢަބްދުﷲ ޝިޔާޒް ވިދާޅުވީ، އެ އޯޑިއޯތައް އަނބުރާ ގެންދަވަން ނިންމާފައިވާކަމަށެވެ. ނަމަވެސް އެ އޯޑިއޯތައް އަނބުރާ ގެންދެވި ސަބަބެއް ރައީސް ޔާމީންގެ ވަކީލް ވިދާޅެއް ނުވެއެވެ.
ރައީސް ޔަމީންގެ ފަރާތްޕުޅުން ވަނީ އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ކަމަށް ބުނާ މީހަކު ވާހަކަ ދައްކ އޯޑިއޯއެއް ވެސް ހެކީގެ ގޮތުގައި ހުށައަޅާފައެވެ. އެ އޯޑިއޯއަކީ ރައީސް ޔާމީންގެ ތަހުގީގާއި ހުކުމާމެދު ސުވާލު އުފެދޭ ގޮތަށް މުއައްވިޒް ވާހަކަ ދައްކާފައިވާކަމަށް ބުނާ އޯޑިއޯއެކެވެ.
އެ އޯޑިއޯގެ ސައްޙަކަން ކަށަވަރުކުރާ ކިހިނެއްތޯ މައްސަލަ ބައްލަވާ ރިޔާސަތުގައި އިންނެވި މަހާޒް އަލީ ޒާހިރު ސުވާލުކުރެއްވިނަމަވެސް، އެ ސުވާލަށް ވަކީލުންގެ ފަރާތުން ސީދާ ޖަވާބެއް ދެއްވާފައެއްނުވެއެވެ. ނަމަވެސް ވަކީލް ވިދާލުވީ އެ އޯޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާ އޯޑިއޯތަކެއްކަމަށް ވިދާޅުވެފައެވެ. އަދި އެ އޯޑިއޯތައް މުޢައްވިޒް ދޮގުކޮށްފައިނުވާކަމަށްވެސް ވަކީލް ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފީ މައްސަލައިގައި އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭ ގޮތުން މާދަމާ ގޮތް ނިންމަވާނެ ކަމަށް ޝަރީއަތުން މިއަދު ބުނެފައިވެއެވެ. ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ޔާމީންގެ ފަރާތުން ހުށަހެޅުއްވި ކަންކަމަށް މާދަމާއަށް ގޮތެއް ނިންމަން ނިންމެވީ ޔާމީންގެ ފަރާތުން ގިނަ ލިޔެކިއުންތަކެއް ހުށަހަޅާފައި އޮތުމުން އެ ކަން ދިރާސާކޮށް ގޮތެއް ނިންމެވުމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރުންގެ ލީކުވެފައިވާ އޯޑިއޯ ތަހްލީލު ކުރުމަށް ބޭރުގެ ތަހްލީލީ އިދާރާއަކާ ހަވާލުކޮށްގެން ތަހުގީގްކުރުމަށް އިދިކޮޅުންވެސް ވަނީ ގޮވާލައްވަފައެވެ. އަދި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ބޭރުގެ މާހިރުން ލައްވާ އެ އޯޑިއޯތަކުގެ ސައްހަކަން ބަލާނެކަމަށްވެސް ވިދާޅުވެފައެވެ.