ފުލުހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމް ސައުތު ޕޮލިސްގައި ފަށައިފިއެވެ.
މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ޔުނިސެފް މޯލްޑިވްސްއާއި، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް އަދި އާކް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްތަކުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި، ކުޑަކުދިންގެ ހައްގުތަކުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ޖީނާއި އިޖުރާތުގެ ގާނޫނާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ. އަދި އަނިޔާ ލިބޭ ކުދިން ހިމެނޭ މައްސަލަތަކާއި ކުށްކުރާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގައި ކުށުގެ ވެށީގައި މަސައްކަތްކުރާއިރު އަމަލުކުރަންޖެހޭ އުސޫލުތަކާއި ވިސްނަންޖެހޭ ކަންތައްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ހިއްސާކުރާނެއެވެ.
އޭގެ އިތުރުން، މި ދާއިރާގައި އެކުގައި މަސައްކަތްކުރާ ފަރާތްތަކާއެކު މަސައްކަތްކުރާނެ ގޮތްތަކާއި އެގޮތަށް މަސައްކަތް ކުރުމުގެ ތެރޭގައި ދިމާވާ ދަތިތަކާއި އެކަންކަން ހައްލުކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް މައުލޫމާތު ދޭނެއެވެ.
ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޕްރޮގްރާމަކީ ކުޑަކުދިންނާއި އާއިލާތަކާއެކުގައި މަސައްކަތްކުރާ ފުލުހުންނަކީ މި ދާއިރާއަށް ހޭލުންތެރިވެފައިވާ ފުލުހުން ކަމުގައި ވުމާއެކު މި ދާއިރާއާ ގުޅުންހުރި ގާނޫނު ތަކާއި ގަވާއިދުތަކަށް އަހުލުވެރި ބަޔަކަށް ހެދުމަށާއި ފުލުހުންގެ މަސައްކަތުގައި ގާބިލުކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި އޮކްޓޯބަރ މަހުގެ 3 އިން 7 އަށް ގަން އީކުއޭޓަރ ވިލެޖް ރިސޯޓުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ސައުތު ޕޮލިސް ޑިވިޜަންގެ 78 މުވައްޒަފުން ބައިވެރިވެފައިވެއެވެ.