އިންތިޚާބަކާއި ނުލައި އެމްއެންޕީގެ ރައީސްކަމަށް ނާޒިމް 

އިންތިޚާބަކާއި ނުލައި އެމްއެންޕީގެ ރައީސްކަމަށް ނާޒިމް 

Author
މުޙައްމަދު ޝަޒައިމް
03 އޮކްޓޯބަރ 2021 09:35
0

އަންނަ ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސްކަމަށް އިންތިޚާބަކާއި ނުލައި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ހޮވިއްޖެ ވެއްޖެއެވެ.

ނާޒިމް މިމަޤާމަށް ހޮވުނީ އޭނާ ފިޔަވައި އެހެން އެއްވެސް ބޭފުޅަކު މިމަޤާމަށް ކުރިމަތި ނުލުމުންނެވެ. ހުކުރު ދުވަހު ބާއްވާ އެމްއެންޕީގެ ފުރަތަމަ ޤައުމީ ޖަލްސާގައި އެކި މަޤާމުތަކަށް މެމްބަރުން އިންތިޚާބު ކުރުން އޮންނާނެވެ. އެމްއެންޕީން 6 ނާއިބް ރައީސުން އިންތިޚާބު ކުރާއިރު، އޭގެ ތެރެއިން 4 ނާއިބް ރައީސުން ވަނީ ވޯޓަކާއި ނުލައި ހޮވިފައެވެ.

އިންތިޚާބަކާއި ނުލައި ހޮވުނު 4 ނާއިބް ރައީސުން:

  1. އަހުމަދު ޝަރީފް (ސައުތު ރީޖަން)
  2. އަބްދުﷲ ރިޔާޒު (ސައުތު ސެންޓްރަލް ރީޖަން)
  3. އަހުމަދު އުޝާމް (ސެންޓްރަލް ރީޖަން)
  4. ހުސެއިން އިސްލާއިން (ނޯތު ރީޖަން)

ނާއިބް ރައީސުންގެ ތެރެއިން އިންތިޚާބު ބާއްވަން ޖެހޭ ދެ ދާއިރާއަކީ، އަޕަރ ނޯތު ރީޖަންއާއި، އަންހެން ބޭފުޅުންގެ ތެރެއިން ނާއިބް ރައީސްކަމަށް އިންތިޚާބު ކުރާ ބޭފުޅަކު ހޮވުމަށެވެ. އަޕަރ ނޯތު ރީޖަނަށް ވާދަކުރައްވާ ތިން ބޭފުޅުންނަކީ، ޝިދާތާ ޝރީފްއާއި، މުހައްމަދު ސައީދުގެ އިތުރުން އަހުމަދު އަނޫޝް އެވެ. ނާއިބް ރައީސްކަމށް ވާދަ ކުރައްވާ އަންހެން ދެބޭފުޅުންކީ، މިރުފަތު އިސްމާއިލް ފާއިޒު އާއި، އައިޝަތު ހުސެއިން މަނިކު އެވެ.

އެމްއެންޕީގެ އަންހެނުންގެ ގޮފީގެ ރައީސްކަމަށް 3 ބޭފުޅަކު ކުރިމަތި ލާފައިވެއވެެ. އެއީ ދުންޔާ މައުމޫންއާއި، އައިޝަތު އަބްދުﷲ ގެ އިތުރުން އައިޝަތު ހުސެއިން މަނިކުއެވެ. ޒުވާނުންގެ ގޮފީގެ ރައީސްކަމަށްވެސް 3 ބޭފުޅަކު ވާދަ ކުރައްވައެވެ. އެއީ އިރުފާން އަބްދުﷲ އާއި، އުމަރު އަހުމަދު އިތުރުން މުހައްމަދު އިސަމް އަބްދުﷲ އިބްރާހިމްއެވެ.

އެމްއެންޕީގެ ކައުންސިލަށް 21 މެމްބަރުން ހޮވާއިރު މީގެ ތެރެއިން 7 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ. ކައުންސިލަށް ފިރިހެނުންގެ ތެރެއިން 26 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ. އަންހެން ބޭފުޅުންގެ ތެރެއިން ކުރިމަތި ލާފައިވަނީ 11 ބޭފުޅުންނެވެ.

އެމްއެންޕީ އުފައްދަން އިއުލާންކުރިތާ ދެ މަހެއްހާ ދުވަހުގެ ތެރޭގައި 5،000 މީހުން ހޯދައި އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅައިފައެވެ. މަޖިލީހުގެ މެމްބަރުންތަކެއް އިސްވެ ތިބެ އުފައްދަވާ ޕާޓީގެ އަމާޒަކީ މި އަހަރު ނިމޭއިރު 10،000 މެމްބަރުން ހަމަކުރުމެވެ. އެ ޕާޓީން އަމާޒު ހިފާފައި ވަނީ 2023ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.