ޓެރަރިސްޓް ޖަމާއަތްތަކުން މީހުން ރެކުރޫޓުކުރުމަށާއި ހަމަލާތައް ރޭވުމަށް އިންޓަރނެޓާއި ސޯޝަލްމީޑިޔާ ބޭނުންކުރަމުންދާ ކަމީ އެންމެންވެސް ސަމާލުވާންޖެހޭ ކަމެއްކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ނާއިފް ޢަރަބް ޔުނިވަރސިޓީ ފޮރ ސެކިޔުރިޓީ ސައިންސަސް އާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން "ދަ އިންޓަރނޭޝަނަލް ޕްރޮގްރާމް ފޮރ ކޮމްބެޓިންގ އެކްސްޓްރީމިޒަމް އެންޑް ޓެރަރިޒަމް" ގެ ނަމުގައި މިއަދު ފެށި މައްސަކަތު މަސައްކަތު ބައްދަލުވުން އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ކީނޯޓް ސްޕީޗް ދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަންއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޓެރަރިސްޓް ޖަމާއަތްތަކުން މީހުން ރެކުރޫޓުކުރުމަށާއި ހަމަލާތައް ރޭވުމަށް އިންޓަރނެޓާއި ސޯޝަލްމީޑިޔާ ބޭނުންކުރަމުންދާ ކަމީ އެންމެންވެސް ސަމާލުވާންޖެހޭ ކަމެއްކަމަށެވެ. އަދި ތަޢުލީމީ ނިޒާމުގެ ތެރެއިން ކްރިޓިކަލް ތިންކިންގގެ ހުނަރުތައް އަށަގަންނުވާ، ޒުވާނުންނަން އަނިޔާވެރިކަމާއި ދުރުވުމަށާއި، ޤަނޫނުތަކާއި އިންސާނީހައްޤުތައް އުންގަންނައިދިނުމަކީ ވަރަށް މުހިއްމުކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ޓެރަރިޒަމްއާއި ހަރުކަށިފިކުރު ހުއްޓުވައި ތަހައްމަލުކުރުމުގެ ސިފަތައް ލިބިފައިވާ އަމާން ބަދަހި މުޖުތަމައެއް ޤާއިމްކުރުމުގައި ދީނީ ޢިލްމުވެރިންނާއި ތަޢުލީމީ ދަޢިރާގައި މަސައްކަތްކުރާ ބޭފުޅުންގެ ދައުރާއިގުޅޭގޮތުން މަޢުލޫމާތު ޚިއްޞާކުރުމެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ ސަރުކާރުގެ މުއައްސަސާތަކާއި މަދަނީ ޖަމިއްޔާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމެވެ. އިސްވެދިޔަ ހުރިހާ ދާއިރާއަކީވެސް ހަރުކަށިފުކުރު ހުއްޓުވުމަށް އެކުލަވާލާފައިވާ ނޭޝަނަލް އެކްޝަން ޕްލޭންގެ އެންމެ މުހިއްމު ދާއިރާތަކެއްކަމަށް އެންސީޓީސީން ބުންޏެވެ.

މި މަސައްކަތު ބައްދަލުވުމުގެ ހުރިހާ ސެޝަންތަކެއްވެސް ނަންގަވައިދެއްވާނީ ނާއިފް ޢަރަބް ޔުނިވަރސިޓީގެ ފަންނީ މާހިރުންނެވެ. މި މަސައްކަތު ބައްދަލުވުމުގެ އިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި މި ސެންޓަރ ގުޅިގެން ބާއްވާ އޯޕަން ފޯރަމްއެއް 2021 އޮކްޓޯބަރު 4 ވަނަ ދުވަހުގެ ރޭ އޮންނާނެކަމަށް އެސެންޓަރުން ބުންޏެވެ.
ނާއިފް ޢަރަބް ޔުނިވަރސިޓީއާއި ގުޅިގެން 2019 ވަނަ އަހަރުވެސް މި ސެންޓަރުގެ ފަރާތުން ވަނީ މިފަދަ މަސައްކަތު ބައްދަލުވުމެއް ބާއްވާފައެވެ.
ކޮމެންޓު ފޮނުވާ