އަންހެނުންނަށް ކޮންމެ މަހަކުވެސް ކުރިމަތިލާންޖެހޭ މައްސަރު ކަންތައް ދިމާވާ ދުވަސްވަރަކީ ތަފާތު އެތައް އުނދަގޫތަކެއް ތަހައްމަލުކުރާ ދުވަސްތަކެކެވެ.
ނިދަން އުނދަގޫވުމާއި ސްޓްރެސްވުމުގެ އިތުރުން މިޒާޖަށްވެސް އަވަސް އަވަހަށް ބަދަލު އަންނަ ދުވަސްކޮޅަކަށް މިދުވަސްތައް ވެއެވެ.
ބައެއް ފަހަރަށް މިއުނދަގޫތަކުގެ ސަބަބުން ހޮސްޕިޓަލުގައި އެޑްމިޓް ވާންޖެހޭ ހިސާބައްވެސް ދެއެވެ. ކޮންމެ މަހަކުވެސް މިދުވަސްތައް ގިނަ އަންހެނުން ހޭދަކުރަނީ ވަރަށް ފޫހި ހިތްނުތަނަވަސް ދުވަސްތަކެއްގެ ގޮތުގައެވެ.
މިކަން މިގޮތަށް ވިޔަނުދީ މި އުނދަގޫތައް ކުޑަކުރުމަށްޓަކައި އަންހެނުންގެ ހާއްސަ ޑޮކްޓަރުންދޭ ލަފާތަކުގެ ތެރެއިން ބައެއް ކަންކަން މިއަދު ބުނެދޭނަމެވެ.
- ސިއްހަތަށް ފައިދާހުރި ކާނާ ކެއުން
ސިއްހަތަށް ފައިދާހުރި ކާނާ ކެއުމަކީ އަބަދުވެސް ގެންގުޅެން ރަނގަޅު އާދައެކެވެ. އެހެންނަމަވެސް މިއީ މަސްއަރު ދުވަސްތަކުގައި ވަކިން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމެކެވެ. މިދުވަސްވަރު ހަށިގަނޑުން ބައެއް މުހިންމު ވިޓަމިންސްތައް މަދުވެއެވެ. މިކަން ހައްލުކުރުމަށްޓަކައި ތަރުކާރީ އަދި މޭވާގެ އިތުރުން ގިނައިން ދިޔާތަކެތި ބުއިން ވަރަށް މުހިންމެވެ.
- ހޫނުފެނުން ފެންވެރުން
މައްސަރު ކަންތަކުގެ ސަބަބުން ފައިން ވަރުދިއުމާއި ބަނޑުގައި ރިހުންފަދަ ބައެއްކަހަަލަ ރިހުންތައް ވަރަށް ގިނަވެއެވެ. ރިހުންތައް މަޑުކުރުމަށްޓަކައި ތާފަނާ ފެނުން ފެންވެރުމަކީ ކޮށްލެވިދާނެ ވަރަށް ރަގަނޅު ކަމެކެވެ. އަދި ބޭނުންކުރާ ޕެޑުވެސް ހޫނުކޮށްލުމަކީ ރިހުން ކުޑަވެގެންދާނެ ކަމެކެވެ.
- ކަސްރަތުކުރުން
މައްސަރު ދުވަސްވަރު ހެލިފެލިވެއުޅުމަކީ އުނދަގޫކަމެކެވެ. އެހެން ނަމަވެސް ކޮންމެ ދުވަހަކުވެސް ކުޑަކޮށް ހިގާލާ ނުވަތަ ދުވެލާ ހެދުމަކީ ސްޓްރެސް ފިލާ އަދި ހަށިގަނޑުގައިހުންނަ އައްސިކަން ފިލުވާލުމަށް ކުރެވިދާނެ ވަރަށް މުހިއްމު ކަމެކެވެ.

- އަރާމުކުރުން
ރަގަނޅަށް ނިދުމާއި ގަޑިން ގަޑިއަށް ނިދުމުން މިދުވަސްވަރު ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަން ފިލައެވެ. އަދި ދުވާލުގެ ކޮންމެވެސް ވަގުތެއް އަރާމުކުރުމުގައި ހޭދަކޮށްލުމުން ހަށިގަނޑުގެ ހޯމޯން ހަމައަކަށްއެޅި ހަށިގަނޑަށް ލުއިކަން ލިބެއެވެ.
- ޕެކެޓްކުރި ކާނާ ނުކެއުން
ކުރިންވެސް ބުނެވުނުހެން ފައިދާހުރި ކާނާ ކެއުމަކީ މިދުވަސްވަރު ވަރަށް މުހިއްމު ކަމެކެވެ. ޕެކެޓްކުރި ކާނާ ހުއްޓާލުމަށްފަހު ރަނގަޅު ނިއުޓްރިޝަން ލިބޭފަދަ ކާނާ ކެއުމުން ހަށިގަނޑުގެ މަސްތަކާއި ހޯމޯންތަށް ހަމައަކަށް އެޅި ދިމާވާ އުނދަގޫތައް ކުޑަކޮށްދެއެވެ.
- ސައި ބުއިން
ހޫނު ސަޔަކީ އަހަރެމެން އާއްމުކޮށް ބަނޑުގައި ރިހުމެއް ހުންނަ ނަމަ ބޯ އެއްޗެކެވެ. ކަޅުސައިގެ އިތުރުން ގްރީން ޓީ، އިނގުރު ސައި ފަދަ ބައެއް ހޫނު އެއްޗެހި ބޯލުމުން ވަރަށް ބޮޑަށް ރިހުންތައް ކުޑަވެއެވެ.
މަތީގައި އެވާ މައުލޫމާތަކީ ބެންގަލޫރުގެ މަދަރހުޑް ހޮސްޕިޓަލްގެ އަންހެނުންގެ ޑޮކްޓަރު ޑރ. ސަންގީތާ ގޯމޭސްގެ ލިޔުމަކުން ނަގާފައިވާ މައުލޫމާތެކެވެ.
ކޮމެންޓު ފޮނުވާ