ރައްތިތުންގެ މަޖިލިހަކީ ދައުލަތުގެ ތިން ބާރުގެ ތެރޭގައި ހިމެނޭ, ޑިމޮކްރަޓިކް އުސޫލުން މުޅި މުއައްސަސާ އިންތިޚާބުކުރާ ހަމައެކަނި ބާރު

ނަމުން އިއްޒަތް ލިބުނަސް، ކަމުން އިއްޒަތް ނުލިބިގެން އުޅެނީ މެމްބަރުންގެ ބޮޑާކަމާ ހެދިތަ؟

ނަމުން އިއްޒަތް ލިބުނަސް، ކަމުން އިއްޒަތް ނުލިބިގެން އުޅެނީ މެމްބަރުންގެ ބޮޑާކަމާ ހެދިތަ؟

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހަކީ ދައުލަތުގެ 3 ބާރުގެ ތެރޭގައި ހިމެނޭ އެއްބާރެވެ. އަދި އެއީ ގާނޫނު ހެދުމުގެ ހުރިހާބާރެއް ގަނޫނު އަސާސީން ހަވާލުކޮށްފައިވާ މުވައްސަސާ ކަމުގައިވާއިރު، އޭގެ އިތުރުން ދައުލަތުގެ ގިނަމުވައްސަސާތަކެއް ޒިންމާދާރު ކުރުވުމުގެ އިތުރުން، ދައުލަތުގެ މުހިންމު ބައެއް އިސް މަގާމްތަކަށް މީހުން އައްޔަންކުރުމާއި އަދި މަގާމުތަކުން މީހުން ވަކި ކުރުމުގެ ބާރުވެސް ގާނޫނު އަސާސީ އެމުވައްސަސާއަކަށް ދީފައިވާ، ދައުލަތުގެ އެންމެ މުހިންމު މުވައްސަސާ ވެސްމެއެވެ.

މީގެތެރޭގައި، ރާއްޖޭގައި މިހާރު އޮތް ރިޔާސީ ނިޒާމުގައި ދައުލަތުގެ 3 ބާރުގެ ތެރޭގައި ހިމެނޭ އަނެއް ދެބާރު ކަމުގައިވާ ޝަރީޢަތްކުރުމުގެ ބާރުގައި ތިއްބެވި ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ އިތުރުން، ގައުމުގެ ވަލިއްޔުލްއަމުރުގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ، އެމަގާމުގައި ހުންނަވާ ބޭފުޅަކު މަގާމުން ވަކިކުރުމުގެ ބާރުވެސް ގާުނޫނު އަސާސީން ރައްޔިތުންގެ މަޖިލީހަށް ވަނީ ލިބިދީފައެވެ.

އެހެންކަމުން، ގާނޫނު އަސާސީން އަދަދު ކަޑައެޅި، މިހާރު 87 މެމްބަރުން އެމަޖިލީހެއްގައި ތިއްބަވާ ރައްޔިތުންގެ މަޖިލީހަކީ ހުރިހާ ގޮތަކުން ބެލިކަމުގައި ވިނަމަވެސް، ދައުލަތުގެ އަނެއް ދެބާރަށް ލިބިދީފައި ނުވާ ޚާއްސަ ބާރުތަކަކާއި އިމްތިޔާޒުތަކެއް އެމަޖިލީހަކަށް ލިބިގެންވާ، ދައުލަތުގެ އެންމެ މުހިންމު އެއް މުވައްސަސާކަމީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާފުކޮށް އެގެން އޮތް އެއް ހަގީގަތެވެ.

އެހެންނަމަވެސް، ވެރިކަން ހިންގުމުގެ ބާރާއި ޝާރީއަތް ކުރުމުގެ ބާރަށް ލިބިގެން ނުވާ ޚާއްސަ އިމްތިޔާޒުތަކަކާއި ބާރުތަކެއް ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީން ލިބިދީފައި އޮތްތަނަމަވެސް، މި މުވައްސަސާ ހިމެނިގެންދަނީ ދައުލަތުގެ އަނެއް ދެބާރާއި އަޅާބަލާއިރު، މި މުވައްސަސާއާ ދޭތެރޭ އަބަދުވެސް ރައްޔިތުންގެ އެތައް ޝަކުވާއެއް އޮންނަ، މަޖުލީހުގެ ގަވާއިދުން އިއްޒަތްތެރިންގެ ގޮތުގައި ނަމުގެ ކުރިޔަށް މުޚާތަބްކުރުން ލާޒިމްވެފައި އޮތަސް، މި އިއްޒަތްތެރިކަން ކަމުން ނުލިބިގެން މެމްބަރުންގެ ޝަކުވާތައްވެސް ގިނަ މަޖިލީހެއްގެ ގޮތުގައެވެ.

މަޖިލިސް ރައީސް ނަޝީދު ވިދާޅުވަނީ މެމްބަރުންނަށް އިއްޒަތް ނުލިބިގެން އުޅެނީ މެމްބަރުންގެ ބޮޑާކަމާ ހެދި ކަމަށް

 

އިއްޒަތްތެރިންގެ ގޮތުގައި މުޖުތަމަޢު ބަލައި ނުގަންނާތީ މެމްބަރުންގެ ޝަކުވާ!

ރައްޔިތުންގެ މަޖިލީުގެ މެމްބަރުންނަށް އިއްޒަތްތެރި މެމްބަރުންގެ ގޮތުން މުޚާތަބު ކުރެވޭއިރު، މުޖުތަމަޢުން އިއްޒަތްތެރިކަން ނުލިބޭތީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މުލަކު ދާއިރާގެ މެންބަރު އިކްރާމް ހަސަން ދާދިފަހުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

އޭނާ މިޝަކުވާ ކުރައްވާފައިވަނީ، މަޖިލީހުގެ މެންބަރުންގެ އެކުވެރިންނަށް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުންކުރެވޭ ގޮތް ހެދުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވާ ނިންމުމާ ދެކޮޅަށް މަޖިލީހުގެ ބައެއް މެންބަރުން ތަކެއް ވާހަކަދައްކަވާފައިވާތީ އެކަމާ ހިތްހަމަޖެހިވަޑައިނުގެން މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް އޭނާ ފޮނުއްވި ޝަކުވާގެ މެސެޖުތަކެއްގައެވެ.

މަޖިލިހުގެ މެމްބަރުން ތިއްބަވާ މި ވަޓްސްއަޕް ގުރޫޕުގައި، އެމްޑީޕީގެ މެމްބަރުންގެ ތެރޭގައި ކުރެވިގެންދިޔަ ބަހުސްގައި މެމްބަރު އިކްރާމް ވިދާޅުވެފައިވަނީ، މަޖިލީހުގެ މެމްބަރުންނަށް "އިއްޒަތްތެރި" މެމްބަރުން ކިޔާއިރު، ހަގީގީ އިއްޒަތެއް މުޖުތަމަޢުގެ ތެރެއިންވެސް ލިބިގެން ނުދާކަމުގެ ޝަކުވާއެވެ. އަދި އޭނާ ވިދާޅުވެފައިވާ ގޮތުގައި، ދިވެހި މުޖުތަމަޢުގައި މެމްބަރުންނަކީ މިހާރު އެންމެ "އާދައިގެ" މީހުންނަށްވުރެވެސް ދަށް ބައެއްގެ ގޮތުގައި މީހުން ދެކޭބަޔަކަށް ވެގެން ގޮސްފައިވާ ކަމުގެ ޝާކުވާއެވެ. އަދި މި ޖަޒުބާތުގައި، ވަޓްސްއަޕް ގުރޫޕުގައި އިކުރާމް ވިދާޅުވެފައިވަނީ މެމްބަރުންނަށް އިއްޒަތްތެރިކަމުގެ ލަގަބު ދީފައި، މުޖުތަމަޢުން މެމްބަރުންނަށް އިއްޒަތް ނުލިބޭނަމަ، "ނިކަމެތި" މެމްބަރުން ކިޔުންވެސް މާ ރަނގަޅު ވާނެކަމަށެވެ.

މަޖިލީހުގެ މެމްބަރުންނަށް މުޖުތަމަޢުގައި އިއްޒަތް ނުލިބިގެން މެމްބަރު އިކްރާމް ކުރެއްވި ޝަކުވާތަކަށް ރައްދު ދެއްވަމުން މަޖިލިހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރައްޔިތުންގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވަމުންދަނީ، ބައެއް މެމްބަރުންގެ ބޮޑާކަމާއި، އިއްޒަތްތެރިކަން މާބޮޑަށް ބޮޑުވުމުން ކަމުގައެވެ. އަދި ނަޝީދު ވިދާޅުވެފައިވަނީ، ރައްޔިތުންނަށް އާންމު ރައްޔިތުންގެ ނުރުހުމާއި ނަފްރަތު އަމާޒުވަމުންދާ ހަގީގީ ސަބަބަކީ މެމްބަރުން "މާ ބޮޑަށް ބޮޑާވަމުންދާތީ" ކަމުގައެވެ.

މެމްބަރުންނަށް އާންމުންގެ ނަފްރަތު އަމާޒުވަމުން ދަނީ، މެމްބަަރުންގެ ބޮޑާކަމާއި ކިބުރުވެރިކަމުން ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު، މިވަގުތަކީ، މަޖިލިހުގެ މެމްބަރުން ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރައްޔިތުންގެ މަޖިލިހުން ޚަރަދު ކުރަންޖެހޭ ގޮތަށް މެމްބަރުންގެ އެކުވެރީންނަށްވެސް އެއަރޕޯޓު ލައުންޖު ބޭނުން ކުރެވޭގޮތަށް އާންމު ކޮމިޓީން ނިންމަވާފައިވާ ނިންމުމަށް އާންމު އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ގޮސްފައިވާ ދަނޑިވަޅެއްކަންވެސް ފާހަގަ ކޮށްލެވެއެވެ.

އާންމުންގެ ތެރޭގައި މެމްބަރުންނަށް އެއްވެސް އަދަބު އިހުރިރާމެއް ނޯންނާތީ، މެމްބަރު އިކްރާމްވަނީ ޝަކުވާ ކުރައްވާފަ

އަދި މިކަންކަމުގެ އިތުރުންވެސް، މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެބޭފުޅުންނަށް މަޖިލިހުގެ ގަވާއިދުން ނަމުގެ ކުރިޔަށް ލިބިފައި އޮންނަ "އިއްޒަޔްތެރި"ކަމުގެ ލަގަބާއި އެއް ބީދައަކުން މުޖަތަމައުގެ ތެރެއިން އިއްޒަތް ނުނިލިބިގެން ބައެއް މެމްބަރުންގެ ޝަކުވާތަކާއި އުދާސްތައް ހުރިއިރު، މަޖިލިސް ގިނަ މެމްބަރުންނަކީ، މުޖަތަމައުގެ ތެރޭގައި އާންމު ރައްޔިތުންގެ ނުރުހުމާއި ނަފްރަތު އިންތިހާއަށް އަމާޒުވެފައިވާ މެމްބަރުންކަން މިފުރުސަތުގައު ފާހަގަ ކޮށްލަންޖެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމަބްރުންގެ ބައެއް ނިންމެވުންތަކުގެ ނަތީޖާއެއްގެ ގޮތުން މުޅި މަޖިލީހަށްވެސް މިއަދު އެތައްބައެއްގެ ނުރުހުމާއި ފާޑިއުން އަމާޒުވަމުންދާ ކަންވެސް މިއީ މިއަދު ގަބޫލުކުރަން ޖެހިފައޮތް ވަރަށް ބޮޑު ހަގީގަތެކެވެ.

 

އެތައްބައެއް އިއްޒަތް ނިގުޅައިގަންނަ ތަނެއް!

ރައްޔިތުންގެ މަޖިލީހަށް ގާނޫނު އަސާސީން ލިބިދީފައިވާ އެންމެ މުހިންމު އިމްތިޔާޒެއްގެ ގޮތުގައި ފާހަގަވާން އޮތީ އެމަޖިލީހުގައި މެމްބަރަކު ދައްކާ ވާހަކައަކުން، ނުވަތަ ބުނާބަހަކުންވެސް، އިސްލާމް ދީނުގެ އަސްލަކާ ޚިލާފް ނުވާހާ ހިދަކު، އެއްވެސް މެމްބަރެއްގެ މައްޗަށް ތަހުގީގެއް ހިންގުން ނުވަތަ ދައުވާއެއްވިޔަސް ނުކުރެވޭގޮތަށް މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒެވެ.

މިގޮތުން ގާނޫނު އަސާސީގެ 90 ވަނަ މާއްދާގެ (ހ)ގައި ބަޔާން ކުރަނީ ތިރީގައި މިވާ ފަދައިންނެވެ.

"ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި، ނުވަތަ އެމަޖިލިހުގެ ކޮމިޓީއެއްގައި މަޖިލިހުގެ މެމްބަރަކު ނުވަތަ އެނޫންވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ޚިލާފް ނުވާ ގޮތުގެ މަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލުކުރި ގޮތެއްގެ ސަބަބުން، ކޯޓަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެމީހަކާމެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދެއްކޮށް ނުވަތަ އެމީހަކާމެދު ދައުވާއެއްކޮށް ހަދައިގެން ނުވާނެއެވެ."

އެހެންނަމަވެސް ފާއިތުވެދިޔަ ތަނުގައި ފާހަގަވެގެން ގޮސްފައިވާ އެއް ހަގީގަތަކީ، ގާނޫނު އަސާސީން ލިބިދީފައި އޮތް މި އިމްތިޔާޒުގެ ބޭނުން ކުރައްވައިގެން، މަޖިލިހުގެ ކޮމިޓީތަކާއި ޗެމްބަރުގައި އެތައް އާންމު ރައްޔިތުންނެއްގެ އަބުރު ބައެއް މެމްބަރުން ނަގާލާފައި ވާކަމެވެ. އެތައް ބައެއްގެ އިއްޒަތް ވެއްޔާއި މޮޑެލާފައިވާ ކަމެވެ. މަޖިލިހުގެ ޗެމްބަރުގައި މެމްބަރުން ދައްކާ ވާހަކަތަކާއި، އަނެކުންނަށް ކިޔާ ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ފުރުސަތު ލިބިފައިނެތް އެތައް ނިކަމެތި ރައްޔިތުންނެއް، އެރައްޔިތުންނާމެދު ބައެއް މެމްބަރުގެ ހިތްޕުޅުގައި ހުރި ޖަޒްބާތާއި ނަފްރަތުގެ ޝިކާރައަކަށް ވެގެން ގޮސްފައިވާ ކަމެވެ.

އެހެންކަމުން ކުރުގޮތަކަށް ދަންނަވަނީނަމަ، ފާހަގަވާން އޮތް ކަމަކީ، މަޖިލީހުގެ 4 ފާރުތެރޭގައި، މަޖުލިހުގެ ގަވާއިދުން މެމްބަރުންނަށް އިއްޒަތް ލިބިދީފައި އޮވެމެ، އަދި އިތްޒަތްތެރި މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން ބައެއް މެމްބަރުން އަނެކުންގެ އިއްޒަތަށް އަރައިގަންނަމުންދާކަމެވެ. އިއްޒަތްތެރިންގެ ގޮތުގައި ދެމި ތިބުމަށް ޚުދު ޤާނޫނު އަސާސީން ލިބިދީފައި އޮތް އިމްތިޔާޒެއްގެ ބޭނުން ގިނަ މެމްބަރުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމެވެ. އަދި މިއިމްތިޔާޒުގެ ބޭނުން ކުރައްވައިގެން، މަޖިލިސް ޗެމްބަރާއި ކޮމިޓީތަކަކީ، އަނެކުންގެ އަބުރަށް އަރައިގަނެ، ދުލަށް އައިހައި އެއްޗެއް ގޮވުމަށް، ހިލޭސާބަހަށް ލިބިދީފައި އޮތް ޕްލެޓްފޯމަކަށް ބައެއް މެމްބަރުން ހައްދަވާފައިވާކެމެވެ. ތިމާމެންގެ ގަޔަކު އަނެކާއަތް އަތް ނުލެވޭނެ ކަމަށްބަލާ، އަނެކުންގެ ހައްގުތަކަށް އަރައިގަންނަމުން ދާކަމެވެ.

އަދި މިހުރިހާ ގޮތަކުންމެ، މެމްބަރުން އެތައްގޮތަކުން، އާންމު އަޚްލާގީ މިންގަޑުންނާއި އަދި ހަމަހަމަ ކަމުގެ އުސޫލުތަކުން ބޭރުވެ ތިއްބަވައިގެންވެސް، އެ މެމްބަރުންނަކީ މުޖުމަތަޢުން އެންމެ ގަދަރު ކުރާ އަދި އަނެކުން ކުރުނީސްކުރާ ބޭފުޅުންގެ ގޮތުގައި ބަލައިގަތުންކަމަށް އެ މެމްބަރު ދެކެވަޑައިގަނަވަމުން ދާކަމީ ޖަވާބު ހޯދަންޖެހިފައިވާ އަރަތެއްގެ ގޮތުގައި މިއަދު ގިނަބަޔަކު ދެކެމުންދާކަމީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި އާންމު ރައްޔިތުން މެމްބަރުންނަށް ނަފްރަތު ކުރަމުންދަނީ މެމްބަރުންގެ އަމަލްތައް ހުންނަ ގޮތުން

 

މެމްބަރުންނަށް އިއްޒަތް ނުލިބުގެން އުޅެނީ ބޮޑާކަމުންތަ؟

މަޖިލިހުގެ ގާވަޢިދުން އިއްޒަތްތެރި މެމްބަރުންގެ ގޮތުގައި ކަޑައަޅާ އަދި އެ މެމެމްބަރުންނަށް އިއްޒަތްތެރިންގެ ގޮތުގައި މުޚާތަބުކުރުންވެސް ލާޒިން ކޮށްފައިވާ، މަޖިލިސް މެމްބަރުނަށް މުޖުތަމަޢުގައި އިއްޒަތާއި ކަރާމާތް ލިބި ނުލައްވައިގެން ބައެއް މެމްބަރުން ކުރައްވާ ޝަކުވާތަކަށް މަޖިލިސް ރައީސް ނަޝީދު ދެއްވާފައި ރައްދަކީ މެމްބަރުންގެ ބޮޑާ ކަމުގެ ސަބަބުން ކަމުގައި ވިދާޅުވެއެވެ.

މަމެބަރުންގެ ބޮޑާކަމާއި ކިބުރުވެރިކަމުގެ ވާހަކަ މަޖިލިސް ރައީސްގެ ދޫފުޅުން ވިދާޅުވެފައިވާއިރު، ފާހަގަ ކޮށްލަންޖެހޭ އެއްކަމަކީ، އެއަރޕޯޓުގެ ވީއައިޕީ ލައުންޖުން މެމްބަރުންގެ ގާތް އެކުވެރިންނަށްވެސް މަޖިލިހުން ޚަރަދު ކުރާގޮތަށް ޖާގަ ހޯދަން ބައެއް މެމްބަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކިއުގައި ނުޖެހި ޚިދުމަތް ލިބެންޖެހޭނެކަމަށް މެމްބަރުން ގަބޫލު ކުރާ ކުރުންތަކާއި، މިހެންގޮސް، މެމްބަރުންނަށް ހަގު ނޫންކަމަށް އާންމުންގެ ގިނަބަޔަކު ދޭކޭ ގިނަ ކަންކަމުގައި މެމްބަރުން ހޯއްދެވުމަށް ބޭނުންވެލައްވާ އެތައް އިމްތިޔާޒުތަކާއި ޚިދުމަތްތަކަކީވެސް އާންމުންގެ ނަފްރަތާއި ރުޅިވެރިކަން މިއަދު މަޖިލިހުގެ މެމްބަރުނަންނަށް އިންތިހާއަށް އަމާޒުވަމުން ބައެއް ސަބަބުތައް ކަމުގައި ވެގެން ގޮސްފައިވާކަމެވެ.

އަދި މިކަންކަމުން، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވާފަދައިން، ވީއައިޕީ ލައުޖުން ފެށިގެން ގޮސް، ޚިދުމަތް ހޯދުމަށް ދަމާލާ ކިއުތަކުންވެސް، މެމްބަރުންނަށް އިމްތިޒާޒުތަކާއި އިނާޔަތްތަކާއި، އަދި އިސްކަން ދޭން މަޖުބޫރުވެފައި އޮންނަންޖެހޭކަމަށް މެމްބަރުންނަށް ގަބޫލުކުރެއްވޭނަމަ، ހަގީގަތުގައި އެ ރަމުޒު ކޮށްދެނީ މިކަންކަމަށް ޑިމާންޑް ކުރަމުންދާ މެމްބަރުންގެ ބޮޑާކަމާއި ކިބުރުވެރިކަން ނޫން އެހެން ކޮންކަމެއް ބާވައެވެ.

އަދި އަމުދުން، މަޖިލިހުގެ ބައެެއް މެމްބަރުން، މިއަދު މުޖުތަމަޢުގައި އުޅެމުންދާ ގޮތުން، ބައެއް މެމްބަރުންގެ މައްޗަށް މުޖުތަމައު ގަބޫލުނުކުރާ އެއްތައްކަމެއް ކުރަމުންދާކަމުގެ ތުހުމަތުތަކާއި އޭގެ ލޭބަލް ބޮލުގައި އެޅެމުންދާއިރު، މީގެ ބަދުނާމު ހުރިހާ މެމްބަރުން މުޖުތަމައުގައި ނަގަންޖެހި، މަޖިލިސް މެމްބަރުންނަކީ، މުޅި މުޖުތަމައު ނަފްރަތު ކުރާ ބަޔަކަށް ވެގެން ދިއުމުން، ނަމުން އިއްޒަތް ލިބުން މަޖުބޫރު ވެފައި އޮތެއްކަމަކު، ކަމުން މި އިއްޒަތް ލިބޭނެ ގޮތެއް އަދި ފެންނާން އޮތްކަމުގައި ބެލެވޭކަށް ނެތެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. ކަމުން ވައްކަން ކޮށްގެން ކަމުން ލިބޭނެ އިތްޒަތެއް ނޯންނާނެ
    އެއިރުން އޮންނާނީ ނަމުން އިތްޒަތް

    އެގޮތުން އިތްޒަތްތެރި މެމްބަރު
    އިތްޒަތްތެރި ވަގު
    އިތްޒަތްތެރި ޤާތިލު
    އިތްޒަތްތެރި މުޖުރިމު

Leave a Reply

Your email address will not be published. Required fields are marked *