އައްޑޫ ސިޓީގައި މިސަރުކާރުން ހިންގާ މަޝްރޫޢުތައް ހުއްޓުވުމަށް އިދިކޮޅުން މަސައްކަތްކުރާކަމުގެ ތުހުމަތު އައްޑޫ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ކުރައްވައިފިއެވެ.
ނިހާދު ކުރެއްްވި ޓްވީޓެއްގައި ވިދާޅުވީ އައްޑޫ ސިޓީގައި މިސަރުކާރުން ހިންގަމުންދާ އަދި ފަށަން އުޅޭ މަޝްރޫޢުތައް ހުއްޓުވައި ހުރަސް އެޅަން އިދިކޮޅު ފަރަތްތަކުން މަސައްކަތް ފަށައިފިކަމަށެވެ. މިއީ ވަރަށް ދެރަކަމެއްކަން ފާހަގަކުރައްވަމުން ނިހާދު ވިދާޅުވީ، މިފަދަ ކަންކަން ނުރުމަށް އާދޭސްކުރާކަމަށެވެ. މިފަދަ އެއްވެސް ކަމަކަށް އެބާރުލުން ނުދިނުމަށް ރައްޔިތުންނަށް އާދޭސް ދައްނަވާކަމަށްވެސް ނިހާދު ވިދާޅުވިއެވެ.
#AdduCity gai mi sarukaarun hingamun dhaa adhi fashan ulhey project thah huttuvai huras alhan idhikolhu faraaih thakun masakkaih fashaifi! Mi Varah dhera kameh! Mifadha kanakan nukurumah aadheys kuran! Mifadha Evves kamakah ebbaarulun nudhinumah Rayyithunnah Aadheys dhannavan!
— Feydhoo Meehaa (Mohamed Nihad) (@nihad_m) September 30, 2021
ނިހާދުގެ މި ޓްވީޓާއި ގުޅިގެން ބައެއް ފަރާތްތަކުން ދެއްވި ރައްދުގައި ވަނީ އައްޑޫގައި ހިންގާ މަޝްރޫޢުތައް ހުއްޓުވޭނީ އެ ސިޓީގައި މަޝްރޫޢުގެ ފަށައިގެންކަމަށެވެ. މިސަރުކާރުން އައްޑޫގައި މަޝްރޫޢުގެ ހުވަފެންދައްކާ އެއްވެސް ކަމެއް ނުކުރާކަމަށް ބައެއް މީހުން ބުނެފައިވެއެވެ.
އައްޑޫގެ މަޝްރޫޢުތައް އިދިކޮޅުން ހުއްޓުވާކަމަށް ނިހާދު ތުހުމަތުކުރައްވާފައިވާއިރު، އެސިޓީގައި ގިނަ މަޝްރޫޢުތަކެއް އިންޑިއާގެ އެހީގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އެންމެ ބޮޑު މަޝްރޫޢުއަކީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ.
އައްޑޫ މަގު ހެދުމުގެ މަޝްރޫޢުއަކީ އިންޑިއާގެ އެހީގައި ކުރިއަށްދާ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫޢުއެކެވެ.
މި ޕްރޮޖެކްޓަކަށް 147.1 މިލިއަން ޑޮލަރު ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓުގެ ދަށުން އައްޑޫގެ ހުރިހާ އަވަށެއްގެ ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމާއި، އަދި މިވަގުތު ތާރު ނޭޅި ހުރި އައްޑޫގެ ބޮޑެތި ހުރިހާ މަގުތަކެއްގެ ތެރެއިން 40 ކިލޯ މީޓަރުގެ މަގުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މިނޫނަސް ގިނަ މަޝްރޫޢުތަކެއް ފެށުމައް ތައްޔާރުވަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ