އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަޠީފްގެ ޢަމަލުތައް ހުރީ ވަރަށް ހުތުރުކޮށްކަމަށާއި، އޭނާ ދައްކަވާ މޫނާއި، އޭނާގެ އަމަލުތައް ހުންނަނީ އެހެން ގޮތަކަށްކަމަށް ޔޫތު މިނިސްޓަރ އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މަޚްލޫފް މިހާތަނަށް ހުންނެވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ތުހުމަތުތަކާއި ގުޅިގެން ވަޒީރުކަމުގެ މަސްޢޫލިއްޔަތުތަކުން އެކަހެރިކުރައްވާފައެވެ. އަދި އެ ތުހުމަތުތަކާއި ގުޅިގެން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެކަމަށް އެމްޑީޕީން ނިންމިއެވެ. ނަމަވެސް އިންތިޚާބަށް ކުޑަތަންވެފައިވަނިކޮށް އޭނާއަށް ފުރުޞަތު ލިބި އިންތިޚާބުގައި ވާދަކުރައްވާ ވަނީ ކާމިޔާބުކުރައްވާފައެވެ.
މަޚްލޫފަށް ވާދަކުރެއްވޭގޮތަށް އެޕާޓިގެ އިންތިޚާބުތަކާއިބެހޭ ކޮމިޓީގެ ނިންމުމާއި ގުޅިގެން ޗެއަރޕާސަން ޙަސަން ލަޠީފް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. މަޚްލޫފަށް ވާދަކުރެވޭގޮތަށް ނިންމި ނިންމުމަށް ދެކޮޅުހައްދަވާ ޙަސަން ވިދާޅުވެފައިވަނީ، އެއީ ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް ނިންމެވި ނިންމުމެއްކަމަށެވެ. އަދި
ޙަސަންގެ އަ މަލުތަކާއި ގުޅޭގޮތުން އޮންލައިން ނޫސް އަވަސްއަށް ދެއްވި ވީޑިއޯ އިންޓަރވިއުއެއްގައި މިނިސްޓަރ މަޚްލޫފް ވިދާޅުވީ، ޙަސަން ލަޠީފްގެ ޢަމަލުތައް ހުރީ ވަރަށް ލަދުވެތިކޮށްކަމަށެވެ. އެގޮތުން ޕާޓީގެ އެންމެ އިސް މަޤާމުގައި ހުންނަވާ ބޭފުލެއްގެ ފަރާތުން ފެނިގެން ނުވާނެ ހުތު ޢަމަލުތައް ފެނިގެން ދިޔަކަމަށް މަޚްލޫފް ވިދާޅުވިއެވެ.
ހަސަންގެ އެ އަމަލަކީ އޭނާއާ ދެކޮޅަށް ކުރެއްވި "އެންޓި ކެންޕެއިން"ގެ އަމަލެއްގެ ގޮތުގައި ސިފަކުރައްވަމުން މަޚްލޫފް ވިދާޅުވީ، ކުލަ ބަދަލުކޮށްފައިވާ ބޯވައެއް ކަމާއި އެމްއެމްޕީއާރުސީގެ ވަގެއްގެ ގޮތުގައި މަޚްލޫފަށް ނިސްބަތްކޮށްފައިވާކަމަށެވެ.
މަޚްލޫފް ވިދާޅުވީ ޗެއަރޕާސަން ފެންނަނީ ވަރަށް ބީރައްޓެހިކޮށްކަމަށާއި، އޭނާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ފެންނަ މޫނާއި އޭނާގެ އަމަލުތައް ފެންނަނީ އެހެން ގޮތަކަށްކަމަށެވެ.
ދައްކަވަނީ މުޅީން އެހެން މޫނެއް. އަމަލުތައް ހުންނަނީ އެހެން ގޮތަކަށް. އެއީ ވަރަށް ހަޑި ލަދުވެތި ކަމެއްްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ. އެކަންކަމާއި ހަގީގަތުގައި ވަރަށް ބޮޑަށް ގުޅިފައި އެބައޮތް ކުޅިވަރާވެސް އެނގޭތޯ
– މަޚްލޫފް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަޚްލޫފަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އޭސީސީން ޕީޖީއޮފީހަށް ފޮނުވާފައިވަނީ ޖޫންމަހުގެ 9 ވަނަ ދުވަހުއެވެ.
މި މައްސަލައިގަ މަޚްލޫފުގެ މައްޗަށް ދެ ދަޢުވާއެއްކުރުމަށް ވަނީ ފޮނުވާފައެވެ. ފުރަތަމަ ދަޢުވާއަކީ މަަޚްލޫފް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން، އެސް.އީ.ޒެޑްގެ ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000 އެމެރިކާ ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާވި ފައިސާގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގެ ދަށުން، ކުރާ ދައުވާއެކެވެ.
އަނެއް ދައުވާއަކީ މަޚްލޫފް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުން، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.
މި މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމުން މީގެ ކުރިންވެސް މިނިސްޓަރ މަޚްލޫފް ގޭގައި މަޑުކުރުމަށް ރައީސް ވަނީ އަންގަވާފައެވެ. އެފަހަރު މިނިސްޓަރ މަޚުލޫފް މަސައްކަތަށް ނިކުމެވަޑައިގެންނެވީ ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭސީސީއާއި ފުލުހުންގެ ތަޙްޤީޤަށްފަހު، އެއްވެސް މައްސަލައެއް ނެތްކަން ހާމަކުރެއްވުމުން، ރަސްމީ މަސައްކަތަށް އަނބުރާ ނުކުންނެވުމަށް ރައީސް އެންގެވުމުންނެވެ.
މަޚްލޫފްގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން 33،000 ޑޮލަރު ޖަމާކުރި މައްސަލައިގައި މަޚްލޫފް ވިދާޅުވެފައިވަނީ، އޭނާ އެކުންފުންޏާއެކު ހިންގާފައިވަނީ އާއިލީ ވިޔަފާރިއަކަށް ބޭނުންވާ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށެވެ. އަދި މިކަމާބެހޭ ލިޔެކިއުންތައްވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޢާންމުކުރައްވާފައެވެ.
މަޚްލޫފް ސަސްޕެންޑްގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާއިރުއ ަދިވެސް ދައުވާކޮށްފައެއް ނުވެއެވެ. ނަމަވެސް މި މައްސަލަގައި އަވަހަށް ގޮތެއް ނިންމާމެކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.