ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް، އެމީހުންނާއެކު ރައްޓެހިން އެއަރޕޯޓް ވީއައިޕީ ލައުންޖު ބޭނުންކޮށް މަޖިލީހަށް ބިލް ކުރާގޮތަށް ޢާންމު ކޮމިޓީން ނިންމި ނިންމުމަށް ތާޢިދު ނުކުރާކަން މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ 8 މެންބަރުން ހިމެނިވަޑައިގަންނަވާ ކޮމިޓީއަކުން ވަނީ މެންބަރުންނާއި އެމެންބަރުންގެ އާއިލާގެ އިތުރަށް އެ މެންބަރަކު އިޚުތިޔާރުކުރާ އިތުރު ދެ މީހަކަށް އެއަރޕޯޓް ލައުންޖު ބޭނުންކުރެވޭގޮތަށް ޤަވާއިދު ބަދަލުކޮށްފައެވެ. އެ ބައްދަލުވުން ބުދަ ދުވަހު ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. މިއާއކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ މަޖިލީހަށް އަމާޒުވެފައެވެ.މިކަމަށް އިޝާރާތްކުރައްވާ އާދަމް ޝަރީފް ވިދާޅުވީ، އެ ނިންމެވުމަށް އެމަނިކުފާނު ތާޢީދު ނުކުރައްވާކަމަށެވެ. އަދި އެއީ ތަހުޒީބް ކަމެއްވެސް ނޫންކަމަށާއި، ޤަވާއިދު ބަދަލުކުރާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
މަޖިލިސް މެމްބަރުން ރައްޓެހިންނަށް އެއަރޕޯޓް ވީއައިޕީ ލައުންޖު ބޭނުންކުރެވޭގޮތަށް ހެދުމަށް ތަޢީދެއް ނުކުރަން. ނުހައްގު ބާރުތައް ބޭނުންކުރުމަކީ ތަހުޒީބު ކަމެއްކަމަށް ނުދެކެން. ޤަވާއިދި ބަދަލުކުރާނެކަމަށް އުއްމީދުކުރަން.
– އާދަމް ޝަރީފް ޢުމަރު
ކޮމިޓީން އެފަދަ ނިންމެވުމެއް ނިންމެވީ، ކުރިން އޮންނަ ގޮތުން މަޖިލީހުގެ މެންބަރަކު، އެމަންބަރުގެ އެއްބަނޑު އެއްބަފާ މީހަކާ އެކީ ދަތުރުކުރާއިރުވެސް ވަކިން ދާން ޖެހޭތީ ބައެއް މެންބަރުންގެ ޝަކުވާ ކޮމިޓީއަށް ލިބިފައިވާތީކަމަށް މެންބަރުން ވިދާޅުވިކަމަށް އޮންލައިން ނޫސް "ދައުރު"ގައި ޝާއިއުކޮށްފައިވެއެވެ.
މި ޤަވާއިދު ކުރިން އޮންނަ ގޮތުން މަޖިލީހުގެ މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލޯންޖު ބޭނުންކުރެވެއެވެ. އަދި ލޯންޖު ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.
ނަމަވެސް އެމީހުންގެ ރައްޓެހިންނަށްވެސް ވީއައިޕީ ލައުންޖު ބޭނުންކުރެވޭގޮތަށް ނިންމި ނިންމުމަކީ ނިހާއީ ނިންމުމެކެވެ. އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރާކަށް ނުޖެހޭނެއެވެ. އެހެންކަމުން ކޮމިޓިން އެގޮތަށް ފާސްކުރުމުން އެ ނިންމުމަށް އަމަލުކުރެވޭނެއެވެ.
ކޮމެންޓު ފޮނުވާ