ރައްޔިތުންނަށް ޖާސޫސްކުރުމުގެ ބާރު ލިއްބައިދޭ ތަހުގީގުކުރުމުގެ ޚާއްޞަ އުކުޅު ބޭނުންކުރުމުގެ ޤަވާޢިދަކީ ޤާނޫނު އަސާސީއާ ތައާރަޒުވާ ޤަވާއިދެއްކަމަށް ވިދާޅުވެ މަޖިލީހަށް ހުށައެޅި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ހުށައެޅުއްވި މައްސަލާގައި ވަނީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ބާރުލިބިގެން އެކުލަވާލާފައިވާ ތަޙުޤީޤުކުރުމުގެ ޚާއްޞަ އުކުޅު ބޭނުންކުރުމުގެ ޤަވައިދު ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ބައެއް އަސާސީ ޙައްޤުތަކާއި މިނިވަންކަމާއި ތަޢާރަޒުވާކަމަށެވެ. މި ޤަވައިދުގެ ދަށުން ފަރުދުންގެ ޒާތީ ދިރިއުޅުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށާއި، ފަރުދުންގެ އަމިއްލަ ހުރިހާ ޙަރަކާތްތައްބަލާ ޗެކްކޮށް ފާރަލުމާއި، ކެމެރާއާއި އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން ފާރަލުމާއި، އަދި އާޓިފިޝަލް އިންޓެލިޖެންސް ވަސީލަތްތައް ބޭނުންކޮށްގެން ފަރުދުންގެ މައުލޫމާތުތައް ހޯދާ އެފަދަ ކަންކަމުގައި ބައިވެރިކޮށްގެން ކުށަށް އަރައިގަތުމަށް ފުރުސަތުލިބޭފަދަ ކަންކަން ހިމެނޭތީ، މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ޙައްޤަށް އަރައިގަތުންކަމަށް ދެކޭކަމަށްވެސް ސަޢީދު ހުށައެޅުއްވި މައްސަލާގައިވެއެވެ.
ޤާނޫނު އަސާސީން ލިބިދޭ އެއްވެސް ޙައްޤެއް ޤާނޫނަކުންވިޔަސް އަދި ޤަވައިދަކުންވިޔަސް ނިގުޅައި ނުގަނެވޭނެތީއާއި އަދި ޙައްޤެއް ނުވަތަ މިނިވަންކަމެއް ނިގުޅައިގަނެވޭގޮތަށް ޤާނޫނުއަސާސީ މާނަވެސް ނުކުރެވޭނެކަމަށް ކަނޑައެޅިގެން ބަޔާންކުރެވިފައިވާތީ، ތަޙުޤީޤުކުރުމުގެ ޚާއްޞަ އުކުޅު ބޭނުންކުރުމުގެ ޤަވައިދު އަލުން މުރާޖައާ ކުރުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 179 ވަނަ މާއްދާގެ ދަށުން މިމައްސަލަ ހުށައަޅަމެވެ.
– ސަޢީދު ހުށައެޅުއްވި މައްސަލާގައިވެއެވެ.
ފުލުހުންގެ އައު ޤާނޫނުގެ ދަށުން އާންމުކޮށް، އަމަލުކުރަން ފަށާފައިވާ ތަހުގީގު ކުރުމުގެ ހާއްސަ އުކުޅު ބޭނުން ކުރުމުގެ ގަވާއިދުގެ ދަށުން، ގޭގެއާއި އުޅަނދުތަކުގައި ކެމެރާ ހަރުކޮށްގެން ބެލުމާއި، ދައްކާ ވާހަކަ އަޑު އެހުމާއި ތުހުމަތު ކުރެވޭ މީހުން އުޅޭނޫޅޭ ގޮތް ބެލުމަށް މޮނިޓަރ ކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންދާނެއެވެ.
ޖިނާއީ ބޮޑެތި ކުށްތަކުގައި ތުހުމަތު ކުރެވޭ ފަރާތްތައް ސިއްރުން މޮނިޓަރ ކުރުމަށް ގޭގެއާއި އުޅަނދުތަކުގައި ކެމެރާ އާއި އެފަދަ އެހެން ވަސީލަތްތައް ހަރުކޮށްގެން ދައްކާ ވާހަކަތައް އަޑު އެހުމާއި، ބެލުމުގެ އިތުރުން، މުވާސަލާތީ ވަސީލަތްތައް ބެލުމުގެ ބާރުވެސް މި ގަވާއިދުގެ ދަށުން ލިބެއެވެ. މީގެ އިތުރުން ކުށް ކުރަނިކޮށް އަތުލައިގަތުމަށް ސްޓްންގް އޮޕަރޭޝަން ހިންގުމުގެ ބާރުވެސް ފުލުހުންނަށް ލިބިގެންވެއެވެ.