އަފްއާނިސްތާން ތާލިބާން ޖަމާއަތުގެ ބާރުގެ ދަށަށްގޮސް، އެގައުމުގެ ސަރުކާރުގެ ރަސްމީ ގިނަ ވުޒާރާތަކާއި އެ ވުޒާރާތަކުގެ ޓުވިޓަރ އެކައުންޓްތައް ތާލިބާނުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ދިއުމާއެކު، ވުޒާރާތަކުގެ ރަސްމީ ޓުވިޓަރ އެކައުންތަކަށް ޓުވިޓަރއިން ދީފަހުރި ނޫކުލައިގެ ވެރިފިކޭޝަން ބެޖްތައް ނަގައިފިއެވެ.
ޓުވިޓަރއިން ކުރިން ދީފައިވާ ވެރިފިކޭޝަން ބެޖުތައް ނަގާފައިވާ އަފްއާނިސްތާން ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރޭގައި ފޮރިންގ މިނިސްޓްރީއާއި، ޑިފެންސް އަދި އިންޓީރިއަރ މިނިސްޓްރީއާއި އޭގެ އިތުރުން ރައީސް އޮފީހުގެ އެކައުންޓާއި އަފްއާން ނޭޝަނަލް ޕްރޮކިއުމަޓް އޮތޯރިޓީގެ އެކައުންވެސް ހިމެނެއެވެ.
އެހެންނަމަވެސް އެކައުންޓްތައް ވެރިފައި ކުރުމުގެ ގޮތުން ޓުވިޓަރއިން ދޫކުށްފައި އިންނަ ވެރިފިކޭޝަން ބެޖް އަދިވެސް، ތާލިބާންގެ ބާރުގެ ދަށަށް އަފްއާނިސްތާން ދިއުމާއެކު އެގައުމު ދޫކޮށް ވަޑައިގެންނެވި ކުރީގެ ރައީސް އަޝްރަފް އަނީގެ އެކައުންޓާއި ކުރީގެ ރައީސް ހާމިދު ކަރުޒާއީގެ އެކައުންޓުގެ އިތުރުން ކުރީގެ ސަރުކާރުގައި ނޭޝަނަލް ރީކޮންސިލިއޭޝަން ކައުންސިލްގެ ވެރިއެއްގެ ގޮތުން ހުންނެވި އަބުދުﷲ އަބުދުﷲ ގެ އެކައުންޓުގައި އަދިވެސް އިނދެއެވެ.
މީގެއިތުރުން، ކުރީގެ ސަރުކާރުގެ ނާއިބު ރައީސެއްގެ މަގާމުގައި ހުންނެވި އަމްރުﷲ ސާލިހުގެ އެކައުންޓުން މިހާރު ނޫ ބެޖް ނަގާފައިވި ނަމަވެސް، ކުރީގެ ދެވަނަ ނައިބު ރައީސެއްގެ މަގާމުގައި ހުންނެވި ސަރުވާރު ދަނޭޝްގެ އެކައުންޓުން ނޫ ބެޖް ނަގާފައި ނުވެއެވެ.
އަފްއާނިސްތާންގެ ޕަޖްވާކް ނިއުސް އައުޓްލެޓުން ހާމަ ކޮށްފައިވާ ގޮތުގައި، އަނީގެ ސަރުކާރު ވެއްޓުނު ފަހުން، އޭރުގެ ސަރުކާރުގެ މިނިސްޓްރީތަކުގެ ޓުވިތަރ އެކައުންޓުތަކުން އެއްވެސް ޓުވީޓެއް ކޮށްފައެއް ނުވެއެވެ.