ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި ކާފަ އާއި މުނިކާފަގެ މައްސަލާގައި ހެކިބަސް ނަގައި ނިމެނީ

ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި ކާފަ އާއި މުނިކާފަގެ މައްސަލާގައި ހެކިބަސް ނަގައި ނިމެނީ

Author
މުޙައްމަދު ޖިމީ
27 ސެޕްޓެމްބަރ 2021 07:31
0

ގއ.ކަނޑުހުޅުދޫގައި ޢުމުރުން ދެއަހަރު ނުވާ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ އެކުއްޖާގެ ކާފައާއި މުނިކާފަގެ މައްޗަށް އުފުލި ދައުވާތަކުގެ ޝަރީޢަތުގައި ހެކިބަސް ނަގައި ނިމެން ކައިރިވެއްޖެއެވެ.

ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވަނީ ގއ.ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހީމް ދީދީ (62އ) އާއި ގއ.ކަނޑުހުޅުދޫ، އަންނާރުމާގެ، ޙަސަން މޫސާދީދީ (82އ) ގެ މައްޗަށެވެ. އެ ދެމީހުންގެ މައްޗަށް އުފުލާފައިވަނީ އާއިލާ މެމްބަރަކު އެއާއިލާގެ ކުއްޖަކަށް ޖިންސީ އަމަލެއް ހިންގުމުގެ ދައުވާއެވެ. އެދެމީހުންގެ ޝަރީއަތް ކުރިއަށްގެންދަނީ އެއްކޮށްލައިގެންނެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މި މައްސަލާގައި ބާކީ އޮތީ ދެމީހެއްގެ ހެކިބަސް ނެގުމެވެ. އެގޮތުން އެމީހުންގެ ހެކިބަސް ނެގުމަށް މާދަމާއަށް ވަނީ އަޑުއެހުމެއްވެސް ތަޢާވަލުކޮށްފައެވެ. އެމީހުންގެ ހެކިބަސް ނަގައި ނިމުމުން ދެން އޮންނާނީ ހެއްކާއި ބެހޭ ގޮތުން ޥާހަކަ ދެއްކުމާއި ޚުލާސާ ބަޔާން އިއްވުމެވެ. އަދި ޚުލާސާ ބަޔާން އިއްވާތާ 30 ދުވަހުގެ ތެރޭގައި ހުކުމް އިއްވަން ޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރެއެވެ.

މި މައްސަލާގައި ދައުވާ ލިބޭ ކުއްޖާގެ މުނިކާފަ ވަނީ ވަރަށް ބޮޑަށް މުސްކުޅިވެ ބަލިހާލަތު ބޮޑުވެފައެވެ. އޭނާ ޝަރީޢަތަށް ގެންދަނީވެސް ފުރޮޅުލީ ގޮނޑީގައެވެ. އަދި އޭނާ ކޫޑަކަމުދިއުމަށް ގޮނޑީގައި ޔޫރިން ޕެކެޓްވެސް ހަރުކޮށްފައިހުރެއެވެ.

ޕީޖީ އޮފީހުން ބުނާގޮތުގައި އޭނާގެ ނަފްސާނީ މައްސަލައެއް ހުރިތޯ ހެދި އެސެސްމަންޓުން އޭނަގެ އެފަދަ މައްސަލައެއް ނެތެވެ. އޭނާގެ މައްޗަށް ޝަރިޢަތް ހިންގޭހާ އޭނާގެ ނަފްސާނީ ހާލަތު ރަނގަޅުކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އެކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކުއްޖާގެ މަންމަ އާއި ބައްޕަގެ މައްޗަށް ވެސް ވަނީ އިހުމާލުވުމުގެ ދައުވާ އުފުލާފައެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގެ ޝަރީއަތް އަވަހަށް ނިންމުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންވަނީ ކޯޓުތަކަށް އަންގަވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.