އިއްޔެ ނިމިގެންދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ނަތީޖާއިން ހާމަވެގެން ގޮސްފައިވަނީ މެޖޯރިޓީ ރައްޔިތުން ބޭނުންވަނީ އަދިވެސް ރާއްޖޭގައި ރިޔާސީ ނިޒާމު އޮތުމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން ޝަރީފް ވިދާވީ އެނަތީޖާއިން ހާމަކޮށްދެނީ ރާއްޖޭގައި އަދިވެސް އޮންނަން ފެންނަ އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމުކަމަށެވެ. ފާއިތުވެދިޔަ 12 އަހަރު ރާއްޖެ ތަޖުރިބާކުރި ރިޔާސީ ނިޒާމާއިއެކު ކުރިއަށް ދިއުމަކީ އިއްޔެގެ ވޯޓުގެ ނަތީޖާގެ މެޖޯރިޓީ ރައްޔިތުން އާބަސް ބުނެފައިވާ ގޮތްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީ ޤައުމީ މަޖިލިސް އިންތިޚާބުގެ ނަތީޖާއިން ހާމަވެގެންދިޔައީ މެޖޯރިޓީ ރައްޔިތުންގެ އަދިވެސް އެދެނީ، ރާއްޖޭގައި ރިޔާސީ ނިޒާމު އޮތުމަށްކަމަށް.
– ޝަރީފް ވިދާޅުވިއެވެ.
ޝަރީފަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ދެކޮޅު ހައްދަވަ އެނިޒާމު ގެނައުމަށް ކުރެވޭ މަސައްކަތަށް އެކި ފަހަރު މަތީން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންދާ ބޭފުޅެކެވެ. އިއްޔެގެ ވޯޓުގައި ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންގެ ތެރެއިން އިންތިޚާބު ވެފައިވަނީ 53 މެމްބަރުންނެވެ. ރައީސް ޞާލިހަށް ތާއީދުކުރާ ކެނޑިޑޭޓުންގެ ތެރެއިން މިއިންިޚާބު ކާމިޔާބުކޮށް ޤައުމީ މަޖިލީހުގެ 111 ވަރަކަށް ގޮޑި ރައީސް ޞާލިހަށް ވަނީ ލިބިފައެވެ.
ރާއްޖޭގެ ގިނަ ހިސާބުތަކުގައި، ނަޝީދުގެ ބަރުލަމާނީ ވިސްނުމަށް ތާއީދުކުރަމުން އައި ގިނަ ކެނޑިޑޭޓުންނަށް ގައުމީ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، މާލޭ ދާއިރާއިން ނަޝީދުގެ ބަރުލަމާނީ ވިސްނުމުގައި ކެންޕޭން ކުރެއްވި ބައެއް ކެނޑިޑޭޓުންވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.
އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެމްޑީޕީގެ މެމްބަރުން ވޯޓުލާ، ގައުމީ މަޖިލިހަށް މެމްބަރުން އިންތިޚާބުުރި މި އިންތިޚާބުގައި ބޮޑުތަނުން ކުރި ހޯދާފައިވަނީ، ރައީސް ސާލިހަށް ތާއީދު ކުރާ ކެނޑިޑޭޓުންކަން، އިންތިޚާބުގެ ނަތީޖާއިން ވަރަށް ރަގަޅަށް ސާފުވާން އެބަ އޮތެވެ. އަދި އިންތިޚާބުގައި ނަޝީދަށް ތާއީދު ކުރާ، ބަރުލަމާނީ ނިޒާމް ޕްރޮމޯޓު ކުރަމުން އައި، އަދި ފާޅުގައި ނަޝީދަށް ތާޢީދު ކުރަމުން އައި، ބައެއް މެމްބަރުންނާއި އަދި ޒަމާނުއްސުރެ އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ގިނަ ކެޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން މިއަދު މިއިންތިޚާބު ގިނަބަޔަކު ސިފަކުރަމުންދަނީ، މިއީ ނަޝީދުގެ ބަރުލަމާނީ ކެމްޕޭނަށް އެމްޑީޕީގެ މެމްބަރުން ދިން ވަރަށް ފުރިހަމަ ޖަވާބެއްގެ ގޮތުގައެވެ.