އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ގިނަ ގޮނޑި ކާމިޔާބު ކުރީ، ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ކެނޑިޑޭޓުން ކަމުގައި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ގިނަ ގޮނޑިތަކެއް ރައީސް ޞާލިހަށް ތާއީދު ކުރާ ކެނޑިޑޭޓުން ކާމިޔާބު ކުރުމާއި ގުޅިގެން ގިނަޔަބަކު އެވާހަކަ ދައްކަމުންދާ ދަނޑިވަޅެއްގައެވެ. ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާ ގިނަ ކެނޑިޑޭޓުން އިންތިޚާބު ކާމިޔާބު ކުރިމަކީރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއްކަމަށެވެ.
ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ގިނަ ކެނޑިޑޭޓުން އެމްޑީޕީގެ ޤައުމީ މަޖިލިސްއަށް އިންތިޚާބު ވިކަމީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް.
– ރައީސް ނަޝީދު ވިދާޅުވިއެވެ.
އިއްޔެ ބޭއްވި އިންތިޚާބުގައި ރައީސް ޞާލިހު ކާމިޔާބު ކުރެއްވި 65 ގޮނޑި އާއި ގައުމީ މަޖިލީހަށް އަމިއްލައަށް އިލެކްޓުވާ މެންބަރުން ހިމަނައިގެން 100 އަށް ވުރެ ގިނަ މެންބަރުންނަކީ ރައީސަށް ތާއީދު ކުރާ މެންބަރުންނެވެ. ގައުމީ މަޖިލީހަކީ އެމްޑީޕީގެ އެންމެ ބާރުގަދަ އެއް ގުނަވަނެވެ. އެމްޑީޕީގެ ސެކެޓްރިއޭޓާއި އެހެނިހެން ކޮމިޓީތަކަށް މީހުން އައްޔަން ކުރުމުގެ ބާރު އޮތީ ގައުމީ މަޖިލީހަށެވެ. އަދި ޕާޓީގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި މުހިންމު ނިންމުންތައް ނިންމާނީ ގައުމީ މަޖިލީހުގެ ޖަލްސާތަކުންނެވެ.
ރާއްޖޭގެ ގިނަ ހިސާބުތަކުގައި، ނަޝީދުގެ ބަރުލަމާނީ ވިސްނުމަށް ތާއީދުކުރަމުން އައި ގިނަ ކެނޑިޑޭޓުންނަށް ގައުމީ މަޖިލިސް އިންތިޚާބުގައި ނާކާމިޔާބީއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއިރު، މާލޭ ދާއިރާއިން ނަޝީދުގެ ބަރުލަމާނީ ވިސްނުމުގައި ކެންޕޭން ކުރެއްވި ބައެއް ކެނޑިޑޭޓުންވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.
އެހެންނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އެމްޑީޕީގެ މެމްބަރުން ވޯޓުލާ، ގައުމީ މަޖިލިހަށް މެމްބަރުން އިންތިޚާބުުރި މި އިންތިޚާބުގައި ބޮޑުތަނުން ކުރި ހޯދާފައިވަނީ، ރައީސް ސާލިހަށް ތާއީދު ކުރާ ކެނޑިޑޭޓުންކަން، އިންތިޚާބުގެ ނަތީޖާއިން ވަރަށް ރަގަޅަށް ސާފުވާން އެބަ އޮތެވެ. އަދި އިންތިޚާބުގައި ނަޝީދަށް ތާއީދު ކުރާ، ބަރުލަމާނީ ނިޒާމް ޕްރޮމޯޓު ކުރަމުން އައި، އަދި ފާޅުގައި ނަޝީދަށް ތާޢީދު ކުރަމުން އައި، ބައެއް މެމްބަރުންނާއި އަދި ޒަމާނުއްސުރެ އެމްޑީޕީގެ އިސް އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ގިނަ ކެޑިޑޭޓުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމުން މިއަދު މިއިންތިޚާބު ގިނަބަޔަކު ސިފަކުރަމުންދަނީ، މިއީ ނަޝީދުގެ ބަރުލަމާނީ ކެމްޕޭނަށް އެމްޑީޕީގެ މެމްބަރުން ދިން ވަރަށް ފުރިހަމަ ޖަވާބެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ