އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުން އިސްރާއީލު ސިފައިން ބޭލުމަށް އެގައުމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް އެއް އަހަރުގެ މުހުލަތެއް ދީފިއެވެ. އަދި މުއްދަތުގައި އިސްރާއީލް ސިފައިން ފަަލަސްތީނުގެ ހިފާފައިވާ ބިންތަކުން ނުފާބައިފިނަމަ، ފަލަސްތީނު އޮތޯރިޓީން އިސްރާއީލަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފަ އޮތް އޮތުން ނިމުމަކަށް ގެންނާނޭކަމުގެ އިންޒާރުވެސް މަހުމޫދު އައްބާސްވަނީ އިސްރާއީލަށް ދީފައެވެ.
މިހާރު ކުރިޔަށްދާ ޔޫއެއް ޖެނެރަލް އެސެމްބްލީގައި، ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެފައިވަނީ، ކުރިޔަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލު ސިފައިން ފަލަސްތީނުގެ ހުޅަގު އައްސޭރީގެ ސަރަހައްދުތަކުން ނުފައިބައިފިނަމަ، ދެން އިތުރަށް، 1967ގެ އިންތަކުގެ މައްޗަށް ފަލަސްތީނުން އިސްރާއީލު ބަލައި ނުގަނާނޭ ކަމުގައެވެ.
1967ގެ އިންތަކަކީ، ފާއިތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ފެއިލް ވެގެން ގޮސްފައިވާ އިސްރާއީލު ފަލަސްތީން ސުލްހައިގެ ވާހަކަ ތަކުގެ އެންމެ މުހިންމު އަސާސްއެވެ.
"އަހަރެން މިދަންނަވަނީ، ފަލަސްތީނުގެ ބިންތައް ހިފައިގެން އޮތް އިސްރާއީލަށް، 1967ގައި ހިފި ފަލަސްތީނުގެ ބިންތަކުން ފައިބަން ދެން އޮތީ އެއް އަހަރުގެ މުއްދަތެއް. އެއީ އިރުމަތީ ޖެރޫސެލަމްވެސް ހިމެނޭ ގޮތުން،" އައްބާސް ވިދާޅުވިއެވެ.
"މި މަގުސަދު ހާސިލް ނުވެއްޖެނަމަ، 1967ގެ އިންތަކުގެ މައްޗަށް އިސްރާއިލް ދައުލަތެއްގެ ގޮތުގައި ބަލައިގެން އޮތުމުގެ ބޭނުމަކީ ކޮބާ؟"
ފަލަސްތީނުގެ ރައީސް މަަހުމޫދު އައްބާސްވަނީ، "ބައިނަލްއަގުވާމީ ސުލްހައިގެ ކޮންފަރެންސް" އެއް ބޭއްވުމަށް އދ.ގެ ސެކެޓްރީޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއަށް ގޮވާލައްވާފައެވެ. އަދި ވިދާޅުވެފައިވަނީ ކުރިޔަށް އެއް އަހަރު ދުވަހުގެ ތެރޭގައި، އިސްރާއީލާއި ފަލަސްތީނުގެ އިންތަކާއި މިންތައް ޔޫއެންގެ ގަރާރުތަކާ އެއްގޮތްވާ ގޮތުގެމެތިން ކަޑައެޅުމަށް މަސައްކަތް ކުރުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމުގައެވެ.
ފާއިތުވެދިޔަ މުއްދަތުގައި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގެންފައިވާ ގޮތުގެ ތަފްސީލު ދައްކުވައިދޭ ޗާޓެއްގެ މަންޒަރުތައް އެކުލެވޭ ބެނަރއެއްގެ ކުރިމަތީ އިންނަވައިގެން ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވެފައިވަނީ، އިސްރާއީލަކީ "ނަސްލީ ތަފާތު" ކުރުންތަކުގެ މައްޗަށް ބިނާވެފައިވާ ގައުމެއް ކަމަށެވެ. އަދި ވަނީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތު ކޮށްފައެވެ.
"ނަސްލީ ތަފާތު ކުރުން" ފަދަ ލަފްޒުތަކަކީ، "ޖެހިޖެހިގެން އޮންނަ ދެގަމު"ގެ ހައްލު ހޯދުމަށް ހުރަސް އެޅިދާނެކަމަށް ބަލާ، މީގެކުރިން އިޒްރާއީލަށް ނިސްބަތްކޮށް އައްބާސް ވާހަކަ ދެއްކެވުމުގައި ބޭނުން ނުކުރާ ބަސްތަކެކެވެ.
ކޮމެންޓު ފޮނުވާ