މިއަހަރުގެ އެޕްރީލް މަހު ދައުލަތަށް ލިބޭނެކަމަށް ލަފާކުރި އާމްދަނީއަށްވުރެ %16 އިތުރަށް އާމްދަނީ ލިބިއްޖެކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ޑޮލަރުގެ ގޮތުގައި ލިބުނު 120.70 މިލިޔަން ހިމެނޭހެން މިދިޔަ މަހު ޖުމްލަ 2.63 ބިލިޔަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މިއީ އޭގެ ކުރީ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު %0.3 ދަށް އަދަދެކެވެ. މިގޮތަށް އާމްދަނީ ދަށްވީ ފަތުރުވެރިން އައި ނިސްބަތް %19.8 ދަށްވުމާއި، ސީއެސްއާރް ފީ އަދި ބައެއް ޓެކްސްތަކުން ލިބުނު އާމްދަނީ މަދުވުމުންނެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފަތުރުވެރިން އަންނަ މިންވަރު މަދުވެ އާމްދަނީ ދަށްވާނެކަމަށް މީރާއިން ކުރިން އޮތީ ލަފާކޮށްފައެވެ. ނަމަވެސް އަންދާޒާކުރި ވަރަށްވުރެ އާމްދަނީ އިތުރުވީ ޖީއެސްޓީ، ފަތުރުވެރިކަމުގެ ބިމު ކުލި އަދި ވޯކް ޕާމިޓް ފީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމުގެ ސަބަބުންނެވެ. އަދި ޓެކްސް ދެއްކުމުގެ މުއްދަތު ހަމަވެފައިވާ ގިނަ ފައިސާތަކެއް ހޯދުމަކީވެސް އާމްދަނީ އިތުރުވި މައިގަނޑު އެއް ސަބަބެވެ.
އެގޮތުން، ނުލިބި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން މިދިޔަ މަހު އެކަނިވެސް 543 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. އޭގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 372 މިލިޔަން ރުފިޔާ، ޑިއުސް ކްލިއަރެންސްއިން 96 މިލިޔަން ރުފިޔާ އަދި އިންސްޓޯލްމަންޓަށް ބަހާލައިގެން 64 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ. މީގެ އިތުރުން ފޯނުން ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ހަނދާންކޮށްދީގެން 5 މިލިޔަން ރުފިޔާ އަދި ފިޔަވަޅު އަޅައިގެން 4 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.
މިދިޔަ މަހުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކުހުން ލިބުނު އާމްދަނީއެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 1.7 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ ޖުމްލަ އާމްދަނީގެ %63.6 އެވެ. ގްރީން ޓެކުހުގެ ގޮތުގައި 185 މިލިޔަން ރުފިޔާ (%7.1) އަދި އިންކަމް ޓެކުހުގެ ގޮތުގައި 178 މިލިޔަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ކޮންމެ ބަޔަކަށް 152 މިލިޔަން ރުފިޔާ އަދި ރިސޯޓު ކުލީގެ ގޮތުގައި 129 މިލިޔަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.
މީރާއިން އަންނަނީ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދައި އާމްދަނީ އިތުރުކުރުމަށް ޤަވާއިދުތަކުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ