މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން ޤައުމީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ލިބޭނެކަމަށް ބެލެވެން ފަށައިފިއެވެ.
އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން ނުފޫޒު ގަދަ ގޮޑިއަކަށް، ރައީސް ނަޝީދަށް ތާއީދު ކުރާ ކެނޑިޑޭޓަކަށް ކާމިޔާބު ވެފައިވަނީ މާލެ ސިޓީގެ ރައީސްގެ ގޮޑިއެވެ. މިގޮޑި އަކްރަމް ކަމާލުއްދީނާއި ވާދަކޮށް ކާމިޔާބު ކުރެއްވީ ސިފާއެވެ. އިންތިޚާބުގައި ވާދަކުރެއްވި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި، މަޖިލީހުގެ ގިނަ މެމްބަރުން އިންތިޚާބު ކާމިޔާބު ކުރައްވާފައިރު، މީގެ ތެރެއިން 95 އިންސައްތަ އަކީ ރައީސް ޞާލިހަށް ތާއީދު ކުރައްވާ ކެނޑިޑޭޓުންނެވެ.
އިންތިޚާބުގައި އެންމެ ފަހު ވަގުތު ވާދަކުރަން ފުރުސަތު ލިބުނު ނަމަވެސް ބޮޑު ތަފާތަކުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފްވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. މަހުލޫފްއަކީ މިފަހަރުގެ އިންތިޚާބު އެންމެ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އެއް ކެނޑިޑޭޓެވެ. މަހުލޫފްގެ އިތުރުން މިނިސްޓަރ ފައްޔާޒުއާއި، މިނިސްޓަރ އަމީރުވެސް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ.
ގިނަބައެއްގެ ސަމާލުކަން ހުއްޓުނު އެއްދާއިރާ ކަމުގައިވާ، އަލިފުށީ ދާއިރާގެ ރައީސްކަން ހަސަންޓެ ބަލިކޮށް ބިގޭވަނީ ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައެވެ. ގިނަ ދާއިރާތަކުން މިހާތަނަށް ނަތީޖާ ދައްކާގޮތުން އިންތިޚާބު ކާމިޔާބު ކުރި ކެނޑިޑޭޓުންނަކީ ރައީސް ޞާލިހަށް ތާއީދު ކުރާ ކެނޑިޑޭޓުންނެވެ. މިއިންތިޚާބަކީ ކުރިއަށް އޮތް ދުވަސްތަކުގައި އެމްޑީޕީގެ ކުރިމަގު ބިނާކުރުމުގާއި ގުޅިފައިވާ އިންތިޚާބެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއިންތިޚާބުގެ ނަތީޖާ ގުޅިފައިވަނީ ކުރިއަށް ރިޔާސީ އިންތިޚާބާއެވެ. މި އިންތިޚާބު ކާމިޔާބު ކުރާ ބޭފުޅަކަށް ރިޔާސީ ޓިކެޓް ލިބުމުގެ ފުރުސަތު ބޮޑުކަމަށް ގިނަ ބަޔަކު ދެކެއެވެ.
މިއިން ތިޚާބަށް ރައީސް ނަޝީދަށް ތާއީދު ކުރާ ކެނޑިޑޭތުން ބޭނުންކުރި އެންމެ ވަރުގަދަ ޝިއާރަކީ ބަރުލަމާނީ ނިޒާމުގެ ޝިއާރެވެ. ނަމަވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ރައީސް ޞާލިހަށް ތާއީދު ކުރާ ކެނޑިޑޭޓުން ދިޔައީ ވަރަށް ފާޅުގައި ވަކާލާތު ކުރަމުންނެވެ. މިއިންތިޚާބުގެ ނަތީޖާތައް މިހާތަނަށް ދައްކާގޮތުން ރައީސް ޞާލިހަށް ތާއީދުކުރާ ގިނަ ކެނޑިޑޭޓުން ދަނީ އިންތިޚާބު ކާމިޔާބު ކުރަމުންނެވެ. ނަމަވެސް މިއިންތިޚާބުގެ ސާފު މަންޒަރެއް ސާފުވާނީ މިރޭގެ ދަން ގަނޑިއެއްގައިކަމަށް ބެލެވެއެވެ.
އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބަކީ މިހާތަނަށް އެޕާޓީން ބާއްވާ އެންމެ ވާދަވެރި އިންތިޚާބެވެ. މިއިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރުއެވެ. ވަރަށް ފޯރީގައި ކުރިއަށްދިޔަމި އިންތިޚާބުގެ ވޯޓު ލުން ނިމި މިހާރު ދަނީ ވޯޓު ގުނުމުގެ މަސައްކަތެވެ. އަދި ބައެއް ދާއިރާތަކުގެ ނަތިޖާ މިހާރު ވަނީ އިއުލާންކުރަން ފަށާފައެވެ. އެމްޑީޕީން ބުނީ އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ވަރަށް އަމާންކޮށްކަމަށެވެ.