ސިޓީން ވަރުގަދަ ޗެލްސީ ހަމަބިމަށް ތިރިކޮށްފި

ސިޓީން ވަރުގަދަ ޗެލްސީ ހަމަބިމަށް ތިރިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީން ވަރުގަދަ ޗެލްސީ ހަމަބިމަށް ތިރިކޮށްފިއެވެ.

މިއަދު ހަވީރު ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ޗެލްސީގެ މައްޗައް ކުރިހޯދީ 0-1 ނަތީޖާއަކުންނެވެ. މީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 0-1 ބަލިވެފައެވެ.

ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފްގައި މެންޗެސްޓަރ ސިޓީން ކާމިޔާބުކުރީ 53 ވަނަ މިނެޓުގައެވެ. މި ލަނޑު ސިޓީއަށް ކާމިޔާބުކޮށްދިނީ، ގެބްރިއަލް ޖެސޫސްއެވެ.

މި ނަތީޖާއާއެކު މެންޗެސްޓަރ ސިޓީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން ހޯދި 13 ޕޮއިންޓާއެކު ލީގު ތާވަލްގެ 2 ވަނައަށް ކުރިޔަށް ޖެހިލާފައެވެ. ސިޓީއާއި ޖެހިގެން 3 ވަނަ އަދި 4 ވަނައިގައި އޮތް ޗެލްސީ އާއި ޔުނައިޓެޑަށްވެސް ލިބެނީ 13 ޕޮއިންޓެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު މެންޗެސްޓަރ ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރި ފޯރިގަދަ މެޗުން ޔުނައިޓެޑް ބަލިވީ 0-1 ގެ ނަތީޖާއަކުންނެވެ.

އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމެން ދިޔަ މެޗުގައި އެސްޓަން ވިލާއިން ލަނޑެއް ޖަހާ 3 ޕޮއިންޓް ކަށަވަރުކުރީ 88 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ލަނޑު ޖަހައިގެންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ކޯޓްނީ ހައުސްއެވެ. ނަމަވެސް 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި ކޯޓްނީ ހައުސްގެ އަތުގައި ބޯޅަ ޖެހުމުން ޔުނައިޓެޑަށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ޕެނަލްޓީ އެއްވެސް ލިބިފައެވެ. ނަމަވެސް ބްރޫނޯ ފެނާންޑޭސް ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިއާ ދިމާ މާ މަތިން ބޭރަށެވެ.

ޕްރިމިއާ ލީގުގައި ޔުނައިޓެޑް މިހާތަނަށް ކުޅުނު 6 މެޗުން ހޯދި 13 ޕޮއިންޓާއެކު އެޓީމު އޮތީ 4 ވަނައިގައެވެ. ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ލިވަޕޫލަށް މިރޭ އެޓީމު ކުޅޭ މެޗު ކާމިޔާބުކޮށްގެން 3 ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުޞަތު މިހާރު މިވަނީ ލިބިފައެވެ. މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:30 ގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *