އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާ އިއުލާންކުރަން ފަށައިފިއެވެ.
މިއަދު ހެނދުނު 9 ޖެހިއިރު ފެށި އިންތިޚާބުގައި ވޯތުލުން ނިމި މިހާރު ވޯޓުގުނުމުގެ މަސައްކަތް މަރުކަޒުތަކުގައި ދަނީ ކުރިއަށެވެ. އަދި ބައެއް ދާއިރާތަކުގެ އިންތިޚާބުގެ ނަތިޖާ މިހާރު ވަނީ އިއުލާންކުރަން ފަށާފައެވެ. މިގޮތުން ސަސްޕެންޑްކޮށްފައިވާ ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފް ވާދަކުރި ދާއިރާކަމަށްވާ މެދ އުތުރު ދާއިރާގެ ރައީސްކަމަށް ތިން މީހަކު ވާދަކުރިއިރު ކުރީގައި އުޅެނީ މަހްލޫފްއެވެ. އެނާ ވާދަކުރި ދާއިރާގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެދާއިރާގެ ހުރިހާ ރަށެއްގައިވެސް އެންމެ ގިނަ ވޯޓު ލިބުނީ އޭނާއަށެވެ.
މި އިންތިޚަކީ އެމްޑީޕީގެ ކުރީގެ އިންތިޚާބުތަކަށްވުރެ ވަދަވެރި އިންތިޚާބެއްކަމަށް އެޕާޓިން ބުނެފައިވެއެވެ. ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް ޞާލިޙްގެ ފެކްޗަންގެ ވާދަވެރިކަން ބޮޑުވެ އެއްބަޔަކު އަނެއްބަޔަކަށް ރައްދު ދިނުންވެސް ކުރިއަށްދެއެވެ.
މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މި އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. އަދި މިއިންތިޚާބަކީ ދެބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް ކުރެވޭ ހަނގުރާމައިގެ ނިމުންކަމަށް ގިނަ ބަޔަކު ދެކެއެވެ.
ކޮމެންޓު ފޮނުވާ