ހދ.މަކުނުދޫގެ އަދާލަތު ޕާޓީގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއް ބޭފުޅާ އެޕާޓީ ދޫކޮށް، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.
މަކުނުދޫ އަދާލަތު ޕާޓީގެ އިސް ބޭފުޅެއް ކަމުގައިވާ ހީނާ އެމްޑީޕީއަށް ސޮއި ކުރުމަށްފަހު ފޯމް ހަވާލުކޮށް ފައިވަނީ އެދާއިރާގެ މެމްބަރު މުހައްމަދު ރާއީއާއެވެ. ރާއީވަނީ އޭނާ އެމްޑީޕީއާއި ގުޅުމުން ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފައެވެ.
ނިމިދިޔަ ހަފްތާގައި މަޖިލީހުގައި ވާހަކަ ދައްކަވަމުން ރާއީވަނީ އަދާލަތު ޕާޓީއަށާއި، އެޕާޓީގެ ރައީސް އިމްރާން އަބްދުދުﷲއަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވާފައެވެ. ރާއީވަނީ އެދާރާގައި އެޅުމަށް ނިންމައި ބަޖެޓްކޮށްފައިވާ ޖަލުގެ މަސައްކަތް ނުފަށަނީ އިމްރާން ބޭނުން ނުވުމުންކަމަށެވެ. ތަކުރާރުކޮށް ރައްޔިތުންނަށް އިތުރުފުޅު ހައްދަވައި އޮޅުވާލުން ފިޔަވައި މިހާތަނަށް އިމްރާން ކުރެއްވި ކަމެއްނެތްކަމަށް ރާއީ ވަނީ ވިދާޅުވެފައެވެ.
AP ge Makunudhoo ge issbeyfulhe kamugai vaa Heena MDP aai gulhi vadai gennevun ?@MDPSecretariat @amausoom pic.twitter.com/WdyScQd0gc
— Mohamed Raee / Makunudhoo Constituency (@Mraee12) September 24, 2021
އޭނާ ވިދާޅުވީ އިމްރާން ނޭކުރެންދޫގައި ޖަލެއް އެޅުމަށް ވައުދުވެ ތަފާތު ކުރެހުން ރައްޔިތުންނަށް ދައްކައި، ކުލަހުވަފެނުގައި ތިން އަހަރު ގެންގުޅެފައިވާކަމަށެވެ. ނަމަވެސް ދެން އެކަން ނުވާނެކަމަށެވެ. އިމްރާން ދެން ނޭކުރެންދޫއަށް ދާއިރު އިސްތިއުފާއަށް ގޮވައި ރަށުން ބާލާވަރު ނުކުރަނީސް ވެފައިވާ ވައުދު ފުއްދަން ޖެހޭނެކަމަށް ރައީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަޖިލީހުގައި އަދާލަތުގެ ގޮޑިއެއް ނެތުމަކީ، އެހެންބައެއްގެ މައްސަލައެއް ނޫންކަމަށެވެ. އަދި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައިވެސް އަދާލަތުގެ ބޭފުޅަކަށް މަޖިލީހަކަށް ނުވަދެވޭނެކަމަށެވެ.
ހދ. ނޭކުރަންދޫގައި ޖަލެއް ހެދުމަށް 2020ވަނަ އަހަރުގެ ބަޖެޓުންވަނީ 4.17 މިލިޔަން ރުފިޔާ ހިމަނާ ފައެވެ. ކޯވިޑް-19 އާއި ގުޅިގެން މަސައްކަތް ހުއްޓިފައިވީނަމަވެސް އަލުން އެމަސައްކަތް ފެށުމަށްޓަކައި މަސައްކަތްކުރެވެމުްނދިޔަކަމަށް ހޯމް މިނިސްޓަރ އިމްރާން ކުރިންވަނީ ވިދާޅުވެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އޭގެ އެއްވެސް މަސައްކަތެއް ހިނގަމުން ނުދެއެވެ.