ޤައުމު "ބްލީޑް"ވެ ލޭހުސްވާވަރުވެއްޖެކަމަށާއި، ފެކްޝަންތައް ނުހަދައި ޕާޓީ އިސްލާހުކުރަން ޖެހޭކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި މިފްކޯޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް ސަލީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ކުރިއަށްދާ މިވަގުތަކީ ޕާޓީތެރޭގައި ރައީސް ޞާލިޙައި ރައީސް ނަޝީދުގެ ފެކްޝަން އުފެދި ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެކެވެ. އަދި ދެ ފެކްޝަންގެ ވާދަވެރިކަން ބޮޑުވެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ވާދަވެރިކަންވެސް ވަނީ ބޮޑުވެފައެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދިނުންވެސް ކުރިއަށްދެއެވެ.
އެކަންކަމަށް އިޝާރާތްކުރައްވާ އާދިލް ސަލީމް ވަނީ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެން، ޤައުމީ މަޖިލީހަށް ހޮވުމަކީ ކޮރަޕްޓް ވުމަށް ހޯދާ ފާހެއްކަމުގައި ނުހެދުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. އޭނާ ވަނީ ފެކްޝަންތައް ނުހަދައި ޕާޓީ އިސްލާހުކުރުން މުހިންމުކަމަށްވެސް ވިދާޅުވެފައެވެ.
މި ޤައުމު "ބްލީޑް"ވެ ވެގޮސް ލޭ ހުސްވާވަރުވެއްޖެ. ފެކްޝަންތައް ނުހަދައި ޕާޓީ އިސްލާހުކުރުން މުހިންމު.
– އާދިލް ސަލީމް
#MDP QM ah kurimathi levvi candidatun ah kaamiyaabee edhen. Qaumee Majilis ah hovumakee corrupt vumah hodha faaheh kamuga nuhedhdhevumah emme beyfulhunnah naseyhaiy theri van. Mi qaum bleed ve ve gos ley hus vaa varu vejje. Faction thah nuhadha party islah kurun v muhimmu. ?
— Adil Saleem ? (@MadhilSaleem) September 25, 2021
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9 ޖެހިއިރުގައެވެ. ވޯޓުލުން ނިމޭނީ މިއަދު ހަވީރު 5 ޖަހާއިރުއެވެ. މި އިންތޚާބުގެ ވޯޓުލުން ކުރިއަށްދަނީ 3 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައިވެސް އެރަށެއްގެ ސްކޫލުގައެވެ. އަދި މާލޭގައި 15 ސްކޫލެއްގެ އިތުރުން ސޯޝަލް ސެންޓަރުގައެވެ.
އެ ޕާޓީއިން މިހާރު ވަނީ އިންތިހާބުގެ ކަންކަމާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވައިލާފައެވެ. މި އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގެ ވޯޓް ނެގުުމުގެ ކުރީން 165 ކެންޑިޑޭޓަކު ވަނީ ހޮވިފައެވެ. މި އިންތިޚާބުގައި 92،743 މީހުނަށް ވޯޓް ލެވޭނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.
މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށް ފަހު އެމްޑީޕީގެ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. އަދި މިއިންތިޚާބަކީ ދެބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް ކުރެވޭ ހަނގުރާމައިގެ ނިމުންކަމަށް ގިނަ ބަޔަކު ދެކެއެވެ.