މިހާރު ކުރިޔަށްދާ ޔޫއެން ޖެނެރަލް އެސެމްބްލީގެ 76 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، އެމެރިކާއިން އެގައުމާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، އެމެރިކާއިން އިރާނާ ދެކޮޅަށް ކުރަމުންދާ ބޮޑު ހަގުރާމައެއް ކަމުގައި، އިރާންގެ ރައީސް ކަމަމުގެ މަގާމާ އަލަށް ހަވާލުވެ ވަޑައިގެންފައިވާ ރައީސް އިބުރާހިމް ރައީސީ ވިދާޅުވެއްޖެއެވެ.
"ދަތި ކުރުމުގެ ފިޔަވަޅުތަކަކީ، އެމެރިކާއިން ދުނިޔޭގެ ގައުމުތަކާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ އާ ވައްތަރެއްގެ ހަގުރާމައެއް،" އިރާންގެ ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ޔޫއެންގައި ދެއްވި ފުރަތަމަ ތަގުރީރުގައި އެމެރިކާއަށް ފާޑު ވިދާޅުވަމުން ރައީސީ ވިދާޅުވިއެވެ.
ދުނިޔޭގެ 100އަށްވުރެ ގިނަ ގައުމުތަކުގެ އިސްވެރިން ޔޫއެންގެ ޖެނެރަލް އެސެމްބްލީއަށް ހާޒިރުވެ ތަގުރީރު ކުރައްވަމުން ގެންދެވި ނަމަވެސް، ދުނިޔޭ މަދު އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް އިރާނުގެ ރައީސް އިބުރާހުމް ރައީސީވެސް ޖެނެރަން އެސެމްބްލިއާއި މޫޚާތަބު ކުރެއްވުމަށް އިޚްތިޔާރު ކުރެއްވީ އަމިއްލަފުޅު ގައުމުގައި ހުންނަވައިގެން އޮންލައިން ކޮށެވެ.
ފާއިތުވެދިޔަ މަހު އިރާންގެ ރައީސްކަމާއި ރަސްމީކޮށް ހަވާލުވެ ވަޑައިގެންނެވި އިބްރާހިމް ރައީސީއަކީ މީގެ ކުރިން އެގައުމުގެ ޝަރުއީ ދާއިރާގެ އެންމެ އިސްވެރިއާއެވެ. އަދި އޭނާއަކީ ހަރުކަށި ސިޔާސަތުތަކަށް ތާޢީދު ކުރައްވާ ބޭފުޅަކަށް ވާއިރު، އޭނާ ފާހަގަވެގެން ގޮސްފައިވަނީ، އިރާނުގެ ދައުލަތުގެ އެންމެ ފަހުބަސް ބުނާ ފަރާތްކަމުގައިވާ އެގައުމުގެ ރޫހާނީ ލީޑަރުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.
"މިއަދު އެމެރިކާއިން އިރާގާއި އަފްއާނިސްތާން ދޫކޮށް ދިޔައީއެއް ނޫން. އެމީހުން މި ދެގައުމުން ބޭރު ކޮށްލީ،" ޔޫއެން ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.
ޔޫއެން ޖެނެރަލް އެސެމްބްލީގެ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސީ ވަނީ އެމެރިކާއާއި އެކީ މަޝްވަރާ ކުރަމުން ދާނެކަމަށް ވިދާޅުވިނަމަވެސް، އެގައުމުގެ މިސައިލް ޕްރޮގްރާމާ ގުޅޭ ގޮތުންނާއި އަދި އިރާނުން ސަރަހައްދީ ޖަމާއަތްތަކަށް ފޯރުކޮށް ދެމުންދާ އެހީތަކާ ގުޅޭގޮތުން އެމެރިކާއާއި މަޝްވަރާ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ