ސީއެޗްއެސްއީގެ އިސްލާމް މުދައްރިސް ކުއްލިގޮތަކަށް ނިޔާވެއްޖެ

ސީއެޗްއެސްއީގެ އިސްލާމް މުދައްރިސް ކުއްލިގޮތަކަށް ނިޔާވެއްޖެ

Author
މުޙައްމަދު ޖިމީ
21 ސެޕްޓެމްބަރ 2021 12:03
0

މަތީ ސާނަވީއަށް ކިޔަވައިދޭ ސެންޓަރ ފޯރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގައި ގިނަ ދުވަސްތަކެއް ވަންދެން އިސްލާމް މާއްދާ ކިޔަވައިދެއްވަމުން ގެންދެވި މުދައްރިސް އަލްއުސްތާޒް ސުޢޫދު މުހައްދުފުޅު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މަޑުމައިތިރި އަދި ދަރިވަރުންނާއި ގާތް ގުޅުމެއް ބާއްވަމުން އައި ސުޢޫދު ނިޔާވެފައިވަނީ ނިދަން އޮއްވައި ނޭވާލާން ދަތިފުޅުވެގެން ހޮސްޕިޓަލަށް ގެންދިޔަތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. ސުޢޫދު ވަނީ އިއްޔެވެސް ސްކޫލަށް ނިކުންނަވައި ކިޔަވައިދެއްވާފައެވެ. ސުޢޫދު ނިޔާވިއިރު ޢުމުރުފުލަކީ 52އެވެ.

އިސްލާމް މުދައްރިސެއްގެ ގޮތުގައި 22 އަހަރު ހޭދަކުރައްވާފައިވާ ސުޢޫދު ސީއެޗްއެސްސީއާއި ގުޅިވަޑައިގަތަތީމީގެ 19 އަހަރު ކުރިންނެވެ. އިސްލާމީ ޔުނިވާސިޓީގައި ޕާޓް ޓައިމްކޮށް މަސައްކަތްކުރައްވަމުންވެސް ގެންދަވާ ސުޢޫދު ވަނީ ސީއެޗްއެސްއީގެ އިސްލާމް ޑިޕާޓްމަންޓްގެ ހެޑްކަންވެސް ކުރައްވާފައެވެ.

ސުޢޫދު ވަނީ މީގެ ކުރިން އެމްއީއެސް އަދި އަމީނިއްޔާ ސްކޫލްގައިވެސް އިސްލާމް މުދައްރިސެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.

ސުޢޫގެ ކުއްލި ވަކިވެގެން ދިއުޔުން އެޑިއުކޭޝަން މިނިސްޓްރީން ސިފަކުރައްވާފައވަނީ، ތަޢުލީމީ ދާއިރާއަށް ލިބިގެންދިޔަ ފުން ހިތާމައެއްގެ ގޮތުގައެވެ.

ސަޢޫދު ނިޔާވުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ތައުޒިޔާގެ މެސެޖުގައި ވަނީ، ސައުުދުގެ އާއިލާއަށް ތަޢުޒިޔާ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.