މެޗުގެ އެންމެ ފަހު މިނެޓުގައި ޑޭވިޑް ޑެހެއާ މަތަކުރި ޕެނަލްޓީއާއެކު ވެސްޓް ހޭމް އަތުން ޔުނައިޓެޑް މުހިއްމު 3 ޕޮއިންޓް ހޯދައިފިއެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވެސްޓް ހޭމް ޔުނައިޓެޑުންނެވެ. މި ލަނޑަކީ މެޗުގެ 30 ވަނަ މިނެޓުގައި ވެސްޓް ހޭމްގެ ސައީދު ބެންރަހްމާ ފޮނުވާލި ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ ޔުނައިޓެޑުގެ ޑިފެންޑަރ ރަފައެލް ވަރާން ގައިގަ ޖެހިފައި ވަން ލަނޑެކެވެ. ވެސްޓް ހޭމުން ލަނޑެއް ޖަހާ ލީޑު ނެގިތާ މާ ގިނައިރުތަކެއް ނުވަނީސް ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. މިއީ ބްރޫނޯ ފެނާންޑޭޒް އޭރިއާތެރެއަށް ނަގައިދިން ބޯޅައެއް ހޯދައިގެން ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ޔުނައިޓެޑާއި ގުޅުމަށްފަހު ރޮނާލްޑޯ ކާމިިޔާބުކުރި ހަތަރު ވަނަ ލަނޑެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ލީޑު ނެގީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލިންގާޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި ލަނޑު ލިންގާޑް ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ މެޗުގެ 89 ވަނަ މިނެޓުގައެވެ. މެޗުގައި އެންމެ ފޯރިގަދަ ވެގެން ދިޔައީ އިތުރު ވަގުތުގެ ތެރޭގައި ޕެނަލްޓީ އޭރިޔާ ތެރެއިން ޔުނައިޓެޑުގެ ޑިފެންޑަރު ޝޯ އަތުގައި ބޯޅަ ޖެހުމުގެ ސަަބަބުން ވެސްޓް ހޭމަށް ޕެނަލްޓީއެއް ލިބުނު ހިސާބުންނެވެ. ރެފްރީ މި ޕެނަލްޓީ އެޓީމަށް ދިނީ ވީއޭއާރުވެސް ބެލުމަށްފަހުއެވެ. ނަމަވެސް ޑޭވިޑް ޑެހެއާ ވަނީ މި ޕެނަލްޓީ މަތަކޮށް ޔުނައިޓެޑުގެ ސަޕޯޓަރުން އުފާކޮށްދީ މުހިއްމު 3 ޕޮއިންޓް ޔުނައިޓެޑަށް ކަށަވަރުކޮށްދީފައެވެ.
މިމެޗުން ޔުނައިޓެޑް މޮޅުވިއިރު، އެޓީމުން އޮތީ ކުޅުނު ފަސް މެޗުން ލިބުނު 13 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައިއެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް އަދި ދެވަނައިގައި އޮތް ޗެލްސީއަށްވެސް ފަސް މެޗުން ހަމަ މިއަދަދަށް ޕޮއިންޓު ލިބޭއިރު މި ޓީމުތައް އެތުރިފައި އޮތީ ލަނޑުގެ ތަފާތުންނެވެ.